Advertisement

ގުބާރު 20

13 Sep 2020 | 18:49

ކޮންމެއަކަސް އެދެމީހުން ނިންމި ގޮތުގެ ވާހަކަ އިތުރު މީހެއްގާތު ނުދެއްކުމަށް ނިންމިއެވެ. އެހިސާބުން އެދެމީހުންނަށް ވެސް އެކަމުގެ ނުރައްކާ ބޮޑުވެފައިވާކަމުގެ އިހުސާސް ކުރެވޭތީއެވެ. ކުށްލިއަކަށް ވަރަށް ގަދައަށް ވައި އަރަން ފެށިއެވެ. ސާރާ ބެލްކަންޏަށް ނިކުމެ ބޭރު ބަލާލިއެވެ. ކަމަކު ދާކަށް ނެތެވެ. އުޑުމަތީގައި ބޯ ވިލާތައް ފެތުރެމުން ގޮސް މުޅި ދުނިޔެ ވަށާލިއެވެ. "އިގްބާލު ވަރަށް ބޮޑަށް ވިއްސާރަ ހަދައިފި." ސާރާ ބެލްކަނީގެ ދޮރު ލައްޕަމުން އިގްބާލު ގާތު ބުންޏެވެ. "އަސްލުތަ؟. އަދި އަހަރެން އަވަހަށް އަންނަން ވެގެން މިއައީ ސައިކަލުގަ." އިގްބާލަށް އެހެން ބުނެވުނުތާ މާގިނަ އިރުތަކެއް ނުވެ ބޯ ކެރިޔާއެކު ވާރޭ ވެހެން ފެށިއެވެ. ވައިގަދަކަމުން ލައްޕާފައި ހުރި ކުޑަދޮރަށް ވައި އެޅިލާ ކޮންމެ ފަހަރަކު ކުޑަ ދޮރަށް ވެސް އެނގުންވެލައެވެ.

"އަސްލުވެސް؟. ސައިކަލުވެސް ދުއްވަންތަ؟. ދެން ކިހިނެއް ހަދާނީ؟." ސާރާ ސޯފާގައި އިށީންނަމުން ބުންޏެވެ. "ދެން ވަކި ކީއްކުރާނީ. މި ވެހޭ ބޯ ކެރިގަނޑުގައި ގެއަކަށް ނުދެވޭނެތާ!." އިގްބާލުވެސް ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. "އާ ތެމިގެންދާނެ ކަމެއް ނެތް. މި ގޭގަ މަޑުކުރެވޭނެ. މި ކޮޓަރި ހުންނާނީ ހުސްކޮށް މިހާރު. ޔޫ ކޭން ސްލީޕް ދެއާ." އަފީފްގެ ކޮޓަރި ދައްކަމުން ސާރާ ބުންޏެވެ. އެހިނދު އިގްބާލު ޝުކުރު އަދާކުރުމުގެ ގޮތުން ސާރާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. "ކައިފިންތަ؟" ކާންވީނު؟." ސާރާ މަޑުމައިތިރި ރާގެއްގައި އަހާލިއެވެ. "އަމްމް! އާ.. ތިހެން ބުނަން ވެގެން މިއުޅުނީ. އޭރު ނިދާލީމަ މިހާރު މިހުރީ ވަރަށް ބަނޑުހައިވެފަ." އިގްބާލު ބުންޏެވެ.

އިގްބާލު ކާން އެއްބަސްވުމާއެކު، ސާރާ ބަދިގެއަށް ވަނެވެ. އަދި ވަރަށް އަވަހަށް ޕާސްތާކޮޅެއް ތައްޔާރުކޮށްލުމަށްފަހުގައި ސުފުރާ މައްޗަށް ނެގިއެވެ. އިގްބާލަށް ސާރާ ކެއްކި ޕާސްތާ ވަރަށް ކަމުދިޔައެވެ. ބަނޑުހައިވެފައި ހުރި އިގްބާލް ވަރަށް ރަނގަޅަށް އެ ކެއުމަށް އިންސާފުކޮށްދިނެވެ. އެމީހުން ކައި ނިމުނު އިރުވެސް ވެހެމުން ދިޔަ ވާރޭ ނުހުއްޓައެވެ. އެންމެ ފަހުން އިގްބާލު ނިންމީ ސާރާ ބުނިގޮތަށް އެގޭގައި މަޑުކުރާށެވެ. "ކައިގެން އެހާ އަވަހަށް ނިދާކަށް ނުވާނެ. ޓީވީ ބަލާލަން މިތާ މަޑުކޮށްލާފަ ނިދަން ދިއުން ރަނގަޅު ކަންނޭގެ." އިގްބާލު ބުންޏެވެ. ސާރާވެސް އެކަމަކަށް ދެކޮޅެއް ނުހަދައެވެ. ސޯފާގައި އިށީންދެ ދެމީހުންނަށް އެއްފަހަރާ ޓީވީ ރިމޯޓުގައި އަތްލެވުނެވެ.

