ރައްޔިތުންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަގުތު ދޭންޖެހޭ!

19 Nov 2018 | 08:30

ސެޕްޓެމްބަރ މަހު ތޭވީސް ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު، ތަފާތު ބޮޑު ނަތީޖާއަކުން އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމަކީ، ރާާއްޖޭގެ ޅަ ޑިމޮކްރަސީ ހަޔާތުގެ މުހިންމު ސަފްހާއެއް ކަމީ ދެބަސްވެވެން ނެތް ކަމެކެވެ. އޭގެ ކުރީގެ އެއްވެސް އިންތިހާބެއްގައި ނެތް މިންވަރަށް ސިޔާސީ ކޯޅުންތައް އޮއްވައި، އެކޯޅުންތަކުން އަރައިގަނެ ކޯލިޝަންއެއްގެ ޒިންމާ ކޮނޑުގައި އަޅުއްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުންނެވީ، ގަދަ ކަނޑެއްގައި ވަރުގަދަ ދަތުރެއް ކުރައްވާށެވެ.

ރައީސްކަމުގެ މަގާމު އިބްރާހިމް މުހައްމަދު ސޯލިހަށް ކަށަވަރުވުމާއި އެކު، މީސް މީޑިޔާގެ އެކި ވަސީލަތްތައް އުތުރިއަރައިގެން ދިޔައެވެ. ހެޔޮއެދުންތަކާއި، އެމަނިކުފާނުގެ ކިބައިން އުންމީދުކުރައްވާ އެކިކަންތައްތަކުންނެވެ. ކޮންމެ ފަރާތަކުންވެސް ދިޔައީ އެފަރާތަކުން، އާ ރައީސްގެ ސަރުކާރުގެ ކިބައިން އެދޭ ކަންކަން ލިސްޓްކުރަމުންނެވެ.

ރައްޔިތުން އިންތިހާބު ކުރި ލީޑަރެއްގެ ކިބައިން، އެ ރައްޔިތުން ކަންކަމަށް އެދުމަކީ އެއީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫނެވެ. ލީޑަރުންނަކަސް، އެބައިމީހުންނަކީ ރައްޔިތުންގެ ހާދިމުންނެވެ. ރައްޔިތުންގެ ބާާރުން، ރައްޔިތުންގެ މައްޗަށް ބާރުވެރިކަން ހިންގުމަށް ހޮވާފަައި ހުރި ފަރާތެކެވެ. އެހެނަަސް، ހަގީގަތަކީ ލީޑަރުންނަކީވެސް ހަމަ އިންސާނުންކަމެވެ. ޚާއްސަ ބާރުތަކެއް ލިބިފައިވާ ސުޕަރ ހީރޯސްތަކެއް ނޫނެވެ.

މިހެން ދަންނަވާލަން މިޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޅުގަނޑުމެން އާންމު ފަރުދުން، ކަންކަމަށް އެދޭ ހިނދު ގިނަ ފަހަރަށް ހަނދާން ނައްތާާލެވޭ ކަމަކީ، ބައެއް ކަންކަން ތަންފީޒުކުރުމަށް ވަގުތު ނަގާނެކަމެވެ. މިއަދުން މާދަމާއަށް ބައެއް ކަންކަން ނުކުރެވޭނެކަމެވެ.

މީގެ އެއް މިސާލަކީ ގާނޫނުތަކެވެ. ބަންޑާރަ ނައިބުގެ އޮފީހުން ގާނޫނުތައް ހަދައި މަޖިލީހަށް ދިއުމުގައި ވަގުތު ނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ. ގާނޫނެއް ހަދަނީ ހަމައެކަނި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންގެ އެކަނި ހިންމަތުންނެއް ނޫނެވެ. 

ބައެއް ފަހަރު ދެތިން މިނިސްޓްރީވެސް ގުޅިގެންނެވެ. އެހެންކަމުން، ގާނޫނުތަކުގެ ބާބުތައް ދިރާސާކޮށް، އެކަށައަޅައި ކުށްފިލުވާ ހެދުމަށް ދުވަސް ނަގާފާނެއެވެ. އިންސާނީ ތަބިއްޔަތާއި ބުއްދީގެ ނަޒަރަށް ވިސްނައި ފިކުރުކޮށްފިނަމަ މުހިންމު ގާނޫނުތައް އެއްރޭ މަތިން ފުރިހަމަކަމާއި އެކު ނުނިންމޭނެކަން ޔަގީންވެއެވެ. އެހެނަސް، ބައެއް ފަރާތްތަކުން އާ ސަރުކާރުން މުހިންމު ގާާނޫނުތައް، މިނިސްޓަރުން އޮފީސްތަކަށް ވެދެވަޑައިގަންނަވާ އަވަހަށް ތައާރަފްކުރުމަށް ވިސްނާ ކަމީ ހިތާމަކޮށްލަންޖެހޭ ކަމެކެވެ.

އަނެއްކަމަކީ މެނިފެސްޓޯގައި ހުރި އެހެނިހެން ކަންކަންވެސް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް ކުރާ އުންމީދެވެ. މެނިފެސްޓޯގައި ހިމެނިފައިވާ ވައުދުތަކަކީ، ފަސް އަހަރުގެ މާސްޓަރ ޕްލޭންއެއްގެ މައްޗަށް ބިނާވެ، ފަސް އަހަރުގެ ތެރޭގައި ފުއްދުމަށް ބަހާާލެވިފައިވާ ޕްލޭންތަކެވެ. އެހެންކަމުން އޭގެ ވައުދުތައް، ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި އެއްކޮށް ފުއްދައި ނިންމުމަށް އެދުމަކީ ވެރިކަން ފުރިހަމައަށް ހިންގުމަށް އެޅޭނެ ހުރަހެކެވެ. 

ތެދެކެވެ. އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ޕްލޭނެއް އެބައޮތެވެ. އެ ޕްލޭންގައިވާ ކަންކަން ތަންފީޒުކުރާތޯ ފާރަލުމަކީވެސް އަޅުގަނޑުމެން ރައްޔިތުންގެ ޒިންމާއެކެވެ. އެހެނަސް، އެކަންކަން ތަންފީޒުކުރުމުގެ ޖާގަވެސް އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ބަރޯސާވެ ދޭން އެބަޖެހެއެވެ. އިބްރާހިމް މުހައްމަދު ސޯލިހަކީވެސް އިންސާާނީ ލީޑަރަކަށް ވާތީއެވެ. ސުޕަރހީރޯ ލީޑަރއެއްކަމުގަައި ނުވާތީއެވެ.

Advertisement

ކޮމެންޓް