ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓްގައި މެންބަރު ޝަހީމްގެ އާއިލާގެ މެންބަރެއް!

30 Aug 2020 | 23:13

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ އާއިލާގެ މެންބަރު ހިމެނިއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައިވާއިރު، އެ ލިސްޓްގައިވާ ގޮތުން އަނދުން ހުސައިންގެ އާާއިލީ ގެކޮޅު ކަމަށްވާ ހ.އަދުންގޭގައި ރަޖިސްޓަރވެފައިވާ ވަސީމާ އަލީއަށް ވަނީ ޖުމްލަ 59.55 ޕޮއިންޓް ލިބިފައެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެކުލަވާލި ލިސްޓްގައި ވަސީމާއަށް ވަނީ 64 ޕޮއިންޓް ލިބިފައެވެ.

ފްލެޓް ކޮމެޓީން މައުލޫމާތުދެއްވާ ގޮތުގައި ފްލެޓްތައް ލިބޭނީ، 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތަކަށެވެ. މިގޮތުން ފްލެޓް ދޭއިރު، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދޭނެކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން 1772 ފަރާތަކަށް މި ފްލެޓްތައް ލިބޭނެއިރު، ވަސީމާގެ ނަން އޮތީ 1763 ވަނަ ނަންބަރުގައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ފްލެޓްތައް ދިނުމުގައި ދެ ސަރުކާރުންވެސް ސިޔާސީ ނުފޫޒު ފޯރާފައިވާގޮތަށް އަމަލުކޮށްފައިވާކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. މިކަމުގެ ސަބަބުން އާންމު ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމުން މަހުރޫމްވަމުންދާކަމުގެ ޝަކުވާތައް ދަނީ އަޑުއިވެމުންނެވެ.

ފްލެޓްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

Advertisement

ކޮމެންޓް