ބަލީގެ ހާލަތު ގޯސްވެ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ވަނީ ބުރަވެފައި: ޑރ.ޝީނާ

23 Aug 2020 | 17:39

ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތު ގޯސްވެ، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ބުރަވެފައިވާކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ.ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ޚަބަރުފީތާ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޑރ.ޝީނާ ވިދާޅުވީ ލޮކްޑައުނެއްގައި އޮތުމަށްފަހު ހުޅުވާލުމުން ކޭސްތައް އިތުރުވާނެކަމަށް އެޗްޕީއޭއިން އޮތީ މާކުރިންވެސް ނިންމާފައެވެ. އެހެން ނަމަވެސް ހުރިހާ ފަރާތްތަކުންވެސް ގައިޑްލައިންތަކަށް ތަބާވެ، އެކަށީގެންވާ މިންގަނޑެއްގައި ބަލި ކޮންޓްރޯލް ކުރެވޭނެކަމަށް އުންމީދު ކުރެވުނު ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ. ނަމަވެސް ހީކުރި ވަރަށްވުރެ ހާލަތު ގޯސްވެފައިވާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ޑރ.ޝީނާ ވިދާޅުވި ގޮތުގައި ބަލި ފެތުރޭ މިންވަރު ވަކި ވަރަކަަށްވުރެ އިތުރުވާނަމަ އަޅަންޖެހޭނެ ފިޔަވަޅުތައް އެޗްޕީއޭގެ ވެބްސައިޓްގައިވެސް ފާހަގަކޮށްފައިވާނެއެވެ. އަދި އެ އެލާޓް ލެވެލްތަކާއި އިންޑިކޭޓަރތައް ގާތުން ބަލަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން ވަނީ މިދިޔަ ހަފުތާގެ އިންޑިކޭޓާސްތައް ބެލިއިރު ލޮކްޑައުނަށް އަރަން އެންމެ ޕޮއިންޓެއް އިނީ"، ޑރ.ޝީނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އާންމު ހާލަތެއްގައި ކޮންމެ ފަސް އެނދަކަށް އެޓެންޑްކުރުމަށް ހުންނާނީ އެންމެ ނަރުހެކެވެ. ނަމަވެސް މިހާރު ކޮންމެ 30 އެނދަކަށް އެޓެންޑްކުރަނީ އެންމެ ނަރުހެއްކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެންމެ ރައުންޑެއް ހެދުމަށް ޑޮކްޓަރުންނަށް ދިހަ ގަޑިއިރު ހޭދަވާކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޑރ.ޝީނާ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަަށް ވަނީ ބުރަބޮޑުވެފައެވެ. އަދި މި ރޭޓުގައި ދާކަމުގައިވާނަމަ ސްކޫލެއްގައި އެނދުތަކެއް ޖަަހައިގެން ބޭތިއްބިޔަސް ބަލިމީހުންނަށް ފަރުވާދޭނެ ވަރަށް ސިއްހީ މަސައްކަތްތެރިން ނުތިބޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ފަރުވާ ނުދެވޭނެމަ މަރުވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް