Advertisement

ބީއެމްއެލްގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރުމަށް ހައިތަމް އެދިވަޑައިގެންފި

06 Sep 2020 | 15:36

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތާއި މެދު ކަސްޓަމަރުންގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައި، އެތަނުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެދިއްޖެއެވެ.

އެބޭފުޅާ މިފަދައިން އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

މެންބަރު ހައިތަމް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއާއި ގުޅޭގޮތުން، ވަރަށް ގިނަ ރައްޔިތުން ސޯޝަލް މީޑިޔާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝަކުވާ އުފުލަމުންދާ ކަމަށެވެ. އެގޮތުން އެކައުންޓްތަކުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި، ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑުން ފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީވާންޖެހޭ މިންވަރަށް ޖަވާބުދާރީނުވާކަމުގެ ޝަކުވާ އުފުލަމުންދާކަމަށް ހައިތަމް ފާހަގަކުރެއްވިއެވެ.

އެބޭފުޅާ ވިދާޅުވިގޮތުގައި ރައްޔިތުން އުފުލަމުންދާ ޝަކުވާތަކަށް ބޭންކުން އެއްވެސް މިންވަރަކަށް ރައްޔިތުންނަށް ޖަވާބުދާރީވަމުންދާ މަންޒަރެއް ނުފެނެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށްވެސް މެންބަރު ހައިތަމް ވިދާޅުވިއެވެ.

އެހެންކަމުން، ރައްޔިތުން ބައިވެރިވެ އެފަރާތްތަކަށް ސުވާލު ކުރެވޭނެފަދަ ގޮތަކަށް ބީއެމްއެލްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުމުގެ އިންތިޒާމް ހަމަޖައްސައިދޭން ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް