ދަތުރުވެރިޔާ ނަމާދު ކުރާނެގޮތް

15 Sep 2020 | 14:04

އައްޝައިޚް މުޙައްމަދު ސިނާން

މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ މުހިއްމު ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތަކީ ދަތުރުފަތުރުކޮށް އުޅުމުގެ ނިޢުމަތެވެ. ޙައްޖު އަދި ޢުމްރާގެ އަޅުކަމަށާއި، ދިރިއުޅުމުގެ މުހުތާދުތައް ފުއްދުމަށާއި، ހިތްއުފާކޮށްލު މަށާއި، ވިޔަފާރިކުރުމަށާއި، އަދިވެސް މިނޫން ބޭނުންތަކަށެވެ. އެފަދަ ދަތުރުތަކަކީ ތަފާތު އެކިވަރުގެ އުނދަގޫތައް ކުރިމަތިވާ ދަތުރުތަކެކެވެ. އެހެންކަމުން، މާތް ﷲ ވަނީ އަޅުކަމާގުޅޭ ކަންކަމުގައި ދަތުރުވެރިންނަށް ޚާއްޞަ ލުއިކަމެއް ދެއްވާފައެވެ. މިގޮތުން، ދަތުރުވެރިޔަކު ނަމަވެސް ފަރުޟުނަމާދެއް ދޫކޮށްލުން ހުއްދަކަމެއްކަމުގައި ނުވިނަމަވެސް، އެ ނަމާދުތަކުގައި ލުއިފަސޭހަ ގޮތްތަކެއް ވަނީ ދައްކަވާ ދެއްވާފައެވެ.

ދަތުރުވެރިޔާއަށް ނަމާދުކުރުމުގައި ލިބިފައިވާ ފަސޭހަތައް

މީގެތެރޭގައި ނަމާދަށް ތައްޔާރުވުމުގައި ދެއްވާފައިވާ ފަސޭހަތަކާއި، ނަމާދުކުރުމުގައި ދެއްވާފައިވާ ފަސޭހަތައް ވެއެވެ.

ނަމާދަށް ތައްޔާރުވުމުގައި ހުރި ފަސޭހަތައް

ނަމާދަށް ތައްޔާރުވުމުގައި މާތް ﷲ ދަތުރުވެރިޔާއަށް ތަފާތު ފަސޭހަތަކެއް ދެއްވާފައިވެއެވެ. މިގޮތުން؛

(1) ޚުއްފުގައި ފެންފުހުން: ޚުއްފަކީ ފަޔަށް އެރުވުމަށްޓަކައި ހަމުންހަދާފައިވާ އެއްޗެކެވެ. މި ޙުކުމް އިސްޓާކީނަށްވެސް އަންނާނެއެވެ. ފުރިހަމަ ވުޟޫއެއްކުރުމަށްފަހު، އިސްޓާކީނުފަދަ ފަޔަށް އަރުވާ އެއްޗަކުން ނިވާކޮށްފިކަމުގައިވާނަމަ، ދަތުރުވެރިއެއްނަމަ، ހިނައިގަންނަން ޖެހޭ ފަދަ ޙާލަތެއް މެދުވެރިނުވާހާހިނދަކު، 3 ރެއާއި 3 ދުވަސްވަންދެން ވުޟޫކުރާއިރު ފައިދޮވުމުގެ ބަދަލުގައި އޭގެމަތީގައި ފެން ފޮހުން ހުއްދައެވެ.

