Advertisement

ޑެލިވަރީ އެއްކޮށް މަނާ ނުކުރަން، ފައިމަގުގައި އެކަން ކުރެވިދާނެ: ފުލުހުން

25 Aug 2020 | 11:48

މިރޭ 8 އިން ފެށިގެން މާލޭ ސިޓީގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކޮށްފައި ވީނަމަވެސް، ކާބޯތަކެތި ޑެލިވަރކުރުން އެއްކޮށް މަނާ ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ކުރިއަށްދިޔަ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ޑެލިވަރީކުރުން މަނާކުރަނީއެއް ނޫން ކަމަށާއި، ނަމަވެސް ވެހިކަލްތައް ދުއްވުން މަނާ ވަގުތަކަށްވުމުން ވެހިކަލްތަކުގައި އެ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"އެހެން ނަމަވެސް 9:30 އާއި ހަމައަށް ޑެލިވަރީކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވެއްޖެކަމަށް ވަންޏާމުން ފައިމަގުގައި އެކަން ކުރެވިދާނެ. އެހެން ނަމަވެސް ދުއްވާ އެއްޗެއްގައި އެކަން ކުރާކަށް އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދެވޭނެ ވެހިކަލް ދުއްވުން މަނާ ގަޑިއަކަށް ވާތީވެ"، ޝަރީފް ވިދާޅުވިއެވެ.

އެބޭފުޅާ ވަނީ މިވަގުތުތަކުގެ ތެރޭގައި ބައިސްކަލްގައިވެސް ޑެލިވަރީ ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަލީ ލަތީފް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ލޮކްޑައުނަކާއި ހިސާބަށް ނުގޮސްވޭތޯ އެންމެންވެސް ބަލަންޖެހޭނެ ކަމަށެވެ. އަދި އަޅާ ފިޔަވަޅުތަކާއި ގުޅިގެން އިގްތިސާދީ ނަޒަރަކުންވެސް ކަންތައްތައް ބަލަންޖެހޭނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ޑރ.ލަތީފް ވިދާޅުވީ ފިޔަވަޅުތައް އެޅުމަށް މަޝްވަރާކުރާއިރު، އިގްތިސާދީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންފަދަ ފަރާތްތަކުންވެސް ބައިވެރިވާ ކަމަށެވެ. މިއީ ހަމައެކަނި ސިއްހީ ފަރާތްތަކުން އެކަނި ނަގާ ނިންމުންތަކެއް ނޫންކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ޑރ.ލަތީފް މިފަދަ ފިޔަވަޅުތަކުން ތަކުލީފްތަކެއް ލިބޭނެކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް ބަލި ކޮންޓްރޯލްކުރަން މިވަގުތު މި ފިޔަވަޅުތައް ނާޅައިފިނަމަ ފަހުން އަޅަންޖެހޭ ފިޔަވަޅުތައް މާބޮޑުވާނެ ކަމަށެވެ. 

Advertisement

ކޮމެންޓް