ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފި

01 Sep 2020 | 12:28

ހުޅުމާލޭގައި އިމާރާތްކުރި ހުޅުމާލެ ޕޮލިސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލޭގައި ފުލުހުންގެފުރިހަމަ މަރުކަޒެއް ގާއިމްކުރެވިގެން ދިއުމަކީ ފުލުހުން އަދާކުރަންޖެހޭ މުހިންމު ޒިންމާއަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި ހުޅުމާލޭގެ އާބާދީ އިތުރުވެ ހިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެ، މުޅި ވެއްޓަށް އަންނަމުންދާ ބަދަލުތަކާ އެކުގައި ހުޅުމާލޭގައި ފުލުހުން ދޭންޖެހޭ ހިދުމަތްތަކަކީ ކޮންމެހެން ފުޅާކުރަންޖެހޭ ހިދުމަތެއްކަމަށް ވިދާޅުވިއެވެ.

އޭގެއިތުރުން އިންސާނީ މުޖުތަމައަކަށް ބަލާއިރު އެމުޖުތަމައަކަށް ލިބިގެންވާ އެންމެ މުހިންމު ބަހާއަކީ އަމާންކަންކަމަށާއި މުޖުތަމައެއް ދެމިއޮތުމަށްޓަކައި އެ މުޖުތަމައުގެ އިގްދިޞާދީ ތަނަވަސްކަމާއި ފުދުންތެރިކަމުގެ އިތުރުން އަމަންކަމާއި ރައްކާތެރިކަމަކީ އޮތުން ލާޒިމްކުރާ ދެ ސިފަކަމަށް ވިދާޅުވިއެވެ. އެގޮތުން އަމާންކަމާއި ރައްކާތެރިކަން މިއަދުގެ ދުނިޔޭގައި ކަށަވަރު ވެގެންދަނީ މިއަދުގެ ދުނިޔޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވައި ފުލުހުންގެ ބޮޅުގައި އެޅިފައިވާ މުހިންމު ޒިންމާއަކީ އެކަމަށްޓަކައި ފުލުހުން ޒިންމާ އަދާކުރާ އެއަށް ފަހުރުވެރިވެ ޝުކުރުވެރިވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންނާ ދޭތެރޭ ވަރަށް މަތީ އުންމީދުތަކެއް ސަރުކާރުން ކުރާކަން ފާހަގަކުރައްވައި ފުލުހުންގެ ހިދުމަތް ފުރިހަމަކޮށް ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ރައްޔިތުން އެދޭފަދަ ހިދުމަތެއް ދީ، ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމް ލިބިފައިވާ ބަޔަކަށްވުމަކީ މުހިންމު ކަމެއްކަމަށާއި މި ސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެޝަރަފާއި ކަރާމާތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފްރަންޓްލައިން އަށް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތައް ދިނުން އެއީ އިސްކަމެއްކަމުގައި ދެކި، އޭގެ ނަތީޖާއެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކުރުންކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ތަކުލީފުތައް ނައްތާލައި ފުލުހުންގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދޭނެ ނިޒާމްތައް ގާއިމްކުރުމަށް އިސްކަން ދީފައިވާކަމަށް ވިދާޅުވިއެވެ.

ހަަމައެއާއެކު ލޯކަލް ޕޮލިސިންގ ޕްރައޯރިޓީގެ ދަށުން މާލެއާއި އަތޮޅުތަކުގައި ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ދިނުމަށް ގާއިމުކުރެވި މިހާރު ހިންގަމުންދާ ނިޒާމް އިތުރަށް ވަރުގަދަކޮށް، ޕޮލިސިންގ މަސައްކަތްތައް ރޭވިފައިވާ ދާއިރާތައް އިތުރަށް ބާރުވެރިކޮށް، ލާމަރުކަޒީ އުސޫލަކުން ފުލުހުންގެ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަކަށް ބައްޓަންކުރުމަށް ހާއްސަ އަހައްމިޔަތު ކަމެއް ދެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދީ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ކުށްކުރުމަށް ކަންކަން މަގުފަހިވިޔަ ނުދިނުމަށްޓަކައި މައްސަލަ ދެނެގަނެ ހައްލުކުރުމުގެ އަމާޒުގައި މިހާރު ތަޖުރިބާ ކުރަމުންދާ ނެއިބަރުހުޑް ޕޮލިސިންގ މޮޑެލްއަކީ މިއަދު ހުޅުމާލޭގައިވެސް ގާއިމްވެފައިވާ އަދި އެކަމާގުޅޭ އިންތިޒާމްތައް ހަރުދަނާކުރުމަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާކަމެއްކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ޕޮލިސްގެ އައު އިމާރާތުގެ މަޝްރޫއަކީ 2017 ޖޫން 14 ވަނަ ދުވަހު އިފްތިތާހު ކުރެވިގެންދިޔަ މަޝްރޫއުއެކެވެ. 2019 ނޮވެމްބަރު 12 ވަނަ ދުވަހު ނިމުނު މި އިމާރާތަކީ ތިން ފަންގިފިލައަށް އިމާރާތްކޮށްފައިވާ އިމާރާތެކެވެ. ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ޕޮލިސް ސްޓޭޝަނަކުން ރައްޔިތުންނަށް ހިދުމަތް ފަސޭހައިން ދެވޭނެފަދަ ބައިތަކާ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްފައިވާ މި އިމާރާތަށް 27.5 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

Advertisement

ކޮމެންޓް