ސާރާ ވަގުތުން އޭނާގެ އަތް އެއްފަރާތް ކޮށްލިއެވެ. އިގްބާލް އެކަންތައް މާ ބޮޑު ކަމަކަށް ނުހަދައި، ޓީވީ ހުޅުވިއެވެ. ޓީވީ ހުޅުވިއިރު، ނެޓްޖީއޯއިން އެވަގުތު ދައްކަމުން އައީ ޑޮކިއުމެންޓްރީއެކެވެ. އިތުރަށް ޗެނަލް ބަދަލުނުކޮށް ބެހެއްޓީ އެ މާހައުލަށް އެކަށީގެންނުވާ މަންޒަރެއް އެހެން ޗެނަލަކުން ދައްކަފާނެ ކަމުގެ ބިރު ހީވެގެންނެވެ. "އިގްބާލު އަހަރެން ވާހަކައެއް އަހާލަންތަ؟." ޓީވީގެ މަންޒަރުތަކަށް ގެއްލިގެން އިނދެ ސާރާ ކުރީ ސުވާލެކެވެ. "ސާރާ ބޭނުން ސުވާލެއް އަހަންވީ. ވީ އާ ފްރެންޑްސް ދޯ!." އިގްބާލު ބުންޏެވެ. "ކީއްވެ މިއޮއްހާ ދުވަސްވީ އިރުވެސް އިގްބާލުގެ ހަޔާތުގެ އެއްވެސް ވާހަކައެއް ކިޔާނުދެނީ؟." ސާރާގެ މި ސުވާލާއާއެކު އަތަށް ރިމޯޓުލައިގެން އިން އިގްބާލު އޭނާގެ ރިމޯޓު ސޯފާގެ ކުރިމަތީގައި ހުރި މޭޒު މަތީގައި ބޭއްވިއެވެ.

އަދި އިރުކޮޅެއްވަންދެން ހިމޭން ކަމާއެކު އިނުމަށްފަހު، އަނެއްކާވެސް އެ ރިމޯޓު ނަގައި، ޓީވީގެ އަޑު އެއްކޮށް ކަނޑާލިއެވެ. "ސާރާ މިއިން ދުވަހަކުވެސް އަހަރެންނާއި ސުވާލުކުރިންތަ؟." ތެދެކެވެ. އެދެމީހުން ކްލާހުން ދިމާވީއްސުރެން އިގްބާލު އުޅުނީ ސާރާގެ ދިރިއުޅުން ހަމައަކަށް އަޅުވައިދޭންށެވެ. ސާރާގެ ވާހަކަތައް އަޑުއަހައި، ސާރާއަށް ދިމާވެފައިވާ ދަތި އުނދަގޫ ކަންކަން ހައްލުކޮށްދޭންށެވެ. "ސޮރީ. ނޫން. އަހަރެންނަށް އިގްބާލު އެގެންވާ ވަރަށް ނޭންގިދާނެ. އެކަމަކު އަހަރެންނަށް އަބަދުވެސް އިހުސާސްވަނީ، އިގްބާލު ކޮންމެވެސް ކަމަކާ ވިސްނާހެން. މިއީ ދޮގެއްތަ؟." ސާރާގެ އެ ސުވާލާއެކު އިގްބާލު އިސްދަށަށް ޖަހާލިއެވެ.

