ހިޔާގެ ހަތަރު ކެޓަގަރީއަކުން ފްލެޓްލިބޭ މީހުންގެ ޢަދަދު މަދުކުރުމަށްފަހު މާލެ ރަށްވެހިންނަށް އިތުރުކޮށްދީފި

25 Aug 2020 | 11:10

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާ މަޝްރޫއުގެ ކެޓަގަރީތަކަށް ބޮޑެތި ބަދަލުތަކެއް ގެނައިކަންވަނީ ހާމަކޮށްފައެވެ.

އެގޮތުން ކުރިން ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ، އަދި ޓީޗަރުންގެ ކެޓަގަރީއިން ކުރިމަތިލީ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭގޮތައް އޮތްނަމަވެސް މިހާރު ޢަދަދުތައްވަނީ މަދުކޮށްފައެވެ. މީގެ އިތުރުން ދެން ޢަދަދު މަދުކޮށްފައިވަނީ 18 އަހަރާއި 40އަހަރާއި ދެމެދުގެ ކެޓަގަރީއިންނާއި އެކަނިވެރި މައިންގެ ކެޓަގަރީއިންނެވެ.

ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީއިން ކުރިން 475ފްލެޓް ދިނުމަށް ކަނޑައަޅާފައިވީނަމަވެސް މިޢަދަދު މިހާރުވަނީ 233އަށް މަދުކޮށްފައެވެ. މީގެ އިތުރުން ފްލެޓްކޮމިޓީގެ މެންބަރު ޠޯހާ މަޢުލޫމާތު ދިންގޮތުގައި ޖުމްލަ ޕޮއިންޓް %50 އަށްވުރެ މަދުވާނަމަ ބަލާނީ ކޮލިފައިނުވާ ކަމަށެވެ. މިއަދު ނެރުނު ލިސްޓުތަކުގައިވާގޮތުން މި ކެޓަގަރީއިން %50އަށްވުރެ މަތިން މާކުސް ލިބިފައިވަނީ 194 ފަރާތަކަށެވެ. މިނިސްޓަރ އަސްލަމް ވިދާޅުވިގޮތުގައި ބާކީހުރި ފްލެޓްތައް ބަދަލުކުރަނީ މާލޭ ރަށްވެހީންނަށް ޚާއްސަ ކެޓަގަރީއަށެވެ.

ޓީޗަރުންނަށް ޚާއްސަ ކެޓަގަރީއިން ކުރިން ދިނުމަށް ހަމަޖައްސާފައިވަނީ 625 ފްލެޓެވެ. މިއަދަދު މިހާރުވަނީ 523އަށް މަދުކޮށްފައެވެ. އެހެންނަމަވެސް މިއަދު ނެރުނު ލިސްޓުން އެނގޭ ގޮތުން ޖުމްލަ %50އަށްވުރެ ގިނައިން ލިބިފައިވަނީ އެއަށްވުރެވެސް މަދު ޢަދަދަކަށެވެ. އެއީ 436އެވެ. މިކެޓަގަރީގެވެސް މަދުވި ފްލެޓްތައް އިތުރުކޮށްފައިވަނީ މާލޭ ރަށްވެހީންނަށް ޚާއްސަ ކެޓަގަރީއަށެވެ.

18 އަހަރާއި 40އަހަރާއި ދެމެދުގެ ކެޓަގަރީއިން ކުރިން ދިނުމަށް ހަމަޖައްސާފައިވަނީ 7000ޔުނިޓުގެ ތެރެއިން 1000ފްލެޓާއި 2500 ފްލެޓްގެ ތެރެއިން 500ފެލްޓެވެ. އެހެންކަމުން ޖުމްލަ 1500ފްލެޓެވެ. އެހެންނަމަވެސް 2500 ޕްރޮޖެކްޓް މިހާރުވަނީ ބަދަލުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން އަޅާ މާލެ ރަށްވެހީންނަށް އިމާރާތްކުރާ 1700ހައުސިންގ ޔުނިޓަށް ބަދަލުކޮށްފައެވެ. މިއަދު ނެރުނު އިޢުލާނުގައިވާގޮތުން 7000 ޔުނިޓުގެ ތެރޭގައި މިކެޓަގަރީއަށް މިހާރު ޚާއްސަކުރާނީ 805 ފްލެޓެވެ. އެހެންކަމުން މިކެޓަގަރީގެ ކުރިން ހުރި ޖުމްލަ ޢަދަދު 1500އިން 805އަށް މިވަނީ މަދުވެފައެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތައް މާކުސް އުނިވެ ޖުމްލް %50 ޕޮއިންޓް އެޢަދަދައް މީހުންނަށް ހަމަނުވާނަމަ މިއަށްވުރެވެސް މަދުވުން އެކަށީގެންވެއެވެ. މިކެޓަގަރީގެ ލިސްޓުތައް އަދި އާއްމެއް ނުކުރެއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީއިން ކުރިން 500 ފްލެޓް ދިނުމަށް ހަމަޖައްސާފައިވީނަމަވެސް މިޢަދަދު މިހާރުވަނީ 423އަށް މަދުކޮށްފައެވެ. އެހެންނަމަވެސް މިކެޓަގަރީގެ ލިސްޓުތައް ފްލެޓް ކޮމިޓީއިން އަދި އާއްމުކޮށްފައިނުވާތީ %50އަށްވުރެ ދަށުން ޕޮއިންޓް ލިބޭތީ އުނިވާ މީހުންގެ ޢަދަދެއް ނޭނގެއެވެ.

ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވިގޮތުގައި މިފްލެޓްތަކަކީ މާލޭގައި އަޅާ ފްލެޓްތަކަކަށްވުމާއެކު ސަރކާރުގެ އަމާޒަކީ މާލޭގެ ރަށްވެހީންނަށް އިތުރު ފްލެޓްތަކެއް ހާއްސަކުރުމެވެ. އެގޮތުން %70 އިތުރަށް މާލެ ރަށްވެހިންގެ ކެޓަގަރީއަށް އިތުރުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ކުރިން މާލެ ރަށްވެހީންނަށް 1000ފްލެޓް ހާއްސަކޮށްފައިވީނަމަވެސް މިހާރު 1772އަށް އިތުރުވެއެވެ.

Advertisement

ކޮމެންޓް

Advertisement