ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ދިމާވި ޙާދިސާ!

12 Sep 2020 | 11:36

އައްޝައިޚް މުޙައްމަދު ސިނާން

ﷲ سُبْحَانَهُ وَتَعَالَى އެކިއެކި ޒަމާންތަކުގައި, ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވާފައިވަނީ އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުޅައުމަށް ދަޢުވަތުދެއްވުމަށެވެ. މާތް ﷲގެ ރިސާލަތު އެބައިމީހުންނަށް ފޯރުކޮށް ދެއްވުމަށެވެ. އެބައިމީހުންގެ ކިބައިގައި އަށަގެންފައިވާ ނުބައި އަޚްލާޤީ ޞިފަތަކުން ޠާހިރުކުރެއްވުމަށެވެ. މިގޮތުން މާތް ﷲ ފޮނުއްވާފައިވާ އެއް ބޭކަލަކީ ލޫޠު عَلَيهِ السَّلام އެވެ.

މާތް ﷲ އެކަލޭގެފާނު ފޮނުއްވާފައި ވަނީ އުރުދުންނާއި ފަލަސްޠީނު ގުޅޭ ހިސާބުގައިވާ ސަރަހައްދެއްގައި އުޅެމުން ދިޔަ "ސަދޫމް" އޭ ކިޔުނު ބައެއްގެ ގާތަށެވެ. އެއީ މިހާރުގެ "ޑެޑް ސީ" ގެ ނަމުން މަޝްހޫރުވެފައިވާ ކަނޑު ހިމެނޭ ސަރަހައްދުކަމުގައި ބުނެވިފައިވެއެވެ. މިބައިމީހުންނަކީ ތަނަވަސްކަމާއި މުދާވެރިކަމާއެކު އުޅެމުން އައިސްފައިވާ ބައެކެވެ. މާތް ﷲ ފިޔަވައި އެހެން ފަރާތްތަކަކީ ކަލާނގެތައް ކަމުގައި ބަލައިގެން، އެތަކެއްޗަށް އަޅުކަންކުރުމުގެ އިތުރުން، މަގުފޭރުމާއި، ޚިޔާނާތްތެރިވުމާއި، އަނިޔާވެރިވުމުގެ ނުބައި ޞިފަތައް އެބައިމީހުންގެ ކިބައިގައި އަށަގެންފައިވާ ބައެކެވެ. އަދި އޭގެ ކުރިން އެހެން އެއްވެސް ޤައުމެއްގެ ބަޔަކު ނުކުރާފަދަ ފާޙިޝް ނުބައިޢަމަލެއްކަމުގައިވާ އެއްޖިންސުގެ ގުޅުން ފާޅުގައި ހިންގައި، އެކަމަށް ދަޢުވަތުދީ އުޅުނު ބައެކެވެ. ބީރައްޓެއްސެއްވެސް އެރަށަށް އަރައިފިކަމުގައިވާނަމަ، ފާޅުގައި އެކަންކުރުމަށް މަޖްބޫރުކުރެއެވެ. އެބައިމީހުންގެ އެއްވުންތަކުގައްޔާއި މަޖިލިސްތަކުގައި ފާޅުކޮށް މިކަން ކުރަމުން ދިޔައެވެ.

އިންސާނާގެ ފިޠުރަތަށް ބަލާލިކަމުގައިވީނަމަވެސް، މި ނުބައި ހަޑިމުޑުދާރު ޢަމަލު އެބައިމީހުންގެ ތެރެއަށް އައިސްފައިވަނީ ކުއްލިއަކަށް ނޫންކަން އެނގެއެވެ. އޭގެ ކުރިން، ދެޖިންސު މަސްހުނިވުުމާއި، ސިއްރުގައި ޒިނޭކުރުން ޢާއްމުވެ، ފަހުން ފާޅުގައި އެކަން ކުރުން ޢާއްމުވިއެވެ. އޭގެފަހުގައި، ސިއްރުން އެއްޖިންސުގެ ގުޅުން ހިންގުން ފެތުރި، އެކަން ޢާއްމުވެގެން ދިޔައެވެ. އެކަންކަމަކީ އެބައިމީހުންގެ މެދުގައި ޢާއްމުކޮށް ބަލައިގަނެވިފައިވާ، ކޮންމެ މީހަކަށް ލިބިގެންވާ އަމިއްލަ ޙައްޤެއް ކަމުގައި ކަނޑައެޅުނެވެ. އެކަންކުރުން މަނާކުރާމީހަކީ ކުށްވެރިއެއްކަމުގައި ބެލެވި، ރަށުން ބޭރުކުރަންޖެހޭފަދަ މީހެއްކަމުގައި ކަނޑައެޅުނެވެ. މާތް ﷲ ބުއްދި ދެއްވި އިންސާނުންތަކެއް ވެއްޓިގެންދިޔަ ދަށު ދަރަޖައާމެދު ވިސްނަވާލައްވާ!