"ސާރާ. އަހަރެންނަކަށް ނޭންގެ އަހަރެންގެ ދިރިއުޅުން ކިޔައިދޭނީ ކިހިނެއް ކަމެއް. ކިޔައިދިނަސް ގަބޫލުކުރާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. ސަބަބަކީ އަހަރެންނަކީ ފިރިހެނަކަށް ވާތީ." އިގްބާލު ވާހަކަދެއްކިއެވެ. "ކީއްވެ ގަބޫލުނުކުރަންވީ؟. އިގްބާލުވެސް އަހަރެން ކިޔައިދޭ ހުރިހާ ވާހަކައެއް ގަބޫލުކުރަމެއްނު. އަހަރެން އަޑު އަހާނަން." ސާރާ ބުންޏެވެ. "ހަގީގައިތުގައި މީހަކާ އިނދެގެން އުޅުނަސް، އަހަރެންނަށް ލިބޭ އެއްވެސް އުފަލެއް ނެތް. ފަސް އަހަރު މި ހޭދަވީ މިހެން. އަނބިމީހާ ރުހޭނެ ހުރިހާ ގޮތަކަށް އުޅެގެން ބުނިއްޔާ ބުނި ކަމެއް ކޮށްދީގެން. އޭނަ ކިތަންމެ ފަހަރަކުވެސް އެހެން މީހުންނާއެކީ އުޅޭތަން އަހަރެންގެ މި ދެލޮލުން ފެނިފަވެސް އެބަހުރި. އެވަރުންވެސް ދަރިފުޅުގެ ހައްގުގަ އަހަރެން މި ހުންނަނީ ކެތްކޮށްލައިގެން. އަހަރެންގެ ގަޔަށް އޭނާ އަތް ފޯރުވާ އިރުވެސް ހަމަ އަހަރެންގެ ދަރިފުޅަށްޓަކައި..." އިގްބާލަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.

އޭނާއަށް ރޮވުނެވެ. ސާރާ އިނީ ބުނާނެ އެއްޗެއް ނޭންގުނު ތަނުގައި ހަދާނެ ގޮތެއް ނޭންގިފައެވެ. މިހެން އިންދާ އިގްބާލު އޭނާ ލައިގެން ހުރި ޖިންސްގެ ފައިކުރި ކަށިމަތި ފެންނަ ވަރަށް މައްޗަށް ކަހާލިއެވެ. އެކި ތަންތަނުގައި ލަކުނު ލާފައި ހުރި އިރު، ފިހިގެން ރަނގަޅުވެފައި ހުރި ވަރަށް ބޮޑު ލަކުނެއްވެސް ހުއްޓެވެ. މީގެ ކުރިން ސާރާއަށް އަޑުއިވިފައި އޮތީ އަންހެނުންނަށް ކުރާ އަނިޔާގެ ވާހަކައެވެ. ފިރިހެނުންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކާ އަޑު އިވެނީ މަދު ފަހަރެއްގައެވެ. އަދި އެފަދަ އަމަލެއް ހިނގާފައިވާ ކަމުގެ ނިޝާންވެސް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

އެ ލަކުނުތައް ފެނިފައި ސާރާވެސް ފެންކަޅިވިއެވެ. ސާރާ އިހުސާންތެރިވުމުގެ ގޮތުން، އިގްބާލުގެ ކޮނޑުގައި އަތް އަޅާލިއެވެ. އޭނާ އިގްބާލާއި މެދު ހަމްދަރުދީވިއެވެ. ސާރާ އޭނާގެ އަތް އިގްބާލުގެ ކޮނޑުން ނަގަނިކޮށް ބާރު ގުގުރިއެއް ޖެހިއެވެ. އެ ގުގުރިއާއެކު މުޅި ގެއިން ކަރަންޓު ކެނޑުނެވެ. ސިއްސައިގެން ގޮސް ސާރާ އަށް ބޭއިހްތިޔާރުގައި އިގްބާލުގެ ގައިގައި ބައްދައިލެވުނެވެ. އޭރު ސާރާގެ ހިތް ދިޔައީ ބިރުން ތުރުތުރު އަޅަމުންނެވެ. އިގްބާލު އެއްވެސް އެއްޗެކޭ ނުބުނެ ހަނުހިމޭނުން އިނެވެ.

