އޮންލައިން ޓްރޭޑިންގގެ ސަބަބުން ދިވެހިރާއްޖެއިން ބޭރަށްދާ ޑޮލަރުގެ އަދަދު އިތުރުވަމުންދާކަމަށް ބުނެފި

14 Sep 2020 | 23:05

އޮންލައިން ޓްރޭޑިންގގެ ސަބަބުން ދިވެހިރާއްޖެއިން ބޭރަށްދާ ޑޮލަރުގެ އަދަދު އިތުރުވެ، މުހިންމު ކަންކަމަށް ހުންނަ ޑޮލަރުގެ އަދަދު މަދުވަމުންދާކަމަށް ހާމަކޮށްފިއެވެ.

މިކަން ހިއްސާކޮށްފައިވަނީ ދިވެހިރާއްޖޭގެ ބައެއް މީޑިއާތަކާއި އެކު ޒޫމް މެދުވެރިކޮށް ބޭއްވެވި ބައްދަލުވުމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާއެވެ.

ޓިމް ފާހަގަކުރެއްވި ގޮތުގައި އޮންލައިން ޓްރޭޑިންގކުރާ ފަރާތްތަކުން ލިބޭ ފައިސާތައް، ވިސާ ޑައިރެކްޓް" އަދި "މާސްޓަރކާޑް ސެންޑް"ފަދަ ބޭރުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު އެކައުންޓަށް ފައިސާ ގެނެއެވެ. އަދި އެއަށްފަހު އޭޓީއެމް މެދުވެރިކޮށް މި ޑޮލަރުތައް ނަގައި، އެހެން މާކެޓްތަކަށް ވިއްކައި ހަދައެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި ކާޑް އެސޯސިއޭޝަންތަކަށް ބޭންކުން ޑޮލަރުން ފައިސާ ދައްކާއިރު، ބޭރަށްދާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

މިހެންވުމުގެ ސަބަބުން ޓެލެގްރަފިކް ޓްރާންސްފަރ ފަދަ މުހިންމު ބޭނުންތަކަށް ބޭންކްގައި ހުންނަ ޑޮލަރުގެ އަދަދު ވަނީ ދަށްވެގެން ގޮސްފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ޕްލެޓްފޯމްތަކުން އަންނަ ފަައިސާ، ރުފިޔާގެ ގޮތުގައި ޖަމާކޮށްދޭން ނިންމި ނިންމުމަކީ މުހިންމު ބޭނުންތަކަށް ބޭންކްގައި ޑޮލަރު ބެހެއްޓުމަށް ނިންމި މުހިންމު ނިންމުމެއް ކަމަށް ޓިމް ސޯޔާ ސިފަކުރެއްވިއެވެ.

Advertisement

ކޮމެންޓް