މަހާސިންތާ އާއި ހޮޅިއަށި ސަރުކާރަށް ރައްޔިތުންގެ ބަސް މުހިންމެއްނުވި!

28 Aug 2020 | 04:34

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުމަށްފަހުވެސް އެންމެ އިސްކަމެއް ދެއްވީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ރައްޔިތުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުންކަމުގައި އޭރު އިންތިހާބީ ރައީސް ޞާލިހްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވެއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުން ކަންކަން ނިންމާނީ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށާއި، ރައްޔިތުންގެ އަޑުއެހުމަށް ފަހު، ސަރުކާރުގެ ޕްލޭންގެ ތެރެއިން ކަންކަން ފުޅާކުރަމުންދާނެ ކަމަށެވެ.

އެގޮތުން ގިނަ އަދަދެއްގެ ހޮޅުއަށިތައް މިނިސްޓްރީތަކާއި ސިޓީ ކައުންސިލްތަކުން ބާއްވާފައިވާ އިރު ރައީސް ޞާލިހްވެސް ވަނީ ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ރައްޔިތުންނަށް ދައްކުވައިދީ ސަރުކާރުން ހުރިހާ ކަމެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއާއި އެކުގައިކަމަށެވެ.

ނަމަވެސް ދެން ފެނިގެންދިޔައީ ރައީސް ޞާލިހް ބައިވެރިވި ހޮޅުއަށިތަކުގައި ރައީސް ޖަވާބު ދިނުން ހުއްޓާލި މަންޒަރެވެ. މަސްވެރިންގެ ޝަކުވާއާއި މައްސަލަތައް އަޑު އެއްސެވުމަށް ބޭއްވި ބައްދަލުވުން ނިމިގެން ދިޔައީ އެއްފަޅިން ވާހަކަ ދައްކާލައިގެންނެވެ.

އެއާއެކު މުޅީންކަހަލަ ގޮތަކަށް ރައްޔިތުންނާއި ރައީސް ޞާލިހް ބައްދަލުކުރުން ހުއްޓުނީއެވެ. ހޮޅުއަށިތައް ގެއްލުނީއެވެ.

ސަރުކާރު ކަންކަން ނިންމަމުން ދަނީ ސަރުކާރުގެ "ބާރު ގަދަ" އެތިން މިނިސްޓަރަކަށް ފެންނަގޮތަކަށް ކަމަށް ތުހުމަތު ކުރަމުން މި އަންނަ ކޮވިޑް19 ގެ ބަލިބަޑުކަމުގައި ގިނަ ނިންމުންތަކެއް ނިންމާފައިމިވަނީ ރައްޔިތުންގެ ރައްކަލަކަށްކަމަށް ބުނެއެވެ. އެ އަޑު އަހައި ރައްޔިތުން މަޑުން ބަސްއަހައިގެން ތިބީއެވެ.

ހަރުކަށި ފުރަބަންދަށް ލުއި ދިނުމަށްފަހު އަނެއްކާވެސް މި ފެނަންނީ ކޮވިޑްއާއި ގުޅިގެން ސަލާމަތީ ފިޔަވަޅު ސަރުކާރުން އިތުރުކުރަން ފަށާފައިވާ މަންޒްރެވެ. 3 މަސް ވިޔަފާރިތަކަށް ބޮޑު ގެއްލުމުގައި ހިންގާފައިވަނީ ވިޔަފާރިވެރިން އެ ހާލަތު ބަލައިގަންނަމުނެވެ.

ނަމަވެސް ރޭ ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިވަނީ އަނެެއްކާވެސް ވިޔަފާރިވެރިންނާއި ގުޅުން ހުރި ބޮޑު ނިންމުމެއް ކުއްލި ގޮތަކަށް ނިންމައި އިއުލާން ކުރައްވާފައެވެ.

މިރެއިން ފެށިގެން ރޭގަނޑު 8އިން ފެށިގެން ފަތިހު 5އަށް މާލޭ ސިޓީގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމުމާއެކު ބޮޑު ޖޫރިމަނާއެއްވެސް ކުރާނެކަން ހާމަކުރެއްވިއެވެ.