އިރުކޮޅެއްނުވެ މުޅި ގެއަށް ކަރަންޓު ލިބުނެވެ. އޭރުވެސް ސާރާ އިނީ އިގްބާލުގެ ގައިގައި ބައްދައިގެންނެވެ. އެހެން އިންދާ އަނެއްކާވެސް ގުގުރި ޖަހަން ފެށިއެވެ. އެހިނދު އިގްބާލުގެ ކޮނޑުގައި ބޯއަޅައިގެން އޮތް ސާރާ ބޯ ހިއްލާލިއެވެ. ހަމަ އެވަގުތު އިގްބާލުވެސް ސާރާއާއި ދިމާލަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަ ވުމާއެކު، ދެމީހުންގެ ލޮލުންވެސް ފޭބީ ކަރުނައެވެ. ސާރާ އަދި އިގްބާލަށް ވެސް ދިރިއުޅުމުގައި ޖެހިފައިވަނީ ހިތްދަތި އެތައް ކަމަކާއި ކުރިމަތިލާންށެވެ. އެ ދެހިތުގައި އަޅާ ރިހުން އެކަކު އަނެކަކަށް އިހުސާސްވާކަން އެދެމީހުންގެ ލޮލުން ހާމަކޮށްދިނެވެ. މޮޅިވެރި ހިތަކާއެކު، އިގްބާލު ސާރާގެ ގައިގައި ބައްދައިލިއެވެ.

އަދި ސާރާގެ ބުރަކަށީގައި ވަރަށް ލޯބިން ފިރުމާލިއެވެ. އެހިނދު ސާރާވެސް އިގްބާލުގެ ގައިގައި އޮޅުލައިގަތެވެ. އަދި އޭނާގެ ބޮލުގައި ފިރުމާލިއެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ބުނެދެމުން ދިޔައީ މުޅިން އައު ވާހަކަތަކެކެވެ. އިހުސާސް ކުރެވެމުން ދިޔައީ ލޯތްބާއި އޯގާތެރިކަމެވެ. ދެމީހުންނަށްވެސް މަދުވެފައިވާ ކަންކަމަކީ އެއީއެވެ. އިގްބާލު ސާރާގެ އަތުގައި ހިފައިގެން، ސާރާގެ ކޮޓަރިއަށް ވަނެވެ. އަދި ސާރާ އެނދުމަތީގައި ބޭއްވުމަށްފަހު، އެނދުގެ އަނެއްފަޅިން ގޮސް އެދަށް އެރިއެވެ. އަދި މަޑުމަޑުން ސާރާގެ ގައިގައި ބައްދާލި ހިނދު، ސާރާވެސް އިގްބާލުގެ ގައިގައި ބައްދައިލިއެވެ.

އެދެމެދުގައި ހަމައެކަނި އެރޭ ވީ ކަމަކީ އެއީއެވެ. އެކަކު އަނެކެއްގެ ޒަހަމްތަކުގައި ފިރުމައިދިނީއެވެ. އެގޮތުގައި ތިއްބައި ދެމީހުންގެ ލޮލަށް ނިދި ސަވާރުވީ އިރުވެސް ނޭންގުނެވެ. ނިދިފައި އޮތް ސާރާއަށް ހޭލެވުނީ، އޭނާގެ ފޯނު އެތައް ފަހަރަކު ރިންގުވާ އަޑަށެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ފޯނު އޮތީ ސިޓިންރޫމުގައި ކަމުން، ސާރާ ދުވެފައި ކަހަލަ ގޮތަކަށް ސިޓިން ރޫމަށް ނިކުތެވެ. އޭރު ރިންގުވަމުން ދިޔަ ފޯނު ކެނޑުނެވެ. އެ ފޯނަށް ފަސް ފަހަރު ނުދަންނަ ނަންބަރަކުން ގުޅާފައި އޮތެވެ. ސާރާ އެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނެގިއެވެ. ފޯނުގެ ވައިފައި ޖައްސާފައި އޮތުމާއެކު ފުލުފުލުން ފޯނަށް ނޮޓިފިކޭޝަން އައިސްފައި ހުއްޓެވެ. އެ ހުރިހާ ނޮޓިފިކޭޝަނެއް ކްލިއަރ ކުރަން އުޅުމުގެ ތެރޭގައި ލޮލުގައި އަޅައިގަތީ މިހާރު ނޫހުގެ ނޮޓިފިކޭޝަނެކެވެ. އެ ނޮޓިފިކޭޝަން ހުޅުވާލާފައި ކިޔަމުން ދިޔަ ވަރަކަށް ސާރާގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ހުރެވުނު ތަންވެސް ނޭންގުނެވެ. 

Advertisement

ކޮމެންޓް