Advertisement

ދިވެހިރާއްޖެ ވެންޓިލޭޓަރުގައި، ރައީސް ޞާލިހްގެ ހިލަމެއްނެތް!

25 Aug 2020 | 21:16

ރާއްޖޭގައި މިވަގުތާއި ހަމަޔަށް ކޮވިޑް-19 ބަލީގައި 28 މީހަކު މިދުނިޔެ ދޫކޮށްފައިވާ އިރު، 170 އަށްވުރެ ގިނަ ހައިރިސްކް މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެވެމުންނެވެ. އެތައް ބަޔަކު ކޮވިޑް-19 އަށް ޕޮސިޓިވްވެ، ކަރަންޓީން ފެސިލިޓީއަށް ނުގެންދެވި ވެއެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް ބުރަ ބޮޑުވެ އެ ހިދުމަތްތެރިން ވަނީ ވަރުބަލިވެފައިކަމަށް ކޮވިޑް-19 އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދެއެވެ.

ކުދި ބޮޑު ވިޔަފާރިތައް ބަނގުރޫޓުވުމާއި ގާތްވެ، ގިނަ ބަޔަކު މިވަނީ މަގުމައްޗައް ނިކުންނަން ފަށާފައެވެ. ސިއްހީ އަދި އިޤްތިސާދީ ބޮޑު މުސީބާތުގެ ތެރޭގައި ޤައުމުގެ ހުރިހާކަމެއް ކަހަލަ ގޮތަކަށް ހިންގަމުން ދާތަން ފެންނަނީ ބައިބަޔަށް، ފެކްޝަންތަކަށް ބެހިގެންނެވެ.

މަޖިލީހާއި ސަރުކާރާއި ވަކިންނެވެ. ހެލްތް އިމަޖެންސީ އޮޕަރޭޥަން ސެންޓަރާއި ދެން ހުރި މުއައްސަސާތަކާއި ވަކިންނެވެ. އެބަޔަކަށް ފެންނަ މޮޅުތޮތްގޮތައް ގޮތްނިންމަމުންދާއިރު މީގެ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށެވެ. ވިޔަފާރިވެރިންނަށެވެ. ސިއްހީ މާހިރުންނާއި ފްރޮންޓްލައިން ބޭފުޅުންނަށެވެ.

މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ޤައުމުގެ ރައީސްގެ ހިލަމެއްނެތްކަމަކީ ގިނަބަޔަކު ފާހަގަކުރަމުން އަންނަކަމެކެވެ.

އާއެކެވެ. މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތެކެވެ. އެކަންވަނީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިންވެސް ޢިއުލާންކުރައްވާފައެވެ. ތަފާތަކީ ޤައުމުތަކުގެ ލީޑަރސިޕްއިން ދައްކާ ކެރުންތެރިކަމާއި ލީޑަރސިޕްއެވެ.

ރައްޔިތުންނާއި ވެރިން ކުރިމަތިލާގޮތެވެ. ސަރުކާރުތަކުގެ ޤާބިލްކަމާއި ނާޤާބިލްކަމެވެ. މިތަފާތުތަކާއެކު ނިއުޒިލެންޑް، ޖަރުމަނުފަދަ ޤައުމުތަކުންވަނީ ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އިޤްތިސާދަށް އަސަރުކުޑަ ވާގޮތަށް ފިޔަވަޅުތަކެއް އަޅާފައެވެ. ކޮރަޕްޝަން ފެނަމަތިވުމުން ލަނީ ހުރަގެއަށެވެ.

