ބީއެމްއެލްގެ ނިންމުމާއެކު ރާއްޖޭން ބޭރަށްދާ ޑޮަލަރު މަދުކުރެވޭނެ: މާލީ ތަޖުރިބާކާރުން

27 Aug 2020 | 18:44

އިއްޔެ ބޭންކް އޮފް މޯލްޑްވިސް ގެނައި ބަދަލާއެކު މުޅި ސޯޝަލް މީޑިއާގައި އޮތީ އެ ބެންކުން ރާއްޖޭގެ އިގްތިސާދަށާއި އެތަކެއް ޒުވާނުންގެ ވިޔަފާރި ހަލާކުކޮށް އަދި ރާއްޖެއަށް ވަންނަ ޑޮަލަރު ހުއްޓުވާކަމަށް ބުނެ އެ ބެންކަށް "އެއްޗެހި" ކިޔުމެވެ. އާންމު ފަރުދުންނާއި ކާކުކަން ނޭނގޭ މީހުންގެ އިތުރުން ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންހިމެނޭ ގޮތަށެވެ.

ބީއެމްއެލްގެ އާ ސިޔާސަތާއި އެކު ދިވެހި ފޮރެކްސް ޓްރޭޑިންގއަށް މިއައީ ކޮން ބަދަލެއް؟

މީގެ އަހަރުތަކެއް ރާއްޖޭގައި އޮންލައިން ޓްރޭޑިންގ ފެށި އަދި މިކަން މިވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. އަދި ބަައެއް ފަހަރު އޮންލައިން ޓްރޭޑިންގ ގައި ހިނގާ ބައެއް ޕްރޯޑްތަކާ ގުޅިގެން މީގެ އަހަރުތަކެއް ކުރިން އެމްއެމްއޭ އިން ބުނެފައި ވަނީ ރާއްޖޭގައި ފޮރެކްސް ޓްރޭޑިން ވިޔަފާރިކުރާކަން ހާމަކޮށް، އެ ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާކަމަށާއި ނަމަވެސް ފޮރެކްސް ޓްރޭޑިން ވިޔަފާރިއަކީ އެ އޮތޯރިޓީން ރެގިއުލޭޓްކުރާ ވިޔަފާރިއެއް ނޫންކަމަށެވެ. އަދި އެ ވިޔަފާރި ރެގިއުލޭޓް ނުކުރި ނަމަވެސް، އެކަން ރެގިއުލޭޓްކުރަން ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އެނޫން ވެސް ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ ނިންމުމާއި ގުޅިގެން މާލީ ދާއިރާގައި މަސައްކަތްކުރައްވާ އެކި ބޭފުޅުންނާ މި ނޫހުގެ ފަރާތުން ސުވާލުކޮށްލީމެވެ.

މާލީ ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ ފަރާތެއް ނަން ހާމަނުކުރުމަށް އެދި ވޮއިސްއަށް މައުލޫމާތުދެއްވި ގޮތުގައި ރާއްޖޭގައި ފޮރެކްސް ނޫނީ ޓްރޭޑިން ކުރާ ފަރާތްތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. އެކި ފަރާތްތަކުން ފޮރެކްސް މާކެޓަށް އެކި އަދަދުތަކުން އިންވެސްޓްކުރެއެވެ.

"އަސްލު ގިނަ މީހުން އޮންލައިން ޓްރޭޑިންގައި ބޭނުން މިކުރަނީ ބީއެމްއެލްގެ ކާޑުތައް. އެ ކާޑުތައް ރުފިޔާ އެކައުންޓްތަކާ މިހުންނަނީ ގުޅިފަ. ބޭންކުން ކަސްޓަމަރުންގެ ފަސޭހައަކަށް މި އޮންނަނީ އެ ކާޑުތަކުން ބޭރުގެ މުއާމަލާތްކުރެވޭ ގޮތަށް ހަދާފަ. ހަގީގަތުގައި އޮންލައިން ޓްރޭޑްއިން އާ އެކު ބޭންކުން ރާއްޖެއިން ބޭރަށް އެދަނީ ޑޮލަރު. އެކަން ކުރަން ޖެހެނީ އެ ބެންކަކުން." އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އޮންލައިން ޓްރޭޑިންގެ ތެރޭގައި ވަރަށް "ނުކިއްސަރު" ޓްރޭޑިންގ ވެސް ހިމެނެއެވެ.

"އެކައުންޓްތަކުގައި ހުންނަ ދިވެހި ރުފިޔާ ޑޮލަރަށް ހަދަން ބޭނުންކުރާ ވަސީލަތްތަކަށް ކާޑުތައް މިހަދަނީ. ބީއެމްއެލް އިން އެބަޖެހޭ ވިސާ އަދި މާސްޓަރކާޑުން ހަދާ މި އޮންލައިން ޓްރޭޑިންގެ މުއާމަލާތްތަކަށްވާ ޑޮަލަރު ރާއްޖެއިން ބޭރަށްފޮނުވަން. އަނެއްކޮޅުން ޓްރޭޑް ކުރާ މީހުން އެ ފައިސާ މިލަނީ ޑޮލަރު އެކައުންޓަށް. އެމީހުންނަށް އެ ފައިސާ ޓްރާންސްފަރކޮށް އޭޓީއެމުންވެސް ޑޮލަރު ނެގޭ. އަނެއްކޮޅުން ޑޮލަރުތައް މިދަނީ ކަޅުބާޒާރަށް. އަޅުގަނޑު ދަންނަވާނީ މީ "ސިސްޓަމް މިސްޔޫސްކުރުމޭ." އޮންލައިން ޓްރޭޑިންގ މުއާމަލާތްތައް ހިންގާ ގޮތް ވަރަށް ރަނގަޅަށް ކިޔައިދެއްވަމުން އޭނާ ވިދާޅުވިއެވެ.

