އަލިފާނުގެ ހާދިސާގައި އުރީދޫގެ ހެޑް އޮފީހަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައި

30 Aug 2020 | 11:52

މިދިޔަ ހުކުރު ދުވަހުގެ ރޭ ކެފޭ ޓިއޯލޯ އަދި ހ.ސަންލީޓް ބިލްޑިންގގައި ރޯވި އަލިފާނުގެ ސަބަބުން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫއިން ބުނީ އެ އަލިފާނުގެ ހާދިސާގައި އުރީދޫގެ ހެޑްއޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެ އަލިފާނުގެ ސަބަބުން އެފަދައިން ގެއްލުންވި ކައިރީގައި ހުރި ގެތަކާއި ވިޔަފާރިތަކަށް ހަމްދަރުދީ ފޮނުވާ ކަމަށެވެ. އަދި މި އަލިފާނުގެ ހާދިސާގައި ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައިނުވާތީ އުފާކުރާކަމަށްވެސް ވަނީ ބުނެފައެވެ.

އެކުންފުނިން ބުނީ ހެޑް އޮފީސް ބަންދުކުރަން ޖެހުނަސް، އުރީދޫގެ އޮޕަރޭޝަންސްއަށް އަސަރެއް ނުކުރާނެކަން ކަސްޓަމަރުންނަށް ޔަގީންކޮށްދޭ ކަމަށެވެ. އެގޮތުން ގެތަކުންނާއި، ރީޖަނަލް އޮފީސްތަކުންނާއި ހުޅުމާލޭގައިވާ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގައި ތިބެގެން ޚިދުމަތް ފޯރުކޮށްދެމުންދާނެކަމަށް ވަނީ ބުނެފައެވެ.

އުރީދޫއިން ވަނީ މިފަދަ ހިތާމަވެރި ވަގުތެއްގައިވެސް ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭން މުވައްޒަފުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރި އިމަޖެންސީ ރެސްޕޮންސް ޓީމްގެ ފަރާތްތަކަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

ކޮމެންޓް