ސިއްހީ ހާލުކޮޅު ގޯސްވެ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މަގާމުން އިސްތިއުފާދެއްވައިފި

28 Aug 2020 | 21:40

ސިއްހީ ހާލުކޮޅު ގޯސްވެ، މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާނުކުރެވިދާނެކަމުގެ ބިރު އޮތުމުން، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި ޓޯކިޔޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރައްވަމުން ބޮޑުވަޒީރު އަބޭ ވަނީ މި ނިންމުން ނިންމަވަން ޖެހޭތީ ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަ ނުކުރައްވާ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އިސްތިއުފާދެއްވާތީ އެމަނިކުފާނު ވަނީ ޖަޕާނުގެ އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފައެވެ.

އަދި މަގާމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި މުހިންމު ބައެއް ވައުދުތައް މިހާތަނަށް ފުއްދަވާފައި ނުވާތީ، އެކަމާއި މެދުވެސް ބޮޑުވަޒީރު އަބޭ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އަބޭ މަގާމުން އިސްތިއުފާ ދޭން ނިންމީ ޒުވާން ދުވަސްވަރުން ފެށިގެން ދިމާވެފައިވާ ސިއްހީ މައްސަލައެއް ކަމަށްވާ އަލްސަރޭޓިވް ކޮލިޓިސްއަށް މިވަގުތު ހޯއްދަވަމުންދާ ފަރުވާގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމުގެ ވަގުތު ނުލިބިވަޑައިގަންނަވާތީވެއެވެ. އެބޭފުޅާ ވަނީ 2007 ވަނަ އަހަރުގައިވެސް ބަލިހާލަތާއި ގުޅިގެން ބޮޑުވަޒީރުކަމުގެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ.

އަބޭގެ ބަދަލުގައި އެމަގާމަށް އަންނާނެ ފަރާތެއް ޖަޕާނުގެ ބަރުލަމާނުން ހޮވަންދެން އެމަނިކުފާނު މަގާމުގައި ދެމިހުންނަވާނެއެވެ. ބޮޑުވަޒީރު އަބޭ ވެވަޑައިގެންފައިވަނީ ޖަޕާނުގެ ތާރީޚްގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި ބޭފުޅާއަށެވެ. އެމަނިކުފާނު ވަނީ 2012 ވަނަ އަހަރުން ފެށިގެން މަގާމު އަދާކުރައްވާފައެވެ.

ބޮޑުވަޒީރު އަބޭ ފާހަގަކުރެވިފައިވަނީ ޖަޕާނުގެ އިގްތިސާދު ކުރިއަރުވައި، ޖަޕާނުގެ ސަލާމަތީ ބާރުތައް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. 

Advertisement

ކޮމެންޓް

Advertisement