"މި ނިންމުމާއެކު ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށްދާ ޑޮލަރު މަދުކުރެވޭނެ. އަދި އެއީ ބޮޑު ބޭންކަކަށްވުމުން ޖުމްލަގޮތެއްގައި ރާއްޖޭގައި ހިފެހެއްޓޭ ޑޮލަރު އިތުރުވާނެ. މިފަދަ ދަތި ހާލަތެއްގައި ގައުމުތަކުން ބޭރަށްދާ ފައިސާ މެނޭޖްކުރުމަކީ އިގްތިސާދަށް ވަރަށް މުހިންމު ކަމެއް". އޭނާ ކިޔައިދިނެވެ.

މާލީ ދާއިރާގައި 15 އަހަރު ހޭދަކުރައްވާފައިވާ އެހެން ބޭފުޅަކު ވިދާޅުވީ " އާންމުގޮތެއްގައި ޓްރޭޑިންގައި އިންވެސްޓްކުރަނީ ބީއެމްއެލްގެ ވިސާ ކާޑު ނޫނީ ކްރެޑިޓް ކާޑު ބޭނުންކޮށްގެން. އެކާޑުތައް މިހުންނަނީ ދިވެހި ރުފިޔާ އެކައުންޓާ ގުޅިފަ. ދެން ޓްރޭޑްކޮށްފަ، ބޭރުން ލިބޭ ފައިދާ ޑޮލަރުގެ ގޮތުގައި އެ ފަރާތެއްގެ ޑޮލަރު އެކައުންޓަށް ޖަމާކުރޭ. މި ފައިސާ ނަގައިގެން މިދަނީ ޑޮލަރުންކުރާ އެކި މުއާމަލާތްކުރުމަށް. މުޅި ޕްރޮސެސްއަށް ބަލާއިރު ބީއެމްއެލްގަ ހުންނަ ޑޮލަރު މިދަނީ ބޭރަށް. ރާއްޖެއަށް ލިބޭ ޑޮލަރު މިދަނީ ބްލެކަށް." ވަރަށް ޔަގީންކަމާއެކު އޭނާ ވިދާޅުވިއެވެ.

"ބީއެމްއެލް މިކަން މީގެ ކުރިންވެސް ހުއްޓާލާނެކަމަށް އަޅުގަނޑު އުއްމީދުކުރީ. ވަރަށް ރަނގަޅު ނިންމުމެއް. މުދާ އިމްޕޯރޓްކޮށްގެެން ވިޔަފާރިކުރާ ފަރާތްތަކަށް ބީއެމްއެލް އިން ޑޮލަރު ސަޕޯޓް އިތުރަށް ދެވޭނެކަމަށް އަޅުގަނޑު މިބަލަނީ. އެއީ މިވަގުތައް ވަރަށް މުހިންމުކަމެއް." މާލީ ދާއިރާގައި 15 އަހަރު ހޭދަކުރައްވާފައިވާ މާހިރު ކިޔައިދިނެވެ.

ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމުތައްކަމުގައިވާ "ވިސާ ޑައިރެކްޓް" އާއި "މާސްޓާ ކާޑް ސެންޑް" ފަދަ ޑިޖިޓަލް ވޮލެޓަށް ލިބޭ ފައިސާ ދެން ޖަމާކޮށްދޭނީ ރުފިޔާ އެކައުންޓަކަށް ކަމަށާއި އަދި އެގޮތަށް ލިބޭ ފައިސާ ދެން ނެގޭނީ ވެސް ރުފިޔާގެ ގޮތުގައި ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މިވަނީ ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މި ނިންމުމާއި އެކު، ފޮރެކްސް މާކެޓްގެ ތެރެއިން ބައެއް ފަރާތްތަކުން ކުރަމުންދާ ޑޮލަރުގެ ކަޅު ވިޔަފާރިއަަށް ލޮޅުން އަރާނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކު ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާފައިވާ މި ދަނޑިވަޅުގައި މިފަދަ ނިންމުމެއްގެ ސަބަބުން ބައެއް ފަރާތްތަކަށް ތަކުލީފްތަކާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. ނަމަވެސް މި ނިންމުމާއި އެކު، ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލައެއް ކޮންމެވެސް މިންވަރެއްގެ ލުއެއް ލިބިދާނެކަމުގެ އުންމީދު އެބައޮތެވެ. މިކަމުގެ މަންފާ ދިގު މުއްދަތެއްގައި ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.


Advertisement

ކޮމެންޓް

Advertisement