Advertisement

ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓްގައި މެންބަރު ދޮންބިލެތް ހަލީމްގެ އާއިލާ މެންބަރެއް!

31 Aug 2020 | 17:29

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓްގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް)ގެ އާއިލާގެ މެންބަރެއް ހިމެނިއްޖެއެވެ.

މިކަން ތިލަކޮށްފައިވަނީ ކޮތަރުކޮށި ނަމުގައި ހިޔާގެ ފްލެޓްއާއި ބެހޭގޮތުން ހަދާފައިވާ ފޭސްބުކް ޕޭޖުގައެވެ. އެ ޕޭޖުން އަންނީ މިފަދަ އެތައް ކޭސްއެއް ފެންމަތިކުރަމުންނެވެ. އަދި ފްލެޓް ޝަރުތު ހަމަވެ ހާލުގައި އުޅެމުން ގެންދާ ފްލެޓް މިފަހަރު ނުލިބޭ ފަރާތްތަކުގެ ވާހަކަ ވެސް ގެނެސްދެމުންެނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައިވާއިރު، އެ ލިސްޓްގައިވާ ގޮތުން ދޮންބިލެތް ހަލީމްގެ އާާއިލީ ގެކޮޅު ކަމަށްވާ ގ.ދޮންބިލެތްގޭގައި ރަޖިސްޓަރވެފައިވާ ހައްވާ ތަހުމީނާއަށް ވަނީ ޖުމްލަ 69.81 ޕޮއިންޓް ލިބިފައެވެ.

ފްލެޓް ކޮމެޓީން މައުލޫމާތުދެއްވާ ގޮތުގައި ފްލެޓްތައް ލިބޭނީ، 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތަކަށެވެ. މިގޮތުން ފްލެޓް ދޭއިރު، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދޭނެކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން 1772 ފަރާތަކަށް މި ފްލެޓްތައް ލިބޭނެއިރު، ތަހުމީނާގެ ނަން އޮތީ 851 ވަނަ ނަންބަރުގައެވެ.

ދޮންބިލެއް ހަލީމްގެ އާއިލާ މެންބަރެއްގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެންބަރު އަނދުން ހުސައިންގެ ދައްތައަށްވެސް ވަނީ ހިޔާ ފްލެޓް މިފަހަރު ކަށަވަރުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފްލެޓްތައް ދިނުމުގައި ދެ ސަރުކާރުންވެސް ސިޔާސީ ނުފޫޒު ފޯރާފައިވާގޮތަށް އަމަލުކޮށްފައިވާކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. މިކަމުގެ ސަބަބުން އާންމު ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމުން މަހުރޫމްވަމުންދާކަމުގެ ޝަކުވާތައް ދަނީ އަޑުއިވެމުންނެވެ.

ފްލެޓްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


Advertisement

ކޮމެންޓް

Advertisement