ހުޅުމާލޭ ހޮސްޕިޓަލްގެ ބައެއް ނަރުހުންނާއި އެޓެންޑެންޓުން އިހުތިޖާޖްކުރަނީ

06 Sep 2020 | 19:52

ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ބައެއް ނަރުހުންނާއި އެޓެންޑެންޓުން އިހުތިޖާޖްކުރަން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި ތިބެގެން މި ފަރާތްތަކުން އިހުތިޖާޖްކުރަމުންދަނީ ކޮވިޑް ފްރަންޓްލައިން އެލަވަންސް ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ. މިތަނުގައި 40 ވަރަކަށް ނަރުހުންނާ އެޓެންޑެންޓުން އެބަތިއްބެވެ.

އެތަނުގައި ބައެއް ފަރާތްތަކުން ރާއްޖޭގެ ނޫހެއްކަމަށްވާ "ވަގުތު" ނޫހަށް މައުލޫމާތުދިން ގޮތުގައި، ހުރިހާ ނަރުހުންނަށް ފްރަންޓްލައިން އެލަވަންސް ލިބޭނެކަމަށް ފުރަތަމަ އެންގިއެވެ. އަދި ލިބޭނެގޮތަށް ލޮގްތަކުގައި ލިޔުއްވިކަމަށްވެސް އެފަރާތްތަކުން ބުންޏެވެ. ނަމަވެސް އެލަވަންސް ލިބިގެންދިޔައީ ހަމައެކަނި ކޮވިޑް ފެސިލިޓީއަށް ދިޔަ ނަރުހުންނަށް ކަމަށް އެތަނުގައި ހުރި މީހަކު ވަނީ ބުނެފައެވެ. އަދި އެ މުވައްޒަފުންނަށްވެސް އެލަވަންސް ދިނީ މަދުންކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭގޮތުގައި ފިނޭންސް މިނިސްޓްރީގެ އުސޫލުގެ ދަށުން ގިންތި ކުރެވިގެން އެލަވަންސް ދެނީ ކޮވިޑް-19 އާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ.

މުޒާހަރާގެ ބައިވެރިއަކު އިތުރަށް ބުނިގޮތުގައި ކޮންމެ ނަރުހެއްވެސް މިހާރު މަސައްކަތްކުރަމުންދަނީ ހައި-ރިސްކްގައެވެ. އެގޮތުން އައިޖީއެމްއެޗްގެ ވޯޑްގައި މަސައްކަތްކުރާ ނަރުހުންނަށް އެލަވަންސް ލިބުނުއިރު، ހުޅުމާލޭ ހޮސްޕިޓަލްގެ އެފަދަ ނަރުހުންނަށް އެލަވަންސް ނުލިބުމަކީ ނާއިންސާފެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް