ޚާއްސައެހީއަށް ބޭނުންވާ އާނިސްއަށް ލިބުނު ފްލެޓް މިސަރުކާރުން އަތުލަނީ؟

30 Aug 2020 | 10:15

ހިޔާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކެޓަގަރީތަކަށް ގެނައި ބަދަލާއި ގުޅިގެން ފްލެޓް ނުލިބޭ އެތައް އާއްމު ފަރާތްތަކަކުން މިހާރު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަރާތްތަކުން ދަނީ ކޮތަރުކޮށި ނަމުގައި ވައިބަރ ކޮމިއުނިޓީގައި އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ވޮއިސްނޫހާއި ކޮތަރުކޮށި ވައިބަރ ކޮމިއުނިޓީއާއި ގުޅިގެން އެފަރާތްތަކުގެ ވާހަކަތައް ސިލްސިލާގޮތެއްގައި ގެނެސްދިނުމަށްވަނީ ނިންމާފައެވެ.

މިސިލްސިލާގައި ފުރަތަމަ މިގެނެސްދެނީ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއިން ކުރިން ފްލެޓް ލިބޭނެކަމުގެ ލިޔުން ދިނުމަށްފަހު މިހާރު ޕޮއިންޓު އުނިކޮށް ފްލެޓް ގެއްލިފައިވާ އާއިލާއެއްގެ ވާހަކައެވެ.

ޔޫސުފް އާނިސްއަކީ ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ދަފްތަރުގައި ނަންއޮތް ކުއްޖެކެވެ. އާނިސްއަށްވަނީ އުފަންވީއިރުވެސް ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވެފައެވެ. އަތްފައިގެ އިނގިލިތައްވަނީ ގުޅިފައެވެ. ބޮލުގެ ނާށިގަނޑަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ސިކުނޑި ރަނގަޅަށް ނޫފެދެއެވެ. އެހެންކަމުން އާނިސްގެ ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހުނެވެ. މިއޮޕަރޭޝަންތަކަށް އެހީވީ އާއްމު ފަރާތްތަކުންނެވެ.

މިހާރު އާނިސްގެ އުމުރުން 7އަހަރު ފުރިފައިވާއިރު އަދިވެސް ދަރިފުޅަށް ވާހަކަ ނުދެއްކޭ ކަމަށާއި އިހުސާސްތައް ބުނެދޭން ނޭނގޭކަމަށް އާނިސްގެ މަންމަ ބުންޏެވެ.

"ހަތް އަހަރުވީނަމަވެސް ވިސްނުން ހުންނަނީ 3އަހަރުގެ ކުއްޖަކާ އެއްވަރަށް. ފާޚާނާ ކުރަންވީމާ ބުނެދޭކަށް ނޭނގޭ އަދި އެހެންވެ އަބަދުވެސް ނެޕީ ޖަހައިގެން ގެންގުޅެން ޖެހެނީ" އާނިސްގެ މަންމަ ކިޔައިދިނެވެ.

އާނިސްގެ އަތުގެ އިނގިލިތައް ގުޅިފައިވުމުގެ ސަބަބުން އަމިއްލައަށް ކައިބޮއެ ނުހެދެއެވެ. އަދި ފަންސޫރުގައި ހިފައި ލިޔެ ނުހެދެއެވެ.

ފުއްޕާމޭގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައިވާތީ ކިރިޔާ ރޯގާއެއް ޖެހުނަސް އާނިސްއަށް ވަރަށްބޮޑުވަރުވެއެވެ. އަދި ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ބޭނުންވާތީ ރަށުގައި ތިބެގެން ފަރުވާ ދެވެން ނެތުމާއެކު އާނިސްގެ އާއިލާއަށް މަޖުބޫރުވެފައިވަނީ ދަތިހާލުގައި ވިޔަސް މާލޭގައި 9ފޫޓު 10ފޫޓުގެ އެއްކޮޓަރީގައި ދިރިއުޅޭށެވެ.

"އަޅުގަނޑާއި، އަންހެނުންނާއި، އާނިސް އަދި އެހެން ދަރިއަކު ދިރިއުޅެނީ އެއްކޮޓަރީގައި. މިހާރު އަންހެނުން ބަނޑުބޮޑު. ވަރަށް އަވަހަށް ވިހާނެ" އާނިސްގެ ބައްޕަ ކިޔައިދިނެވެ.

އާނިސްއަށް ޚާއްސައެހީ ބޭނުންވާތީ މަންމައަށް ވަޒީފާ އަދާނުކުރެވެއެވެ. އެހެންކަމުން ހުރިހާ ޚަރަދުތަކެއް ބަލަހައްޓަނީ އާނިސްގެ ބައްޕައަށް ލިބޭ އާމްދަނީއިންނެވެ. 2018ވަނަ އަހަރު މިއާއިލާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއިން ފްލެޓަށް ކުރިމަތިލީ މިސަބަބުތަކާހުރެއެވެ.

2018ގައި ފްލެޓް ލިބޭނެކަމަށް ލިޔުންދީ ދާއިމީ ލިސްޓުގައި ނަން ގެޒެޓުކުރި

"ފްލެޓް ހޯދަން އަޅުގަނޑުމެން ދަންނަ އެއްވެސް ސިޔާސީ ނުފޫޒުގަދަ ބަޔަކު ނުތިބޭ. އެކަމަކު ﷲގެ އިރާދަފުޅުން އެފަހަރު ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއިން އެންމެ މަތިން 90ޕޮއިންޓް ލިބުން" އާނިސްގެ ބައްޕަ ބުންޏެވެ.

