ޑަބްލިޔުއެޗްއޯއާއި އެކު ކުރީ ރަސްމީ މުއާމަލާތެއް: އަމީން

25 Aug 2020 | 20:13

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުނި މެދުވެެރިކޮށް 75 ވެންޓިލޭޓަރު ހޯދުމާއި ގުޅޭގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން، ޑަބްލިޔުއެޗްއޯއާއި އެބޭފުޅާ ކޮށްފައިވަނީ ރަސްމީ މުއާމަލާތެއްކަމަށް ގަބޫލުކުރައްވާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި އެކު ހާޒިރުވެ ވަޑައިގެން، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިވަގުތު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގެން ހުންނެވި އަމީން ވިދާޅުވީ ދިވެހިރާއްޖެއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ދަތިތަކެއް ހުރިކަން ދިވެހިރާއްޖޭގައި ޑަބްލިޔުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދު މާތުރާއި ހިއްސާކުރެއްވި ކަމަށެވެ. އަދި އެއަށްފަހު އެބޭފުޅާ އޭގެ ދެ ދުވަސްފަހުން ނަމަކާއި ނަންބަރެއް ދެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަމީން ވިދާޅުވި ގޮތުގައި އެ މުއާމަލާތަކީ ނުރަސްމީ މުއާމަލާތެއްކަމަށް އެބޭފުޅާ ދެކެވަޑައި ނުގަންނަވައެވެ.

"އަޅުގަނޑާ ޑަބްލިއުއެޗްއޯގެ މަންދޫބާ ދެކެވުނު ވާހަކަތަކަކީ ޕްރައިވެޓް މުއާމަލާތެއް ކަމަށް އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން. އަދި އޭގެ ފަހުންވެސް ގަބޫލެއް ނުކުރާނަން"، އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި އެ ނަމާއި ނަންބަރު ހިއްސާކުރުމަށްފަހު އެކަން ބެލުމަށް އެބޭފުޅާ ވަނީ މިނިސްޓްރީގެ ފިނޭންސް އެގްޒެކެޓިވަަށް އަންގަވާފައެވެ.

އަމީން ފާހަގަކުރެއްވި ގޮތުގައި ވެންޓިލޭޓަރުތައް ހޯދުމުގައި މިނިސްޓްރީގެ މުވައްޒަފުން އަމަލުކުރި ގޮތަކީ، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދުމަށާއި ކޮޮރަޕްޝަނަށް މަގުފަހިކުރުމަށާއި އަދި ވައްކަމުގެ ކަމެއް ކުރުމަށް ނޫންކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. ނަމަވެސް މިކަން ކުރުމުގެ ތެރޭގައި އިދާރީ ގޮތުންނާއި އިިޖުރާރީ ގޮތުން މައްސަލަތަކެއް ނުުހުންނާނެ ކަމަށް ޔަގީންކަމާއި އެކު ދަންނަވަން ދަތިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް