Advertisement

ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީން ޚަރަދުތައް ކޮށްފައިވަނީ ގަވާއިދާއި އެއްގޮތަށް: އޮޑިޓް ރިޕޯޓް

24 Aug 2020 | 18:39

ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ޚަރަދުތައް ކޮށްފައިވަނީ ގަވާއިދާއި އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.

އެ އޮފީހުން އާންމުކުރި ފޮރިން މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެން ޚަރަދުކުރުމަށް ކަނޑައެޅުނު ބަޖެޓަކީ 7،150،923 ރުފިޔާއެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ޒަކާތު  ފަންޑުންވެސް ތިން މިލިޔަން ރުފިޔާ ވަނީ ފޮރިން މިނިސްޓްރީއަށް ލިބިފައެވެ. މި މިނިސްޓްރީގެ އޮޑިޓް ކުރެވުނު މުއްދަތުގެ ތެރޭގައި ޚަރަދުކޮށްފައިވަނީ ޖުމްލަ 7،266،467 ރުފިޔާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މި އޮޑިޓް ކުރުމަށް ބެލިފައިވާ މުއްދަތަކީ 01 ޖެނުއަރީއިން ފެށިގެން 30 ޖޫންގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ދާއިރާ ކިޔަވާ ފަރާތްތަކާއި އެހެނިހެން ފަރާތްތައް ދިވެހިރާއްޖެއަށް ގެނައުމަށް ހިނގި ޓިކެޓުގެ ޚަރަދަށެވެ. މިކަމަށް ވަނީ 4،106،158 ރުފިޔާ ޚަރަދުކޮށްފައެވެ.

މި ރިޕޯޓް ނިންމާލަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އޮޑިޓްކުރި މުއްދަތުގެ ތެރޭގައި ފޮރިން މިނިސްޓްރީން ކުރި ޚަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތު ގާނޫނާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އަދި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރި ޚަރަދުތަކެއް ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ޓޫރިޒަމް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ.

Advertisement

ކޮމެންޓް