މި ނިންމުން ތަންފީޒު ކުރާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި ވަގުތުގައި އެއްވެސް އުޅަނދެއް ދުއްވާނަމަ ފުރަތަމަ ފަހަރަށް ނަސޭހަތް ދޭނެ ކަމަށާއި، އަދި ދެވަނަ ފަހަރަށް އެ އުޅަނދެއް އެވަގުތުގެ ތެރޭގައި ފެނިއްޖެނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އިތުރު ފިޔަވަޅެއްގެ ގޮތުން އެ އުޅަނދެއް ޓޯވ ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއީ މީހުން އެއްވެ އުޅުން މަދު ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. ފަހަކަށް އައިސް ބޮޑެތި އެއްވުންތަކާއި، ޕާޓީތައް ބާއްވަމުންދާކަން ފާހަގަ ކުރެވިފާވާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޞާލިހްގެ ސަރުކާރު ފެށިގެން އައި އިރު ރައްޔިތުންގެ ކައިރިން ހިޔާލާއި ލަފާ ހޯދުމަށް ޖެއްސެވި "ޕީއާރ" ސްޓަންޓަކަށް ވެގެންދިއީއެވެ. މިފަދަ ބޮޑު ނިންމުމެއް ނިންމަން ވިޔަފާރިވެރިންގެ ބައެއް އެއްވެސް ވަރަކަށް ހޯދާދައިނުވާކަމަކީ ކަންބޮޑުވާންޖެހޭކަމެކެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާތަކާއި ވެސް ބައްދަލުކޮށް މިކަމުގެ ހިޔާލު ބަދަލުކޮށްފައިނުވުމުން މިއީ ރައްޔިތުންނަށް މިކަމުން ދިމާވާނެ ގެއްލުން އަންދާޒާނުކޮށް އެއްފަޅިއަށް ނިންމާފައިވާ ނިންމުމެއްކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ

ސަރުކާރުގެ މި ނިންމުމާއެކު މިއަދު މިވަނީ އެޗްއީއޯސީގެ ހެޑް އޮފީސް ދަރުބާރުގެ ކުރިމައްޗައް ރެސްޓޯރަންޓްތަކުގެ ވެރިން އެއްވެ އިހުތިޖާޖުކޮށްފައެވެ. އެދުނީ އެފަރާތްތަކާއެކު މަޝްވަރާކުރުމަށެވެ. ވިޔަފާރީ ބަނގުރޫޓުވާކަމާއި އެ ފަރާޓްތަކުގެ ބަސް ހޯދުމަށްފަހު މިފަދަ ނިންމުން ނިންމުމަށެވެ. ނަމަވެސް ސުލްހަވެރި މި އިހުތިޖާޖު ފުލުހުން ވަނީ ފަހަތަށް ޖައްސާ މި ރައްޔިތުންގެ އަޑު ވެރިނަނާއި ހަމަޔަށް ނީވޭ ހިސާބަށް ޖައްސާފައެވެ.

މިފަދަ ދަތިވަގުތުތަކުގައި ސަރުކާރުން ދަތި ނިންމުންތައް ނިންމަން ޖެހޭނެކަމަކީ ހުރިހާ ފަރާތަތްތަކުންވެސް ޤަބޫލުކުރާނެކަމެކެވެ. ނަމަވެސް މި ފަދަ ކަންކަމަކީ އާންމު ރައްޔިތުން މީހާއަށް ބޮޑެތި އަސަރުކުރާނެކަމަށްވާއިރު ރައްޔިތުންގެ ފަރާތުން ބަސް ހޯދޭނެ ނިޒާމެއް އޮތުމަކީ ނުހަނު މުހިންމުކަމެކެވެ. އަދި އެފަދަ ގޮތަކަށް ނިންމާ ނިންމުމަށް މިފަދަ ނިންމުން ވާންޖެހެއެވެ.

ފޮޓޯ: މަރިޔަމް ޝިއުނާ/ ދިވެހި ޗެނަލް

Advertisement

ކޮމެންޓް