މަސައްކަތު މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން

14 Sep 2020 | 12:05

މަސައްކަތު މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާއި ގުޅުންހުރި އެތައް ހާދިސާތަކެއް މިކުޑަކުޑަ ދިވެހިރާއްޖެވަނީ ދެކެފައެވެ. މިގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިން ސިއްސުވާލީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި 5 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވި ހާދިސާއިންނެވެ. 

އޭގެ ފަހުން، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޓީޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރަކުން ލޯންޗަކަށް ތެޔޮ އަޅަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ހަތް މީހަކު ފިހި، ލޯންޗަކާއި ތިން ބައުޒަރު އަނދައިގެން ދިޔައެވެ.

އަދި 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތި މަތިންދާ ބޯޓަށް އަރަން ބޭނުންކުރާ ސިޑިއެއްގައި ޖެހުމުން އެއިން ބުރައިގެން ދިޔަ އެތިކޮޅުތަކެއް އެމްއޭސީއެލްގެ މުވައްޒަފެއް ބަނޑަށް ހެރި ސީރިއަސް އަނިޔާތަކެއް ލިބި އޮޕެރޭޝަން ކުރަންޖެހުނެވެ. އަދި ހަމަ އެއަހަރު ސ. ހިތަދޫ ސްޓޭޑިއަމަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި އުޅުނު ހިތަދޫ ފެނަކަ ބްރާންޗުގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހި ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. 

އިސްވެ ބަޔާންވެދިޔަ ހާދިސާތަކުގެ އިތުރުންވެސް އެތައް ހާދިސާތަކެއް ހިނގައި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބި ތަކެއްޗަށް އެކިވަރުގެ ގެއްލުންވަނީ ލިބިފައެވެ. މިކަންކަމުން ބުނެދެނީ މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމުގެ މުހިންމުކަމެވެ. އެކަމަށް މިޤައުމުގެ މަސައްކަތު މާހައުލު ބޭނުންޖެހިފައިވާ މިންވަރެވެ.


މަސައްކަތު މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަން ނުބެލެހެއްޓިއްޖެނަމަ ވާނީ ކިހިނެއް؟

މަސައްކަތު މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަން ނުބެލެހެއްޓިއްޖެނަމަ، ހަމަ ޔަގީނުންވެސް އެކްސިޑެންޓްތަކާ އެނޫންވެސް ހާދިސާތައް ހިނގުން އެއީ ވަރަށް ކައިރީގައިވާ ކަމެކެވެ. އޭގެ ސަބަބުން މުވައްޒަފުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގެއްލުން ލިބެއެވެ. އަދި އެލިބޭ ގެއްލުން ގިނަ ދުވަސްތަކަށް ނުވަތަ އަހަރުތަކަކަށް ދެމިގެން ދިއުމަކީވެސް ދުރުކަމެއް ނޫނެވެ. އެއާއެކު ދެން އޮތީ މިފަދަ ހާދިސާތަކުން ލިބޭ ގެއްލުމުގެ ތެރެއިން އާންމުކޮށް މީހުންނަށް ދެނެނުގަނެވޭ ފަރާތެކެވެ. މަސައްކަތު މާހައުލުގައި ދިމާވާ ހާދިސާތަކުގެ ސަބަބުން ކުންފުނީގެ ފަރާތުން ކުރަންޖެހޭ ހޭދައެވެ. ވިޔަފާރިއަށް އެލިބޭ ގެއްލުމަކީ ފަހަރުގައި އެއްދުވަހުން އޭގެ އަސަރު ފެންނަ ފަދަ ގެއްލުމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ލިބޭ އަނިޔާއަކުން، ގެއްލިގެންދާ މުވައްޒަފެއްގެ ޚިދުމަތުން ދިގު ދެމިގެންދާ ގޮތެއްގެ މަތިން ވިޔަފާރިއަށް ގެއްލުން ލިބެއެވެ. މީގެ ތެރޭގައި ކުންފުނީގެ ފަރާތުން ބޭސްފަރުވާގެ ކަންތައް ފޯރުކޮށްދޭނަމަ އެބިލްތަކަށް އަރާ ފައިސާއާއި، އަނިޔާލިބޭ މުވައްޒަފު އަނިޔާއިން ރަނގަޅުވެ އަލުން އަނބުރާ ވަޒީފާއަށް ނިކުންނަންދެން އޭނާގެ މަސައްކަތްކުރި ފަރާތަށް ދޭންޖެހިދާނެ އިތުރު ގަޑީގެ ފައިސާއާއި، ނުވަތަ އެވަޒީފާއަށް އެހެން ފަރާތެއް ތަމްރީންކުރުމަށް ހޭދަވާ ވަގުތާއި ފައިސާ ހިމެނެއެވެ.

