Advertisement

ދުވަހަކުވެސް ސިޔާސީ ބޭނުމަކަށް ފުލުހުން ބޭނުން ނުކުރަން: ޑރ.ވަހީދު

30 Aug 2020 | 20:35

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ދުވަހަކުވެސް ސިޔާސީ ބޭނުމަކަށްޓަކައި ފުލުހުން ބޭނުންކުރައްވާފައި ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލް ރެލީ ނިންމާލުމަށްފަހު ޕީޕީއެމް އޮފީސް ސަރަހައްދުގައި އާންމުންނާއި މުޚާތަބުކުރައްވާ ޑރ.ވަހީދު ވާހަކަދެއްކެވިއިރު، މާސްކް ނާޅުއްވައި ހުންނެވި މައްސަލައިގައި ފުލުހަށް މިއަދު ހާޒިރުކުރުމާއި ގުޅިގެންނެވެ.

މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން ޑރ.ވަހީދު ވަނީ ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށް ޖަވާބުދެއްވަން ބޭނުންފުޅުވަނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައިކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން އެމްއެމްއޭ ސަރަހައްދުގައި މީޑިއާއާއި ވާހަކަދައްކަމުން އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ކުރީގެ ރައީސް ޑރ.ވަހީދު ވިދާޅުވީ އެ ރެލީގައި ވާހަކަދެއްކެވިއިރު ހުންނެވީ އިމާރާތުގެ އިމުގެ ތެރޭގައި ކަމަށާއި، އެމަނިކުފާނަށް އެނގިވަޑައިގެން ކައިރީގައި ތިން ފޫޓުގައި މީހަކު ނުވެސް ނެތް ކަމަށެވެ. އަދި އެވަގުތު މާސްކް ތިރިކޮށްލެއްވީ ވާހަކަދެއްކެވުމުގެ ފަސޭހައަަކަށް ކަމަށްވެސް ވިދާޅުވިއެވެ. ޑރ.ވަހީދު ވަނީ އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މާސްކް އަޅުއްވަން ފެއްޓެވި އެއް ފަރާތްކަމަށް ވިދާޅުވެފައެވެ.

ޑރ.ވަހީދު ވަނީ އެމަނިކުފާނު ފުލުހަށް ހާޒިރުކުރެވުނުއިރު، ދެރަދުން ފޮތް ނެރުމަށް ބޭއްވި ހަރަކާތްތަކުގައި މާސްކް ނާޅައި ހުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހާޒިރު ނުކުރެވުނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެމަނިކުފާނު ފުލުހަށް ހާޒިރުކުރެވުނީ އިދިކޮޅުގައި ހުރުމުންކަމަށްވެސް ތުހުމަތުކުރެއްވިއެވެ. 

"އަޅުގަނޑަކީވެސް ދިވެހި ރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި މީހެއް. ދުވަހަކުވެސް ސިޔާސީ ބޭނުމަކަށްޓަކާ ފުލުހުން ބޭނުންކޮށްފައެއް ނޯންނާނެ"، ރައީސް ޑރ.ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށާއި، މީގެ 20 އަހަރު ކުރިއަށް ދިވެހިރާއްޖެ ގޮސްގެން ނުވާނެކަމަށް ވިދާޅުވެފައެވެ. 

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް