Advertisement

މާލޭގައި ކޮވިޑް-19ގެ ހާލަތު އޮތީ ވަރަށް ނުރައްކާތެެރި ފައްތަރެއްގައި، ފުރަބަންދަކަށް ދާން ޖެހިދާނެ!

26 Aug 2020 | 12:32

މާލޭ ސިޓީގައި ކޮވިޑް-19 ފެތުރޭ މިންވަރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ހާމަކޮށްފިއެވެ.

ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަހުމަދު ޝަހީދު ވިދާޅުވީ މިމަހުގެ ތެރޭގައި މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ދިމާލަކުން ކަހަލަ ގޮތަކަށް ބަލިމީހުން ފެނިފައިވާ ކަމަށެވެ. އެގޮތުން މާފަންނުގައި މިބަލި ވަކިން ޚާއްސަކޮށް ފެތުރިފައިވާކަން ޑރ.ޝަހީދު ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާފަންނަކީ މާލޭގައި އެންމެ ބައިބޯކޮށް މީހުން ދިރިއުޅެ، ގެދޮރުގެ ދަތިކަމާއި ކުރިމަތިލާާން ޖެހިފައިވާ އެއް ސަރަހައްދެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ކޮވިޑް-19ގެ ކޭސްތައް ފުދޭވަރަކަށް ވަނީ ފެނިފައެވެ.

ނަމަވެސް ޑެންސިޓީގެ ގޮތުން ބަލާނަމަ މާލެއާއި އަޅާބަލާއިރު ހުޅުމާލޭގައި ބަލި ފެތުރިފައިވާ މިންވަރު ދަށްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ވިލިމާލޭގައިވެސް މިދިޔަ މަހާއި އަޅާބަލާއިރު މިމަހުގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ޑރ.ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވިގޮތުގައި ފުރަބަންދަކަށް ދިއުމަކީ އެބޭފުޅުން އެންމެ ފަހުން ކުރައްވާނެ ކަމެއްގެ ގޮތުގައި ގެންގުޅެމުންދާ ކަމެކެވެ. އެގޮތުން ބައްޔާއި ގުޅޭގޮތުން ގެންގުޅޭ ސްކޯރިންގ ސިސްޓަމްގައިވާ ފަދައިން ދިހައަކަށް އަރައިފިނަމަ އަޅަންޖެހިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ލޮކްޑައުންވެސް ހިމެނެއެވެ. އަދި މިދިޔަ ހަފްތާގައި އެ ސްކޯރ އިނީ ނުވައެއްގައިކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް