ހުޅުމާލޭގައި ހުރި ބައެއް ފިތުރޯނު ގަސްތައް ނަގަން ނިންމައިފި

29 Aug 2020 | 16:32

ހުޅުމާލޭގެ މަގުތަކާއި ފެން ހިންދުމުގެ ނިޒާމަށް ގެއްލުންތަކެއް ވަމުންދާތީ، އެ އަވަށުގައި ހުރި ބައެއް ފިތުރޯނު ގަސްތައް ނަގަން ނިންމައިފިއެވެ.

އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފިތުރޯނު ގަސްތަކަކީ އަވަހަށް އަދި ވަރަށް ބޮޑަށް މޫފެތުރޭ ވަރުގަދަ ގަސްތަކަކަށްވުމުން، ހުޅުމާލެ ފުރަތަމަ ހިއްކުމަށްފަހު ގިރައިގެން ދިއުން ހުއްޓުވުމަށް މި ގަސްތައް އިންދުނު ކަމަށެވެ. ނަމަވެސް މި ގަސްތައް އިތުރަށް ބޮޑުވަމުންދާ ވަރަކަށް، ގަސްތަކުގެ ވަރުގަދަ މުލުން މަގުތަކާއި ޔުޓިލިޓީ ޑަކްޓްތަކަށް ގެއްލުން ލިބެމުންދާކަމަށް ވަނީ ބުނެފައެވެ.

އަދި ފިތުރޯނު ގަހުގެ ތިނޯސްފަދަ ފަތްތަކުގެ ސަބަބުން ފެން ހިންދުމުގެ ނިޒާމު ބްލޮކްވެ، އެތަން މަރާމާތުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބައެއް ފިތުރޯނު ގަސްތައް ނަގަން ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި އެ ގަސްތައް އެހެން ތަނަކަށް ބަދަލުކޮށް، ގަސްހުރި ތަންތަނުގައި ހިޔާވާނެފަދަ އެހެން ގަސްތަކެއް އިންދަން ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement