އާ ސަރުކާރުގެ ފުރަތަމަ 100: ބޭއިންސާފުން ނުލިބި ހުރި ފްލެޓްތައް ދެނީ!

18 Nov 2018 | 19:19

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، ބޭއިންސާފުން ދޫކޮށްފައިވާ ފްލެޓްތައް އަލުން ލިބިދިނުމުގެ ނިޒާމެއް ގާއިމްކުރާނެކަމަށް ވައުދުވެއްޖެއެވެ.

ރައީސް އިބްރާހިމްގެ އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތައް ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާއިރު، އެ ވައުދުތަކުގައި ވަނީ ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ޙައްޤުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް، ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމަށް ބަޔާންކޮށްފައެވެ. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވޭނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފްލެޓްތަކަށް އެދުމުގައި ކިއުގައި ނުޖެހި ފްލެޓްތަކަށް އެދެވޭނެ ނިޒާމެއް ގާއިމްކުރާނެކަމުގެ ވައުދުވަނީ ވެފައެވެ.

މިއާއިއެކު، ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ނިމިފައި ނަމަވެސް ހަވާލުނުކޮށް ހުރި ފްލެޓްތައް ހައްޤުވާ ފަރާތްތަކާއި ހަވާލުކުރެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އާ ރައީސްގެ ސަރުކާރުން ވަނީ ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ އަދަދެއް ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުވާ މުޅި ރާއްޖޭގެ ހައުސިން ނީޑް އެސެސްމަންޓެއް ހަދައި އެންމެނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއުއެއް، ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފެއްޓުމަށްވެސް ނިންމާފައެވެ.

Advertisement

ކޮމެންޓް