ރާއްޖޭގައި ކަންކަން މުޅިން ތަފާތެވެ. މި މުސީބާތުގެ ވަގުތުގައި ރެކޯޑް މިންވަރަކަށް ކޮރަޕްޝަން ހިންގާފައިވާކަން ޓުއަރިޒަމް މިނިސްޓްރީ އަދި ހެލްތް ގެ އޮޑިޑް ރިޕޯޓްތަކުން ދައްކާފައިވަނިކޮށް ރައީސް ވަނީ އިރުތައް ދިރާސާކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިފަދަ މައްސަލައެއް ފެންމަތިވުމުން ވެސް ރައްޔިތުން ކުރިމައްޗައް އެރުމުގެ ބަދަލުގައި އެމަނިކުފާނު ދެއްވީ އަމިއްލަ ނޫހަކަށް އިންޓަވިއުއެކެވެ.

ފްރަންޓްލައިން އެލަވަންސް އާއި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ނިންމީ ރައީސް ޞާލިހްއެެވެ. ލިބުނު ބަޔަކާ ދިމާނުވެއެވެ. ދިނީ ކޮންބަޔަކަށް ކަމެއް ޒީރޯ ޓޮލަރެނސްގެ ދަށުން ހާމަނުކުރައްވައެވެ.

ރައީސް ޞާލިހް މިފަދަ ކަންކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަނީ ކަރުދާރުހައި ލިޔެފައިވާ ޖަވާބެވެ. ނޫނީ ނުގުޅޭ ޖަބާވެކެވެ.

ރައްޔިތުން މިވަނީ މިދަތިތަކާއެކު ގެދޮތުން ނިކުންނަން ޖެހިފައެވެ. ހިޔާ ފްލެޓްގެ ލިސްޓްތަކާއި ބެހޭގޮތުން ބޮޑެތި ނިންމުންތަކެއް ކޮމިޓީ އަދި ހައުސިންގ މިނިސްޓަރ ނިންމަމުން ގެންދަވާއިރު ރައީސް ޞާލިހް އަށް މިކަންކަން ރޭކާނުލާކަހަލައެވެ. ރައްޔިތުންގެ ފްލެޓްތަކުގެ ތެރެއިން މި ސަރުކާރުން 2500 ފްލެޓް ވުޖޫދުން ގެއްލުވާލައިފިއެވެ. އެކަން އެގޮތަށް ދެއްކުމަށް ކޮންމެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރ ވާހަކަ ދައްކަވައެވެ. މި ދަނޑިވަޅުގައި ރައީސް ޞާލިހް ފްލެޓް ގެއްލިފައިވާ އެތަކެއް ބަޔަކަށް މިވާނުވާ ސާފުކޮށްދޭންޖެހެއެވެ.

ރައީސް ޞާލިހް އިންޑިއާގެ މިނިވަންދުވަހު ތަހުނިޔާ ކިޔުމާއި، ދުނިޔޭގެ ތިމާވެށި ދުވަސްތައް ފަދަ ދުވަސްތަކުގައި ތަހުނިޔާ ވިދާޅުވެ ކުރައްވާ ޓުވީޓް ފިޔަވައި އެމަނިކުފާނުގެ ހިލަމެއްނުވެއެވެ.

ޤައުމުތަކުގެ އެންމެ އިސްވެރިން ތިބީ ރައްޔިތުންނާއެކު ރައްުޔިތުންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ނިކުމެއެވެ. ކޮންމެ ދުވަހަކު ރައްޔިތުންނާއި މީޑީއާ މެދުވެރިކޮށް ބައެއް ވެރިން ބައްދަލުކުރައްވާއިރު މަދު ވެގެން ހަފްތާއަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ޤައުމުގެ އެންމެ އިސްވެރިން ރައްޔިތުންނާއި ދަނީ ބައްދަލުކުރަމުންންނެވެ. ރައީސް ޞާލިހް ރައްޔިތުންނާއި މިފަދައިން ބައްދަލުކޮށްފައިވަނީ 23 ޖޫންގައެވެ.

ރައްޔިތުން މިވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޤައުމުގެ އެންމެ އިސްފަރާތް ރައްޔިތުންނަށް ފިއްލެވުން އެއީ ރައްޔިތުން ނާޤާބިލްކަމުގެ އިންތިހާއެވެ. 

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް