Advertisement

ބަހްރެއިނުންވެސް އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ބޭއްވުމަށް ނިންމައިފި

12 Sep 2020 | 13:48

އަރަބި ޖަޒީރާ ގައުމެއްކަމަށްވާ ކިންގްޑަމް އޮފް ބަހްރެއިން އިން އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އިއުލާންކުރައްވާފައެވެ. ބަހްރެއިން އަދި އިޒްރޭލްގެ ދެމެދުގައި ރަސްމީ ގުޅުންތައް ގާއިމްކުރުމަށް ނިންމުމުގެ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެެރިވެފައިވަނީ އެމެރިކާއެވެ.

މިކަމާ ގުޅިގެން ތިން ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މެދުއިރުމަތީގައި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށެވެ. އަދި ބަހްރެއިނާއި އިޒްރޭލްފަދަ ތަފާތު މުޖުތަމައުތަކާއި ކުރިއަރާފައިވާ އިގްތިސާދުތަކެއް ލިބިފައިވާ ދެގައުމުގެ މެދުގައި ސީދާ މުއާމަލާތްކުރުމާއި ގުޅުންތައް ބޭއްވުމަކީ މެދުއިރުމަތި އިތުރަށް ކުރިއަރައިދާނެފަދަ ގޮތެއްކަމަށްވެސް ވަނީ ބުނެފައެވެ.

މިދެގައުމުގެ މެދުގައި ރަސްމީ ސިފައެއްގައި ގުޅުންތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަ ދުވަހުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައެވެ. މި ދުވަހުގައި އިޒްރޭލުން އެކުވެެރި އަރަބި އިމާރާތާ އެކުގައިވެސް ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތު އަރަބި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ބަހްރެއިން ފިޔަވައި އިޒްރޭލް ރަސްމީ ސިފައެއްގައި ބަލައިގަންނަނީ މިސްރު، އުރުދުން އަދި އެކުވެރި އަރަބި އިމާރާތުންނެވެ. 

Advertisement

ކޮމެންޓް

Advertisement