ރެސްޓޯރެންޓް އަދި ކެފޭތަކަށް ލުއި ހޯދައިދޭން ކަމާއިބެހޭ ގިނަ މުއައްސަސާތަކާއި ރޭމްއިން ބައްދަލުކޮށްފި

23 Aug 2020 | 19:36

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ ރެސްޓޯރެންޓްތަކުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް)އިން ކަމާއިބެހޭ ގިނަ ފަރާތްތަކަކާއި ބައްދަލުކޮށްފިއެވެ.

ރޭމްއިން މައުލޫމާތުދޭ ގޮތުގައި އިއްޔެ އެފަރާތުން ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިސްފަރާތްތަކާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރޭމްއިން ވަނީ ގިނަ ދުވަސްތަކަކަށްފަހު ހުޅުވުނުއިރު ކެފޭ ރެސްޓޯރެންޓްތަކަށް ވިޔަފާރިކުރުމަށް ލިބެނީ ކުޑަ ވަގުތުކޮޅެއްކަމަށް ވުމާއި އެކު، މިހާރަށްވުރެ ބަންދުކުރާ ގަޑި ލަސްކޮށްދޭން އިލްތިމާސްކޮށްފައެވެ. އަދި އެޗްޕީއޭގެ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމާއި، ހުއްދައިގެ މުއްދަތު ހަމަވުމުން ކުރެވޭ ޖޫރިމަނާގެ އަަދަދު ކުޑަކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ޚިދުމަތްދޭ ފަރާތްތަކަށް ފެންނާނެހެން އެޗްޕީއޭގެ ޗެކްލިސްޓް އާންމުކުރުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ރޭމްއިން ބުނީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލާއި އެކު ބޭއްވުނު ބައްދަލުވުމުގައިވެސް ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރާ ގަޑި ފަސްކޮށްދޭން އެދިފައިވާނެ ކަމަށެވެ. އަދި ދައްކަންޖެހޭ ޓެކްސްއަށް މާފުދިނުން ނުވަތަ އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކުމާއި މެދުވެސް މަޝްވަރާ ކުރެވުނު ކަމަށް އެޖަމްއިއްޔާއިން މައުލޫމާތުދެއެވެ. މި ބައްދަލުވުމުގައި ރޭމްއިން ވަނީ މީސް މީޑިޔާ މެދުވެރިކޮށް ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ރެގިއުލޭޓް ކުރުމާއި މެދުވެސް ވާހަކަ ދައްކާފައެވެ.

އެ ޖަމްއިއްޔާއިން އެމްޑަބްލިޔުއެސްސީއާއި އެކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ވަނީ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް ރިއާޔަތްކޮށް، ޑޮމެސްޓިކް ރޭޓް ހަމަޖައްސައި ދިނުމަށާއި ބިލް ނުދެއްކޭ ފަރާތްތަކަށް އިންސްޓޯލްމެންޓުން އެކަން ކުރެވޭނެގޮތް ހަމަޖައްސައިދޭން އެދިފައެވެ.

މިކަމަށް އެކުންފުނިން ފެހި ސިގްނަލެއް ލިބިފައިވާކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް

Advertisement