Advertisement

ރާއްޖެއަށް އެއްވެސް ދައްޗަކާ ނުލައި އިންޑިއާއިން ފިޔާ ލިބޭނެކަމަށް ބުނެފި

15 Sep 2020 | 11:07

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކޮށްފައި ވީނަމަވެސް، އެއްވެސް ދައްޗަކާއި ނުލައި އެގައުމުން ދިވެހިރާއްޖެއަށް ފިޔާ ލިބޭނެކަމަށް ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރިނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އައުކޮށްދީފައިވާ ކޯޓާއާއި އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރެވޭނެކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ 13ވަނަ ދުވަހު ދެގައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައު ކޮށްދީފިއެވެ.

އެގޮތުން ކާބޯތަކެތީގެ ޒަރޫރީ 7 ބާވަތެއްގެ އިތުރުން އިމާރާތްކުރުމިގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް ވަނީ އައު ކޮށްދީފައެވެ.

ކޯޓާ އައުކޮށްދިނުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެކަމަށާއި، މިކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

Advertisement

ކޮމެންޓް