Advertisement

ކައުންސިލަށް ނޭނގި އިންޑިއާގެ 2 ޑޯނިއާ ހަނިމާދޫގައި ޖައްސައިފި!

08 Sep 2020 | 22:12

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފިއެވެ.

މި ދެ މަތިންދާ ބޯޓުވެސް އެ އެއަރޕޯޓަށް ޖައްސާފައި ވަނީ މިއަދު ހެނދުނުއެވެ.

އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ގައި އިންޑިއާ ސިފައިން މިމަހުގެ 16ގެ ނިޔަލަށް ތިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ދުނިޔޭގެ އެންމެ ބާރަށް ކޮވިޑު-19 ފެތުރެމުންދާ ޤައުމުކަމުގައިވާ އިންޑިއާގެ އަސްކަރީ 2 މަތިންދާބޯޓު މިއަދު ހަނިމާދޫއަށް ޖައްސައިފި ކަމަށާއި އެ ބޯޓުތައް އެއާޓްރެފިކް އަދި އެމްއެންޑީއެފް ރާޑަރަށްވެސް ނާރާކަމަށެވެ.

ހަނިމާދޫ ކައުންސިލުން ބުނީ، މިއަދު އިންޑިއާގެ ދެ އަސްކަރީ ބޯޓު ހަނިމާދޫ އެއާޕޯޓުގައި ޖައްސާފައިވާ ކަމަށާއި އެކަން ކައުންސިލަށް ރަސްމީ ސިފައެއްގައި، ރަސްމީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. 

މިއީ ގަދައަށް ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު، ބޭރުން އަންނަ މީހުން ރަށްރަށަށް އެރުމުގެ ހުއްދަ ދެނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތަކަށް ފަހުއެވެ. ނަމަވެސ،ް އިންޑިއާގެ ޑޯނިއާގައި އައި މީހުން ހަނިމާދޫއަށް ދިޔައީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަން ސާފުވެފައި ނުވާއިރު، އެރަށު ކައުންސިލުން ވަނީ އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސާފައިވާއިރު އިންޑިއާގެ ބައިވެރިވުމާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ މިއަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހާމަ ކޮށްފައެވެ.


Advertisement

ކޮމެންޓް