މޮރިޝަސްއާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށޫއަރާ މައްސަލައިގެ އަޑުއެހުންތައް އިޓްލޮސްގައި ފަށަނީ

04 Sep 2020 | 23:09

މޮރިޝަސްއާއި ދިވެހިރާއްޖޭގެ މެރިޓައިމް ބޯޑަރ ނުވަތަ ކަނޑުގެ ސަރަހައްދު ފުށޫއަރާ މައްސަލަައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ނުވަތަ އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިޓްލޮސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 13 އޮކްޓޯބަރުގައި އޮންނަ ފުރަތަމަ އަޑުއެހުމުގައި އޮންނާނީ މި މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ސްޕެޝަލް ޗެމްބަރާއި މޮރިޝަސްއިން ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުންކުރާ ދައުވާއާއި މެދު ދިވެހިރާއްޖެއިން ދެކޭގޮތް ހާމަކުރުން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި އަޑުއެހުން ކުރިއަށްދާނީ ކޯޓްރޫމްގައި ފަރާތްތަކުން ތިބޭގޮތަށާއި އަދި ވާޗުއަލްކޮށެވެ.

މި އަޑުއެހުންތައް އިޓްލޮސްގެ ވެބްސައިޓުން ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ބާރނާޑް އޮކްސްމަންއެވެ. ނަމަވެސް މި މައްސަލައިގައި މޮރިޝަސްގެ ފަރާތުން ބައިވެރިވާ ފަރާތެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޗާގޯސް އައިލޭންޑް ނުވަތަ ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާއި ހަވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން މޮރިޝަސްއާއި އެއްކޮޅަށް ވޯޓުލާާފައި ނުވަނީވެސް، ދެގައުމުގެ ކަނޑުގެ ސަަރަހައްދުގެ މައްސަލަ ޖެހިފައިވުމުންނެވެ.

އޭރު ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ވޯޓަކީ ރާއްޖެއިން މޮރިޝަސް ނުވަތަ އެހެން ޤައުމަކާއި ދެކޮޅަށް، ނުވަތަ އެމެރިކާއާއި އިނގިރޭސިވިލާތާއި އެއްކޮޅަށް ދިން ވޯޓެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ޙިމާޔަތްކުރުމަށް ދިން ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ޤާނޫނުންނާއި އަޅުގަނޑުމެންގެ ޤާނޫނުތަކުން ލިބިދޭ ސަރަހައްދުގެ އަޅުގަނޑުމެންނަށް ލިބޭކަން ކަށަވަރުކުރުމަށް ދިން ވޯޓެއް. އދގެ އާއްމު މަޖިލީހުގައިވެސް އަދި އެހެން ޕްލެޓްފޯމެއްގައިވެސް ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް ސަރުކާރުން ވޯޓެއް ނުދޭނެ" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް