Advertisement

އެއް ގައުމަކަށް މާބޮޑަށް ބަރޯސާވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުން ރަނގަޅެއް ނޫން: ދުންޔާ

02 Sep 2020 | 11:19

ދިވެހިރާއްޖޭގެ ފަރާތުން އެއް ގައުމަކަށް މާބޮޑަށް ބަރޯސާވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުމަކީ އެހާ ރަނގަޅުގޮތެއް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިފަދައިން ވިދާޅުވީ އަވައްޓެރި ސްރީލަންކާގެ ޑެއިލީ މިރާގެ އޮންލައިން ޕްރޮގްރާމަކަށް ޒޫމް މެދުވެެރިކޮށް ދެއްވި އިންޓަރވިއުއެއްގައެވެ.

މި ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ ދިވެހިރާއްޖެއިން އިތުރު ކަމަަކަށް ބެލުމެއް ނެތި "ޕްރޯ އިންޑިއާ" ޚާރިޖީ ސިޔާސަތަކަށް އަމަލުކުރަމުންދާ ކަމަށާއި، އެފަދައިން އަމަލުކުރަމުންދާ ސަބަބާއި މެދު ގަބޫލުކުރެވޭ ހުއްޖަތެއް ރައީސުލްޖުމްހޫރިއްޔާ ދައްކަވަންޖެހޭ ކަމަށެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަކީ އިންޑިއާގެ "ސެޓެލައިޓް ސްޓޭޓަކަށް" ވުމުގެ ބިރުވެރިކަން އެބައޮތްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. ދުންޔާ ވަނީ ކުރީގެ ރައީސް ޔާމީންވެސް ހަމަ މިފަދައިން ޗައިނާ އަދި ސައުދީ އަރަބިއްޔާއާއި ގާތް ޚާރިޖީ ސިޔާސަތަކަށް އަމަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކަށްވާ ބަރޯސާ ދަމަހައްޓައި، އިންޑިއާ އާއި އެގައުމުން މި ސަރަހައްދުގައި ކުރާ އުންމީދުތަކަށް އިހުތިރާމްކުރާފަދަ ޚާރިޖީ ސިޔާސަތެއް ނުގެންގުޅެވޭނެ ސަަބަބެއް ނެތްކަމަށެވެ. ދުންޔާ ވިދާޅުވީ އެއް ގައުމަކަށް މާބޮޑަށް ބަރޯސާވެއްޖެނަމަ ދިވެހިރާއްޖެ ބަލިކަށިވެގެންދާނެކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ގައުމުތަކާއި އެކު ކުރާ މުއާމަލާތްތަކުގައި ކުރިނުހޯދޭނެ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ. 

ދުންޔާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ދިވެހިރާއްޖެއިން ޗައިނާއަށް މާބޮޑަށް ބަރޯސާވާ ވާހަކަދެއްކެވި ކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެ ވަޑައިގަތްތާ ގިނަ ދުވަސްތަކެއް ނުވެ، ރައީސް ޞާލިހްގެ ސަރުކާރުން އިންޑިއާގެ އަތުން 800 މިލިޔަން ޑޮލަރުގެ ލޯނެއް ނެންގެވިކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެ ލޯނުގެ ޝަރުތުތައް އާންމުކުރެވިފައި ނުވާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެނގެންެއޮތް ކަމަކީ ގުޅީފަޅު ޕޯޓް ޕްރޮޖެކްޓް ފަދަ އާ އުމްރާނީ ބޮޑެތި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކުންފުނިތަކުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދި ކޮވިޑްގެ ހާލަތުގައިވެސް އިންޑިއާއަށް މާބޮޑަށް ބަރޯސާވާ މަންޒަރު ފެންނަމުންދާ ކަމަށާއި ދިވެހިރާއްޖެއިން ބެލެންސްޑް ޚާރިޖީ ސިޔާސަތެއް ގެންގުޅެވެން ވާނެކަމަށްވެސް ދުންޔާ ފާހަގަކުރެއްވިއެވެ. 

Advertisement

ކޮމެންޓް