Advertisement

މިއަހަރު އެންމެ މަދުވެގެން 120000 ފަތުރުވެރިން އަންނާނެކަމަށް ބެލެވޭ: ޑރ.މައުސޫމް

03 Sep 2020 | 17:19

މިއަހަރުގެ ޑިސެމްބަރު މަސް ވާންވާއިރަށް އެންމެ ދަށްވެގެން 120،000 ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނާނެކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރޭ ރާއްޖެޓީވީން ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވި ގޮތުގައި ކޮވިޑް-19އަށްފަހު ބޯޑަރުތައް އަލުން ހުޅުވާލުމާއި އެކު، މިމަހާއި ހަމައަށް 6000 ފަތުރުވެރިން އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެންމެ ދަށް އަންދާޒާއަކުން ބަލައިފިނަމަވެސް މިހާރުގެ ހާލަތުގައި މިއަހަރު ދިވެހިރާއްޖެއަށް 120،000 ފަތުރުވެރިން ގެނެވޭނެކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެންމެން މަސައްކަތްކޮށްގެން މި އަދަދު ރަނގަޅު ކުރެވިދާނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެގޮތުން ދިވެހިރާއްޖެއަކީ ރައްކާތެެރި ގައުމެއްކަމަށް މެސެޖް ދެވޭނެ ވަރަށް ޕޮޒިޓިވް ކޭސްތަކުގެ ނަންބަރުތައް ތިރިކޮށްލައި، އެއާލައިންތައް އިތުރަށް އަންނަން ފެށުމުން މިހާރު ހުރި މާޔޫސްކަން ފިލައިގެންދާނެކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

މިހާރުގެ ހާލަތު ރަނގަޅުވެއްޖެނަމަ ފަސް ލައްކައެއްހާ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ހަގީގަތުގައި ބަލަންވީ ފަތުރުވެރިން އަންނަ އަދަދަކަށް ނޫންކަމަށާއި، އެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި ކުރާ ޚަރަދަށް ކަމަށެވެ.

އެގޮތުން މިހާރު އޮތްގޮތުން ފަތުރުވެރިން ދިވެހިރާއްޖެއަށް އައިސް 14 ދުވަސް ހޭދަކުރާނެކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. 

Advertisement

ކޮމެންޓް