ކަންމިހެން އޮއްވައި، ލޫޠު عَلَيهِ السَّلام ވަޑައިގެން އެބައިމީހުންނަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " ތިޔަބައިމީހުން (ﷲ އަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! އަދި އަހުރެން އެ ރަސޫލުކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. ޚަލްޤުތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ޙަލާލު ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައަޅައިދާ ބަޔަކީމުއެވެ."

އެކަލޭގެފާނުގެ މި ނަޞޭޙަތްތަކަށް އެބައިމީހުން ދިނީ ބީރު ކަންފަތްތަކެކެވެ. އެކަލޭގެފާނާ ދެކޮޅުވެރިވެ، މަލާމާތާއި ފުރައްސާރަކުރަން ފެށިއެވެ. އެބައިމީހުންގެ މެދުގައި ސައްލާތައް ކުރެވެން ފަށައި، އެ ސައްލާތަކުގައި ބުނަމުންދިޔައެވެ. "ތިޔަބައިމީހުން ލޫޠުގެފާނާއި، އެކަލޭގެފާނަށް ތަބަޢަވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެބައިމީހުންނީ ޠާހިރުވެ ތިބޭބަޔެކެވެ." އަދި ފާޅުގައި ލޫޠުގެފާނަށް އެބައިމީހުން ބުންޏެވެ. "އޭ ލޫޠުގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލައްވައިފިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) ﷲގެ ޢަޛާބު ނިކަންގެނެސްދެއްވަ ބައްލަވާށެވެ!" އެބައިމީހުންގެ ނުބައިކަން ހައްދުފަހަނައަޅައި، ދެކޮޅުވެރިކަން އިންތިހާއަށް ދިޔުމުން އެކަލޭގެފާނު މާތް ﷲއަށް ދުޢާކުރެއްވިއެވެ. "އަޅުގެ ވެރިރަސްކަލާކޮ! ފަސާދަކުރާމީހުންގެ މައްޗަށް މިއަޅާއަށް ނަޞްރު ދެއްވާނދޭވެ!"

މާތް ﷲ ލޫޠުގެފާނުގެ ދުޢާ އިޖާބަކުރައްވައި، އެބައިމީހުންގެ މަކަރުވެރިކަމާއި ހީލަތްތެރިކަން އޮޅުމެއްގެ ތެރޭގައި ލެއްވިއެވެ. އެބައިމީހުންނަށް ޢަޛާބު ދެއްވުމަށްޓަކައި މަލާއިކަތްބޭކަލުން އިންސީންގެ ތެރެއިންވާ ޒުވާނުންތަކެއްގެ ޞޫރާގައި ފޮނުއްވިއެވެ. އެބޭކަލުން އެންމެ ފުރަތަމަ އަބުލް އަންބިޔާ އިބްރާހީމް عَلَيهِ السَّلام ގެ އަރިހަށް ވަޑައިގެން، އެބޭކަލުންނަކީ ލޫޠުގެފާނުގެ ޤައުމުގެމީހުން ހަލާކުކުރެއްވުމަށް ފޮނުއްވުނު ބޭކަލުންތަކެއް ކަމަށާއި، ލޫޠުގެފާނާއި އެކަލޭގެފާނަށް ތަބަޢަވީ ބަޔަކު ސަލާމަތްކުރައްވާނެ ކަމުގެ އުފާވެރި ޚަބަރުދެއްވިއެވެ. އޭގެފަހުގައި، އެބޭކަލުން ލޫޠުގެފާނުގެ އަރިހަށް މެހެމާންދާރީއަށް އެދިވަޑައިގެން ވަޑައިގެންނެވިއެވެ. އެ ޒުވާނުންގެ ޚަބަރު އެ ޤައުމުގެ މީހުންނަށް ލިބިއްޖެކަމުގައިވަނީނަމަ، އެބައިމީހުންގެ ލައްޒަތު ޙާޞިލުކުރުމަށްޓަކައި އެ މެހެމާނުންނަށް މަޖުބޫރުކުރާނެކަން އެނގިވަޑައިގެން، ކަންބޮޑުވެވަޑައިގެންނެވިއެވެ. އެ މެހެމާނުންގެ ޚަބަރު އެބައިމީހުންނަށް ނުލިބުމަށް އެދިވަޑައިގެން، އެ މެހެމާނުންގެ ޚަބަރު ސިއްރުކުރަން މަސައްކަތްޕުޅުކުރެއްވިއެވެ. އެހެންނަމަވެސް، އެކަލޭގެފާނުގެ ނުކިޔަމަންތެރި، ޚިޔާނާތްތެރި އަނބިކަނބަލުން އެ ޚަބަރު އެ ޤައުމުގެ މީހުންނަށް ފޯރުކޮށްދިނުމާއެކު، މީސްތަކުން އެކަލޭގެފާނުގެ ގެކޮޅު ކައިރިއަށް ޖަމާވާން ފެށިއެވެ. އަދި އެ މެހެމާނުން އެބައިމީހުންނާ ހަވާލުކުރަން މަޖްބޫރުކުރަމުން ގެންދިޔައެވެ. ލޫޠުގެފާނު ވިދާޅުވިއެވެ. "އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! މިތިބީ އަހުރެންގެ ޤައުމުގެ އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުޢީގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟" އެބައިމީހުން ޖަވާބުގައި ބުންޏެވެ. "ހަމަކަށަވަރުން، ޤައުމުގެ އަންހެން ދަރިންނާމެދު އެއްވެސް ބޭނުމެއް ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ." އެހިނދު، ލޫޠުގެފާނު އިންތިހާއަށް ދެރަފުޅުވެ، ނިކަމެތިކަމާއެކު ހިތާމަފުޅުކުރައްވާ ޙާލު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމަ އެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމަ އެވެ!" އެހިނދު، ސިއްރުގޮތުގައި އެވަޑައިގެންނެވި، ލޫޠުގެފާނަށް ޙަޤީޤަތެއް އެނގިވަޑައިނުގެން ހުންނެވި މެހެމާނުން ދެންނެވިއެވެ. "އޭ ލޫޠުގެފާނެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެބައިމީހުންނަކަށް ވާޞިލެއް ނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް، އެނބުރި ފަސްނުބަލާށެވެ! ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައެވެ. ހަމަކަށަވަރުން، އެބައިމީހުންނަށް ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެތެވެ. ހަމަކަށަވަރުން، އެބައިމީހުންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟" ބުނެވިފައިވާގޮތުގައި، ލޫޠުގެފާނަށް ތަބަޢަވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ އެކަލޭގެފާނުގެ ދެ ދަރިކަނބަލުން އެކަންޏެވެ.

ލޫޠުގެފާނާއި އެކަލޭގެފާނަށް އީމާންވިމީހުން އެ ރަށުން ނުކުތްހިނދު، އެކަލޭގެފާނުގެ އަނބިކަނބަލުންވެސް އެކަލޭގެފާނާއެކު ނުކުތެވެ. އެހެންނަމަވެސް، އެކަނބުލޭގެ ވަކި ހިސާބަކުން ފަސްބަލައި، އަލުން އަނެއްކާ ރަށަށް އެނބުރި އައެވެ. މަލާއިކަތްބޭކަލުން އެރަށް މައްޗަށް ނެންގެވިއެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ ކުއްތާތަކާއި، އެބައިމީހުންގެ ރުއިމާއި ހަޅޭކުގެ އަޑުން އުޑުމަތި ގުގުމާލިއެެވެ. އަދި އެރަށުގެ މަތީފުށް ދަށަށް ޖެއްސެވިއެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން އެ ރަށަށް ވާރޭ ވެއްސެވިއެވެ. އަދި އަދަށްދާންދެންވެސް އެވަނީ ދިރުުމެއްނެތް ކަނޑެއްގެގޮތުގައި އެބައިމީހުން އުޅުނު ހިސާބުލައްވާފައެވެ. ދިރިތިބީންނަށްވާ ޢިބުރަތެއްގެ ގޮތުގައެވެ.

((وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ)) (هود: 102) މާނައީ: "ރަށްތައް (އެބަހީ: ރަށްތަކުގެ އަހުލުވެރިން) އަނިޔާވެރިވެގެންވާ ޙާލު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ."

Advertisement

ކޮމެންޓް