Advertisement

އިދިކޮޅު ކޯލިޝަނުން އިންޑިއާއަށް ތައުރީފްކުރުމަށްފަހު އަނެއްކާވެސް ފާޑުކިޔަނީ؟

31 Aug 2020 | 11:17

2013 ވަނަ އަހަރު އިންތިޚާބުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނާއި ޕީޕީއެމްެއިން އިންޑިއާ އަބަދުވެސް ސިފަކޮށްފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުރަނގަޅު ނުފޫޒު ފޯރުވާ ބައެއްގެ ގޮތުގައެވެ. އެގޮތުން އޭރުގެ ސަރުކާރާއި ވެރިކަންކުރާ ޕާޓީގެ އިސް ފަރާތްތަކުންވަނީ ފާޅުގައި އިންޑިއާގެ ސަރުކާރާއި ދެކޮޅަށް ބަސްބުނެ، ޗައިނާއާއި އެކު ދިވެހިރާއްޖެއިން ގާތް ގުޅުންތައް ދަމަހައްޓަން ޖެހޭނެ ކަމަށް ބުނެ ވަކާލާތުކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދެގައުމުގެ މެދުގައިވާ ޚާރިޖީ އަދި އިގްތިސާދީ ގުޅުންތަކަށް ބޮޑެތި ލޮޅުންތަކެއް އައެވެ. އާންމު ފަރުދުންނާއި ވިޔަފާރިތަކަށްވެސް ގެއްލުންތަކެއް ލިބިގެންދިޔައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުން ކާމިޔާބުކުރުމަށްފަހު ވެެރިކަމަށް އައުމުން ޕީޕީއެމް ވެގެންދިޔައީ އިދިކޮޅު ސިޔާސީ ހަރަކާތަކަށެވެ. އެއާއި އެކު އެފަރާތްތަކުން އަނެއްކާވެސް އެންމެ ހަރުއަޑުން ބުނަމުންދިޔަ ވާހަކައަކީ އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރުމުގެ ފުރުސަތު އެމްޑީޕީން ދެމުންދާ ކަމަށާއި، އެކަން ހުއްޓުވަން ޖެހޭނެކަމަށެވެ. އަދި ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް އެއްވެސް ކަމެއް ކުރުމަށް އިންޑިއާގެ ސިފައިން ތިބެގެން ނުވާނެކަމަށްވެސް ވަނީ ބުނެފައެވެ.

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން އިންޑިއާއާއި ދެކޮޅަށް މިހާ ވަރުގަދައަށް ވާހަކަ ދައްކައި، އެއީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ބައެއްކަމަށް ބުނުމަށްފަހު މީގެ ދުވަސްކޮޅެއް ކުރިން ފެނިގެންދިޔައީ އިދިކޮޅުގެ ބައެއް ފަރާތްތަކުން އިންޑިއާއަށް ސަނާކީ މަންޒަރެވެ.

އެގޮތުން ރައީސް ޔާމީން ޖަލަށްދާން ޖެހޭނެކަމަށް ތަކުރާރުކޮށް ވިދާޅުވުމަށްފަހު، މިހާރު އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ މިމަހުގެ 18 ވަނަ ދުވަހުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޓެގްކުރައްވާ ރައީސް ޔާމީންގެ މައްސަލައަށް ސަމާލުކަން ދެއްވުމަށް އެދިލައްވާފައެވެ. ޑރ.ޖަމީލް ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ނުހައްގުން ޖަލަށްލެވި ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ދެވިފައި ނުވާކަމަށެވެ. އަދި އަބަދުވެސް ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންޑިއާއިން އެހީތެެރިވެދޭތީ، މި އަނިޔާވެރި އަމަލު މޯދީގެ ސަމާލުކަމަށް ގެންނަކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އިދިކޮޅު ކޯލިޝަަންގެ އިސް ފަރާތްތަކަކުން ވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރ ސަންޖޭ ސުދީރާއިވެސް ބައްދަލުކޮށްފައެވެ. މިއީ އިންޑިއާ "ހައްލާލަން" ކުރި ބައްދަލުވުމެއްކަމެއް، ނުވަތަ އެެގައުމުގެ އެހީއަށް އެދެން ބޭއްވި ބައްދަލުވުމެއްކަމެއް ޔަގީނެއް ނުވެއެވެ. އިދިކޮޅުން މިއަދު ދައްކަމުން ގެންދަނީ އެހާވެސް "ލާހުރޭ" ޚާރިޖީ ވިސްނުމެކެވެ.

ދާދިފަހުން އިދިކޮޅު ކޯލިޝަނުން ވަނީ ދިވެހިރާއްޖެ ވިއްކާލުމާއި ދެކޮޅަށް ކަމަށްބުނެ މާލެއާއި އެހެން ރަށްތަކުގައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާތަކުގެ ބައެއް ބައިވެރިން ވަނީ ހަމަ ސީދާ އިންޑިއާގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ތިބުމާއި އިންޑިއާގެ ނުފޫޒު ދިވެހިރާއްޖޭގައި އޮތުމާއި ދެކޮޅަށް އަޑު އުފުލާފައެވެ. މިއާއި އެކު ސުވާލު އުފެދިގެންދެއެވެ. އިދިކޮޅު ކޯލިޝަނުން އިންޑިއާއާއި މެދު ހިތް ރުހޭ ހެއްޔެވެ؟ ނުވަތަ ނުރުހޭ ހެއްޔެވެ؟ އިންޑިއާގެ ޑޯނިއާ ބޯޓެއް ގެނެސް އެ ދުއްވަން އެގައުމުގެ މީހުން ބައިތިއްބާ ވާހަކަ ގަދަވެފައިވާއިރު، އިދިކޮޅުން އެކަމާ މެދު މާބޮޑު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އެކަމުގެ ތެދު ދޮގެއް އޮަޅުން ފިލުވަން އުޅޭތަނެއް ނުފެނެއެވެ.

ހަމައެކަނި އަމާޒަކަށް ވެފައިއޮތީ ރައީސް ޔާމީން މިނިވަން ކުރުމެވެ. މި ގައުމާއި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަކީ ރައީސް ޔާމީނަށްވުރެ ބޮޑު އެއްޗެކެވެ. އެހެންކަމުން އިދިކޮޅުން އިންޑިއާއާއި މެދު ދެކޭ ގޮތް ރަސްމީކޮށް ހާމަކޮށް އެގޮތުގައި ހިފަހައްޓަން އެބަޖެހެއެވެ. ނޫނީ އިދިކޮޅުގެ ކްރެޑިބިލިޓީ ދާނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.

Advertisement

ކޮމެންޓް