ފްލެޓް ލިސްޓްގައިވާ އެހެނިހެން ފަރާތްތަކާއި މެދުގައިވެސް ޝަކުވާ ހުށައެޅޭނެ: ފްލެޓް ކޮމިޓީ

31 Aug 2020 | 10:36

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން އާންމުކުރި ލިސްޓްގައިވާ އެހެނިހެން ފަރާތްތަކުގެ ނަމާއި މެދުގައިވެސް ޝަކުވާ ހުށައެޅޭނެކަމަށް ބުނެފިއެވެ.

އެކޮމެޓީން އާންމުކުރި އިއުލާނެއްގައި ބުނީ "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށެވެ. އެހެންކަމުން، މި ކޮމިޓީއިން ނެރޭ ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި، 24 އޮގަސްޓް 2020 ގައި އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ އެކަން ހުށައަޅަން ވަނީ އެދިފައެވެ.

އެގޮތުން އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާގޮތާމެދު ކޮންމެ ފަރާތަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް ވަނީ ބުނެފައެވެ. މިގޮތުން އެހެން ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށައެޅޭނެކަމަށް ފާހަގަކޮަށްފައިވެއެވެ.

"މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާއި ގުޅޭ ގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއް ވެސް މި ކޮމިޓީއިން ބަލައި، ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިޢާޔަތްކުރާނެކަމުގައި ދަންނަވަމެވެ"، އިއުލާންގައި ބުނެފައިވެއެވެ.

2020 ސެޕްޓެންބަރު މަހުގެ 14 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް އެ ލިސްޓްތަކަށް https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ދީފައެވެ.

Advertisement

ކޮމެންޓް

Advertisement