ހައިޟުގެ ދުވަސްވަރުގައި އެއް ދުވަހުގެ ޗުއްޓީއެއް ދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުން ތާއިދެއް ނުލިބުނު!

31 Aug 2020 | 13:02

އަންހެނުން ހައިޟުވުމުން މުސާރަ ލިބޭގޮތަށް އެއްދުވަހުގެ ޗުއްޓީއެއް ދޭގޮތަށް ވަޒީފާއާއި ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖު ހުށައެޅުއްވި އިސްލާހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާހެއްނުވިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެއްވަމުން މެންބަރު ސިރާޖު ވިދާޅުވީ ރޭ އޮތް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި އެ އިސްލާހާއި މެދު ވޯޓަށް ހުށައެޅުނު ކަމަށެވެ. ނަމަވެސް އެ އިސްލާހަށް އެކަށީގެންވާ ތާއިދެއް ނުލިބުމުން، އިސްލާހު އަނބުރާ ގެންދަވަން ނިންމަވާފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެބޭފުޅާ ހުށައަޅުއްވާފައިވަނީ ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ 42 ވަނަ މާއްދާގެ ފަހަތަށް ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި ކޮންމެ މަހަކު މުސާރަ ލިބޭގޮތަށް، ސަލާމުގެ ޗުއްޓީގެ އިތުރުން 1 ދުވަހުގެ ޗުއްޓީއެއް ލިބެންވާނެކަމަށެވެ. މި މާއްދާގެ ދަށުން ދެވޭ ޗުއްޓީއަށް އެދޭ މުވައްޒަފު، ޗުއްޓީގެ ހައްގުކަން ސާބިތުކޮށްދޭން އެއްވެސް ލިޔުމެއް ހުށައަޅަން ނުޖެހޭނެއެވެ.

މި މާއްދާގެ ދަށުން ދެވޭ ޗުއްޓީގެ ބޭނުން ނުކޮށް، ވަޒީފާއަށް ނުނުކުންނަ ނަމަ، ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން، އެ މުވައްޒަފުގެ އަސާސީ މުސާރައިން 1 ދުވަހަށް ޖެހޭ މިންވަރު އެ މުވައްޒަފަކަށް ދޭންވާނެކަމަށް ވަނީ ބުނެފައެވެ.

ސިރާޖު ވިދާޅުވިގޮތުގައި މި އިސްލާހު ހުށައެޅުއްވި ސަބަބަކީ އަންހެން މުވައްޒަފުން ހައިޟުގެ ދުވަސްވަރު އުފުލާ ތަކުލީފުތައް ގަބޫލުކޮށް، އެކަމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގެން އަމަލުކުރަމުންދާ އުސޫލަކަށްވާތީވެއެވެ. އަދި މިކަމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށްވެ، ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިތްވަރަކަށް ވާނެކަމަށް ގަބޫލުކުރައްވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް