މިނިސްޓަރ ފައްޔާޒް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައެޅުމުގެ މަސައްކަތްކުރަނީ

07 Sep 2020 | 21:09

އިކޮނޮމިކް މިނިސްޓަރ އަލްެއުސްތާޛު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައެޅުމުގެ މަސައްކަތްކުރަން ފަށައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް މި ގަރާރުގައި މިހާތަނަށް 30 މެންބަރަކު ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި 35 ސޮއި ހަމަވުމުން، އެމްޑީޕީގެ ގައުމީ މަޖިލީހަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މި ގަރާރު ހުށައަޅުއްވަން ގަސްދުކުރައްވާކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކަންތައްތައް ނިންމުން ރަނގަޅުވާނީ ޕާޓީގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު ވަނީ މިނިސްޓަރ ފައްޔާޒް މަގާމުން ދުރަށް ވަޑައިގަތުމަށްވެސް އެދިލައްވާފައެވެ.

"ފައްޔާޒްވެސް ޕާޓީއަކަށްޓަކައި ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ،. އަޅުގަނޑުވެސް މިދަނީ ފަހަތަަށް ޖެހެންވާއިރު އެކަން ކުރަމުން"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއިން، ރައީސް ނަޝީދު އިސްވެ ހުންނަވާ ވަނީ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތެއް ކޮށްފައެވެ. އެކަމާއި ގުޅިގެން ފައްޔާޒްގެ ދިފާއުގައި ފާޅުކަންބޮޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާވެސް ނުކުމެ ވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް