ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ދެކޭގޮތް ބަދަލުނުކުރާކަމަށް ބުނެފި

12 Sep 2020 | 14:47

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ދެކޭގޮތް ބަދަލުނުކުރާކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ދެކެމުންދާ ގޮތް ބަދަލުކޮށްފައި ނުވާކަމަށެވެ.

އެގޮތުން ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދަނީ 1967ވަނަ އަހަރު ކަނޑައެޅުނު ބޯޑަރުތަކާއި އެއްގޮތަށް ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި އިރުމަތީ ގުދުސް އޮތުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން އެއްބަސްވަނީ "ޓޫ ސްޓޭޓް ސޮލިއުޝަން"އަކަށް ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ ފަލަސްތީނަށް ނިސްބަތްވާ ރެފިއުޖީންނަށް އެފަރާތްތަކުގެ އަމިއްލަ ވަޒަނަށް އެނބުރި އައުމުގެ ހައްގު އޮންނަންވާނެކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާކަމަށްވެސް ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ދާދިފަހުން ބަހްރެއިން އަދި އެކުވެރި އަރަބި އިމާރާތުން ވަނީ އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ބޭއްވުމަށް ނިންމާފައެވެ. ދިވެހިރާއްޖެއިން އިޒްރޭލާއި އެކު ޑިޕްލޮމެޓިކް ގުޅުންތައް އޮތްކަމުގައި ވިޔަސް، 2014ވަނަ އަހަރުގައި ވަނީ ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އިޒްރޭލަކީ ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ސަފީރަކު އެންމެ ފުރަތަމަ އައްޔަންކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 

Advertisement

ކޮމެންޓް