ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކުރަން އަމުރު ނެރެފި

10 Sep 2020 | 20:02

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.

އެ ކޯޓުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފައިވަނީ ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކުުރުމަށާއި، އެ އެކައުންޓްތަކުގެ ތަފްސީލްތައް ސިވިލް ކޯޓަށް ފޮނުވައިދިނުމަށެވެ.

ސިވިލް ކޯޓުގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި މި އަމުރު ނެރެފައިވަނީ ހިލްޓަން އިންޓަރނޭޝަނަލް ކުންފުނީގެ ފަރާތުން ސަން ޓްރެވަލްސް ކުންފުންޏާއި ދެކޮޅަށް ހުށައަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ އަކީ ސަން ޓްރެވަލްސް ކުންފުނީގެ ފަރާތުން ނ. އިރުފުށި ރިސޯޓް ހިންގުމަށްޓަކައި ހިލްޓަންއާއި އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުން ނިންމި ހުކުމް ތަންފީޒު ކުރުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހުކުމާއި އެއްގޮތަށް ސަން ޓްރެވަލްސްއިން ފައިސާ ނުދެއްކުމުން ހިލްޓަންގެ ފަރާތުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށައެޅިއެވެ.

2017ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހިލްޓަން ކުންފުނީގެ ފަރާތުން ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހޭނެކަމަށް ބުނެ ހުކުމް ކޮށްފައެވެ. ނަމަވެސް ދާދިފަހުން ހައިކޯޓުން ވަނީ އެހުކުމް ބާތިލްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement