Advertisement

ސައިކަލު ބުރާއި ދިމާކޮށް މާލޭގެ މަގުތަކުގައި ފުލުހުންގެ ބެރިކޭޑްތަކެއް!

12 Sep 2020 | 21:17

"އަޅުވެތިކަމާ ދެކޮޅަށް" ކަމަށްބުނެ ޒުވާނުންތަކެއް ވެގެން މާލޭގެ މަގުމަތީގައި މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވަމުންދާ ސައިކަލު ބުރާއި ދިމާކޮށް މާލޭގެ މަގުތަކުގައި ފުލުހުން ބެރިކޭޑް ޖަހަން ފަށައިފިއެވެ.

އެގޮތުން މާލޭގެ ސޯޝަލް ސެންޓަރު ކައިރީގައި ވެހިކަލްތަކަށް ކުރިއަށް ނުދެވޭގޮތަށް ފުލުހުން ބެރިކޭޑް ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.

"އަޅުވެތިކަމާއި ދެކޮޅަށް" ނަމުގައި ބާއްވާ މިސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ކުރިމަތިން މިއަދު ހަވީރު ހަތަރެއް ޖަހާއިރެވެ.

ސަރުކާރާއި ވާދަވެރި ސިޔާސީ ކޯލިޝަން ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވައި ވިދާޅުވިގޮތުގައި މިއީ އެ ކޮލިޝަންގެ ހަރަކާތެއްނޫނެވެ. ނަމަވެސް މެންބަރު ޝިޔާމް ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ ސައިކަލު ބުުރުގައި އިދިކޮޅުގެ ލީޑަރުން ބައިވެރިވާނެ ކަމަށާއި، އެއީ ޒުވާނުން އިންތިޒާމުކުރާ ހަރަކާތެއް ކަމަށާ އެއީ އިދިކޮޅު ދެ ޕާޓީން ރަސްމީކޮށް ބާއްވާ ހަރަކާތެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ހަރަކާތެއް ނޫން. ނަމަވެސް ރައްޔިތުން ކުރާ މިފަދަ ކޮންމެ އިހުތިޖާޖެއްގައި އަޅުގަނޑުމެން ބައިވެރިވާނަން،" ޝިޔާމް ވިދާޅުވިއެވެ.

މިއަދު ބާއްވާ ޒުވާނުންގެ ސައިކަލު ބުރާއި ގުޅިގެން ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމް އަދި އިބްރާހިމް ޝުޖާއު ވަނީ ފުލުހުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމަކީ ފުލުހުންގެ އަންގައިގެން ބޭއްވެވި ބައްދަލުވުމެއްކަމަށް އެ ކޯލިޝަންއިން މައުލޫމާތު ދެއްވައެވެ.

އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރުވެސް ސައިކަލެއް ބުރެއް ބާއްވާފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފަށް އަމަލުކޮށްފައިވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާކޮށްފައެވެ.

Advertisement

ކޮމެންޓް