އެހެންނަމަވެސް ކޮންމެ މަސައްކަތު މާހައުލެއްގައިވެސް އެމާހައުލަކާ ގުޅިގެން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާނަމަ، މުވައްޒަފުންނަށް ލިބޭ ގެއްލުމުން ސަލާމަތްވުމުގެ އިތުރަށް، ކުރާ މަސައްކަތާ ދޭތެރޭ މުވައްޒަފުންގެ އިތުބާރު ބޮޑުވެ މަސައްކަތް އަވަސްމިނުގައި ކުރުމަށް އިތުރު ބާރަކަށް ވެދެއެވެ.


މަސައްކަތުގައި ހޭދަވާ ވަގުތު މަދުކުރުމަށް މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަން

މަސައްކަތު މާހައުލަކީ އޮފީހެއްކަމުގައި ވިޔަސް ނުވަތަ ސިނާއީ މަސައްކަތެއް ކުރާ ތަނެއްކަމުގައި ވިޔަސް ނިންމަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ނުވަތަ އެއަށްވުރެ އަވަހަށް ނިމުމަކީ އުފެއްދުންތެރިކަން ނުވަތަ ޕްރޮޑަކްޓިވިޓީ ދެމެހެއްޓުމަށް އެންމެ މުހިންމު އެއްކަންތަކެވެ. އޮފީހެއްނަމަ މަސައްކަތްކުރާނެ ރަނގަޅު އަވަސް ކޮމްޕިއުޓަރ ސިސްޓަމަކާއި، ކަރުދާސް ތާށިނުވެ ޕްރިންޓް ކުރެވޭނެ ޕްރިންޓަރެކެވެ. ތަކެތި އުފައްދާ ކާރުހާނާއެއްނަމަ ހުއްޓުމެއްނެތި މަސައްކަތްކުރާ މެޝިންތަކެވެ. ކަން މިހެން އޮތްއިރު، މަސައްކަތު މާހައުލަކީ ދިމާވެދާނެ އެކްސިޑެންޓްތަކާ އަދި ހާދިސާތަކަށް ދުރާލާ ތައްޔާރުވެފައިވާ މާހައުލެއް ކަމުގައި ނުވާނަމަ، އެކަމުގެ ސަބަބުން މަސައްކަތް ނިންމުމަށް ހޭދަވާ ވަގުތު ދިގުވެގެން ދެއެވެ. އަދި އާޚިރު ނަތީޖާއަކަށް ވެގެންދަނީ ކުންފުނީގެ އުފެއްދުންތެރިކަން ދުވަހެއް ދުވަހަކަށް ދަށަށް ދިއުމެވެ.

މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ޚަރަދު ބޮޑުވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މުވައްޒަފުންނަށް ހިންގޭ ފަސްޓް އެއިޑް ޓްރޭނިންގ އަކަށް ވެދާނެއެވެ. ނުވަތަ ކަމާ ބެހޭ ތަޖުރިބާކާރެއްގެ ބެލުމުގެ ދަށުން ދެވޭ މެޝިނަރީޒް އާ ގުޅޭ ތަމްރީނަކަށް ވެދާނެއެވެ. އެހެންނަމަވެސް، އިސްވެދެންނެވުނު ކަންކަމުގެ ނަތީޖާއަކަށް ވެގެންދަނީ އުފެއްދުންތެރިކަން އިތުރުވެ، ދިގު މުއްދަތުގައި ވިޔަފާރިއަށް ކުރާ މަންފާ އިތުރުވެގެން ދިއުމެވެ.


ކޮވިޑް-19 އާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަން

ދިވެހިންނަކީ މަސައްކަތުގެ މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަމަށް ހޭލުންތެރިބައެކެވެ. މިހާރު މުޅި ދުނިޔެވެސް ތަޙައްމަލު ކުރަމުންމިދާ ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން މިމައުޟޫއުއަށް ގިނަގުނަ ވާހަކަތައް ދެކެވެއެވެ. އެގޮތުން މަސައްކަތު މާހައުލަކީ ބަލި ފެތުރެން މަގުފަހިނުވާނެ ފަދަ މާހައުލަކަށް ހެދުމަށް ވަޒީފާދޭ ފަރާތްތަކުން އެތައް ފިޔަވަޅުތަކެއް އަޅަމުންދާއިރު، ވަޒީފާ އަދާކުރާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެއީ މިކަމުގައި އޮތް ރިސްކް އެންމެނަށްވެސް ރަނގަޅަށް އެނގޭތީއެވެ. ވަކިން ޚާއްޞަކޮށް ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

އެހެންނަމަވެސް ދިވެހި އިޤުތިޞާދު ކޮވެޑް-19 އާ ގުޅިގެން ވެއްޓިފައިވާ އަނދަވަޅުން ނެގުމަށްޓަކައި ޓޫރިޒަމް ދާއިރާ ހުޅުވާލުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އޮފީސްތައް ހުޅުވާލުމާއެކު އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ގިނަބަޔަކު ދެކޭގޮތުގައި މިހެން މިކަން ދިމާވި އެއް ސަބަބަކީ ޞިއްޙީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލާޒިމްކުރާ ޤާނޫނެއް ނެތުމާއި އެ ފިޔަވަޅުތައް އަޅާތޯ ބަލާނެ ހަރުދަނާ ނިޒާމެއް ޤާއިމްވެފައިނެތުމުންނެވެ. މަސައްކަތު މާހައުލުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ޤާނޫނެއް އޮތްނަމަ އެ ޤާނޫނުގެ ދަށުން މަސައްކަތު މާހައުލުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާނެ ގޮތާއި އެ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރާނެ އަދި ބަލާނެ ނިޒާމްތަކާއި އެ ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅައިފިނަމަ ދެވޭނެ އަދަބުތަކާއި އެހާލަތްތަކުގައި ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު އަދަބު ކަނޑައަޅާނެ ގޮތްތައް ވަކި ނިޒާމެއްގެ ތެރެއިން ކަނޑައެޅިފައިވީހެވެ.


މަސައްކަތު މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަމަށް ޚާއްޞަ ޤާނޫނެއް މުހިންމުވަނީ ކީއްވެ؟

މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 8 ވަނަ ބާބުގައި "މަސައްކަތްކުރާ ތަނުގެ ރައްކާތެރިކަމާއި މުވައްޒަފުންގެ ޞިއްޙަތު" ގެ ދަށުން ވަޒީފާ ދޭ ފަރާތުގެ ވާޖިބުތަކާއި މުވައްޒަފުންގެ ވާޖިބުތައް ވަރަށް ކުރުކޮށްވަނީ ބަޔާންކުރެވިފައެވެ. އެހެންނަމަވެސް މިޤާނޫނަކީ 2008 ވަނަ އަހަރު އަމަލުކުރަން ފެށުނު ޤާނޫނަކަށްވެފައި އަދި އޭގެ ފަހުންވެސް މި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުންވެސް މައިގަނޑު ގޮތެއްގައި ޙާޞިލްވާ މަޤްޞަދަކީ އިދާރީ ކަންކަން ކަމުގައި ވާއިރު، ޤައުމުގެ ވަޒީފާގެ ބާޒާރު ފުޅާވެ ތަރައްގީވަމުން އައިސްފައިވާ މިންވަރާ ގާތަށްވެސް ވަޒީފާގެ ޤާނޫނަށް ބަދަލުގެނެވިފައެއް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ފަރާތުން 2008 ވަނަ އަހަރު އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ނޭޝަނަލް އޮކިއުޕޭޝަނަލް ހެލްތު ޕްރޮފައިލް" ގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތު މާހައުލުތަކުގެ ތެރެއިން އެންމެ ހިރާސްތައް ގިނަ މާހައުލު ތަކުގެ ތެރޭގައި، ކޮންސްޓްރަކްޝަން ދާއިރާ، މަސްވެރިކަން، ފައިބަރ ގްލާސް ބޭނުންކޮށްގެން އުޅަނދުފަހަރު ބަނުން، ގަރާޖުތަކުގައި ކުރެވޭ މަސައްކަތްތައް، މަސް ބަންދުކުރުން، ޞިއްޙީދާއިރާ، މުދާ އުފުލުމާ ބޭލުމުގެ މަސައްކަތް އަދި ދަނޑުވެރިކަން ހިމެނެއެވެ. މިގޮތުން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމުގައި އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ އާލަތްތައް ބޭނުންނުކުރާއިރު، ދަނޑުވެރިކަން ކުރުމުގައި ބާރުގަދަ ކެމިކަލްތަކަށް މީހުން ހުށަހެޅިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ހައްލުކުރުމަށް ޙާއްސަ ޤާނޫނަކުން އުޞޫލުތައް ކަނޑައެޅުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެއެވެ.

މަސައްކަތު މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަމަށް ޚާއްޞަ ޤާނޫނަކުން ކަމާ ބެހޭ ސިޔާސަތުތަކެއް ކަނޑައެޅިގެންދާއިރު، މުވައްޒަފުންނަށް ރައްކާތެރި ދުޅަހެޔޮ މާހައުލެއް ކަށަވަރުވެގެން ދިއުމާއެކު، ވަޒީފާދޭ ފަރާތްތަކުންވެސް އަމަލުކުރަންޖެހޭ މިންގަނޑުތަކެއް ވަކި ޚާއްޞަ ނިޒާމެއްގެ ދަށުން ޤާއިމުވެގެންދާނެއެވެ. އަދި ހަމަ އެހެންމެ ހާދިސާ އެއް ދިމާވުމުގެ ކުރިއަށް ދުރާލާ ރިސްކް އެސެސްމެންޓް ހަދައި، ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ހާދިސާއެއް ހިނގާ ވަގުތު އަމަލުކުރަންޖެހޭނެ ގޮތް މަސައްކަތު މާހައުލުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.

ހިތާމަވެރި ހާދިސާއެއް ހިނގުމުން އެ ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރިނަމަވެސް ގެއްލިގެންދާ ފުރާނައެއް އަނބުރާ ނުލިބޭނެއެވެ. އެކަމުގެ ރައްކާތެރިކަމުގައި ކުރެވެން އޮތްކަމަކީ އެފަދަ ހާދިސާއެއް ނުހިނގާނެ ގޮތަށް ހަރުދަނާ ފިޔަވަޅުތައް އަޅާ ހާދިސާއެއް ދިމާވުމުގެ ކުރިއަށް ރައްކާތެރިކަން ހޯދުމެވެ. މިކަމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ މަސައްކަތު މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަމަށް ޚާއްޞަ ޤާނޫނެއް ފާސްކުރުމެވެ.

Advertisement

ކޮމެންޓް

Advertisement