ބިދޭސީ ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަދިނުމުގެ ގަވާއިދު އެކުލަވާލައިފި

02 Sep 2020 | 23:09

ބިދޭސީ ގާނޫނީ ވަކީލުންނަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަދިނުމުގެ ގަވާއިދު އެކުލަވާލައިފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލި މި ގަވާއިދު މިއަދު ވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި މިއީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 36ވަނަ މާއްދާގެ ހގެ ދަށުން ހެދުނު ގަވާއިދެކެވެ. އަލަށް އެކުލަވާލެވުނު ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކޯޓެއްގަައި ހިނގަމުންދާ މައްސަލައެއްގައި، ލޯފާމް/ލޯ ޕްރެކްޓިސް، ބަންޑާރަނައިބުގެ އޮފީސް ނުވަތަ ޕީޖީ އޮފީހާއި ގުޅިގެން އެ މައްސަލައެއްގައި ގާނޫނީ ވަކީލަކު ވަކާލާތުކުރުމުގެ ހުއްދައަކަށް އެދި ބާ ކައުންސިލަށް ހުށައެޅިދާނެކަމަށެވެ.

ބިދޭސީ ގާނޫނީ ވަކީލަކަށް ވަކާލާތުކުރުމުގެ ހުއްދައަކަށް އެދި، ބާ ކައުންސިލަށް ހުށައެޅުން ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ވަކީލަކަށް ހުއްދަ ދިނުމާއި މެދު އެކްސްކޯއިން ނިންމިގޮތެއް ހަތްދުވަހުގެ ތެރޭގައި ބިދޭސީ ވަކީލު އައްޔަންކުރަން ބޭނުންވާ ފަރާތަކަށް އަންގަން ޖެހެއެވެ. މިފަދައިން ހުއްދަދޭން ނިންމުމުން އެ ވަކީލަކު ބާ ކައުންސިލަށް ހާޒިރުވެ، އިގުރާރުގައި ސޮއިކޮށް ފީދެއްކުމުން ހުއްދަ ދޫކުރެވޭނެއެވެ. މިފަދައިން ހުއްދަ ދޫކުރެވޭ ފަރާތްތަކުގެ މައުލޫމާތު ބާ ކައުންސިލްގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބިދޭސީ ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގައި އެ ވަކީލަކު ވަކާލާތުކުރަން އެދޭ މައްސަލަ ހިނގަމުންދާ ޝަރުޢީ ކޯޓަކުން ބަލައި، ހުއްދަ ދިނުމަށް ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2000 ރުފިޔާ، ހައި ކޯޓުގައި ވަކާލާތު ކުރުމަށް 5000 ރުފިޔާ އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަން ބޭނުން ނަމަ 10،000ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. މި ގަވާއިދުގެ ދަށުންދޭ ހުއްދަ ދެމިއޮންނާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މައްސަލައިގެ ޝަރީއަތުގެ މުއްދަތު އިތުރުވާނަމަ ހުއްދަ އިތުރުކުރަން ފޯމް ހުށައެޅިދާނެއެވެ.

މިފަދައިން ބިދޭސީ ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ހުއްދަދެވުނު މައްސަލަ ނޫން އެހެން މައްސަލައެއްގައި އެ ވަކީލަކު މަސައްކަތްކޮށްގެން ނުވާނެއެވެ.

ފޮޓޯ: ވީނިއުސް

Advertisement

ކޮމެންޓް