2018ވަނަ އަހަރު 7000ޔުނިޓުގެ ތެރެއިން ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއިން 220އާއިލާއަކަށް އަދި 2500ޔުނިޓުގެ ތެރެއިން ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއިން 500އާއިލާއަކަށްފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓު ގެޒެޓުކޮށް އެފަރާތްތަކަށް ލިޔުން ހަވާލުކުރިއެވެ. 7000ޔުނިޓުން ފްލެޓް ލިބޭ މީހުންގެ ތެރޭގައި އޭރު އާނިސްގެ އާއިލާ ހިމެނުނެވެ.

ފްލެޓް ކޮމިޓީއިން ޕޮއިންޓު އުނިކުރުން

ސަރުކާރު ބަދަލުވުމަށްފަހު ފްލެޓްތަކަށް މާކްސްދިންގޮތުގައި މައްސަލަތަކެއް އުޅޭކަމަށްބުނެ އެމައްސަލަތައް ބަލާ ލިސްޓު އިސްލާހު ކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އުފެއްދިއެވެ. މިކޮމިޓީއިން ދިރިއުޅުމުގެ ހާލަތަށް މާކްސްދީފައިވާގޮތް ރަނގަޅުނޫންކަމަށް ބުންޏެވެ. އަދި ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތަށް އަލުން މާކްސްދިނެވެ. އެހެންނަމަވެސް މާކްސްދޭ މިންގަނޑު ބަދަލުކުރިގޮތާއި މާކުސް ދިނުމުގައި ޕޮއިންޓް ތަފާތުވާނެ ގޮތެއް ނުބުނެއެވެ.

މިދިޔަ ހޯމަދުވަހި މިކޮމިޓީއިންވަނީ 7000ޔުނިޓަށް ހޮވުނު ހަތަރު ކެޓަގަރީއަކަށް ޕޮއިންޓްލިބޭ ގޮތުގެ ލިސްޓެއްވަނީ ނެރެފައެވެ. މި ލިސްޓު ނެރުނުއިރު އާނިސްގެ އާއިލާއަށް ލިބުނު ޕޮއިންޓުވަނީ90ޕޮއިންޓުން 60އަށް މަދުވެ ފްލެޓް ނުލިބޭގޮތްވެފައެވެ. ޕޮއިންޓް މަދުވެފައިވަނީ ދިރިއުޅުމުގެ ހާލަތަށެވެ. މިހާރު ފްލެޓްދޭން ކަނޑައަޅާފައިވަނީ އެކެޓަގަރީގެ އެންމެ 200މީހުނަށް ކަމަށްވާއިރު އާނިސްގެ އާއިލާ މިވަނީ އުއްމީދު ގެއްލިފައެވެ.

"އަޅުގަނޑުގެ އާއިލާގެ 4މީހުން މިހާރުވެސް އުޅެނީ 2018ގައި 90ޕޮއިންޓް ލިބުނުއިރު އުޅުނު ކޮޓަރީގައި. ހާލަތު ބަދަލެއް ނުވޭ. ހާލަތަށް އައި ބަދަލަކީ ދަރިފުޅަށް 1.5މިލިއަން ރުފިޔާގެ އިތުރު ސާޖަރީއެއް ހަދަންޖެހިފައި އޮތުން. ޕޮއިންޓު ކެނޑީ ދިރިއުޅުމުގެ ހާލަތު ރަނގަޅޭ ކިޔާފައި. މިނިސްޓަރު އަސްލަމާއި ފްލެޓް ކޮމިޓީ މެންބަރު ތޯހާއަށް އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު ބަލަން އަންނަން އަޅުގަނޑު ދައުވަތު އަރުވަން" މިއީ އާނިސްގެ ބައްޕަގެ ވާހަކައެވެ.

އާނީސްގެ ބައްޕަގެ އާދޭހަކީ ނިކަމެތިންގެ ހައްގުން އުނި ނުކުރުމެވެ. ފްލެޓް ލިސްޓު އިސްލާހު ކުރުމުގެ ނަމުގައި އެފަދަ އާއިލާތަށް ލިސްޓުން ކަޓުވާފައި ހައްގުނުވާ ސިޔާސީ މީހުންނަށް ނުދިނުމެވެ.

ފްލެޓްތަކަށް މީހުން ހޮވާ ކޮންމެ ފަހަރަކުމެ ފެނިގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒުގައި ވަކި ބަޔަކަށް އިސްކަންދީފައިވާތަނެވެ. އާއްމު މީހާއަށް ކުޑަ އަދަދެއް ބާކީކުރާތަނެވެ. ތުންތުންމަތިން މިފަދަ ވާހަކަތައް ތިލަވަމުންދިޔަނަމަވެސް ފްލެޓް ދިނުމުގައި އިންސާފުވެރިކަމާއެކު މަސައްކަތްކުރޭތޯ ފާރަވެރިވާނޭ މުއައްސަސާއެއް ނެތެވެ. އެހެންކަމާއެކު ނުފޫޒުގެ ބޭނުންކޮށް ހައްގުނޫން ބަޔަކަށް ފްލެޓްތައް ދިނުމުން އަނެއްކާވެސް ފެންނަމުންދާނީ އާއްމު މީހާއަށް ފްލެޓްތައް ބޮޑުއަގުތަކުގައި ކުއްޔަށްދޫކުރާ މަންޒަރެވެ.

Advertisement

ކޮމެންޓް