(2) ތަޔައްމުމުކުރުމުގެ ފަސޭހަކަން: ފެން ނުލިބިއްޖެޙާލަތެއްގައި، ނުވަތަ ފެން ބޭނުންކުރަން އުޒުރުވެރިވާ ޙާލަތްތަކުގައި ތަޔައްމުމުކުރުން ހުއްދަކުރައްވާފައިވެއެވެ. މި ޒަމާނުގައި ޚާއްޞަގޮތެއްގައި މަތިންދާބޯޓުގައި ދަތުރުކުރާއިރު ފެން ބޭނުންކޮށްގެން ވުޟޫކުރުމަކީ އުނދަގޫކަމެކެވެ. އެހެންކަމުން، ފެން ބޭނުންކޮށްގެން ވުޟޫނުކުރެވޭފަދަ ޙާލަތްތަކުގައި ތަޔައްމުމުކުރެވޭނެއެވެ. ތަޔައްމުމުކުރާނެ ގޮތަކީ؛ ތަޔައްމުމުކުރުމަށް ހިތުން ނިޔަތްގަތުމަށްފަހު ވެލި ނުވަތަ ހިރަފުސްހުރިތަނެއްގައި ދެއަތްތިލަ ޖަހާލުމަށްފަހު، މޫނުގައި ދެއަތުން ކާތާލުމަށްފަހު، ވައަތުން ކަނާއަތްތިލާގެ މަތީފަރާތުގައި ކާއްތާލާނީއެވެ. އަދި ކަނާއަތުން ވައަތްތިލާގެ މަތީ ފަރާތުގައި ކާއްތާލާނީއެވެ.

(3) ޤިބްލަޔަށް ކުރިމަތިލުމުގައި ފަސޭހަކަން: ދަތުރުވެރިޔާއަށް ޤިބްލަވީ ދިމާ ނޭނގޭކަމުގައިވާނަމަ، އޭނާއަށް އެންމެ ޔަޤީންކުރެވޭ ދިމާލަކަށް ކުރިމަތިލާނީއެވެ. ޤިބްލަ ހޯދުމުގައި މީހެއްގެ އެހީތެރިކަން ހޯދިދާނެއެވެ. އަދި ސަމުގާ ނުވަތަ ޤިބްލަވި ދިމާ އަންގައިދޭ އެޕްލިކޭޝަންތަކުގެ އެހީތެރިކަންވެސް ހޯދިދާނެއެވެ. މަތިންދާބޯޓުފަދަ އެއްޗެއްގައި ދަތުރުކުރާއިރު ޤިބްލަޔަށް ކުރިމަތިނުލެވޭނަމަ، ކުރިމަތިލެވޭ ދިމާލަކަށް ކުރިމަތިލައިގެން ނަމާދުކުރާނީއެވެ. މަސްވެރިކަމުގައާއި، އެނޫންވެސް ކަނޑުމަތީ ދަތުރުތައް ކުރައްވާ ދަތުރުވެރިންވެސް ޢަމަލުކުރާނީ މިގޮތަށެވެ. ބައެއް ޙާލަތްތަކުގައި؛ ޤިބްލައާވީ ދިމާލަށް ހުރެ ނަމާދުކުރަންފެށިނަމަވެސް، ދޯނި އެނބުރިއްޖެނަމަ، ޤިބްލައާވީ ފަރާތުން އެއްކޮށް އެނބުރި، އެހެންދިމާލަކަށް އެނބުރިއްޖެކަން އެނގޭނަމަ، ނަމާދުގެތެރޭގައި ހުރެފައި ޤިބްލައާވީ ދިމާލަށް އެނބުރިލާނީއެވެ. މަސްއައިނުތަކަށް ވަދެ ދޯނި ވަރަށް ގިނައިން އެނބުރޭފަދަ ޙާލަތްތައް ނޫން އެހެން ޙާލަތެއްގައި ނަމާދުކުރެވޭތޯ ބަލަންވާނެއެވެ. އެނޫންގޮތެއް ނެތްނަމަ، އެފަދައިން ވަރަށް ގިނައިން ދޯނި އެނބުރޭ ޙާލަތްތަކުގައި ޤިބްލައާވީ ދިމާލަށް ނަމާދުފެށުމުން ފުދޭނެއެވެ. ދެން، އޭގެފަހުގައި ދޯނި އެނބުރޭ އެނބުރުމަށް އަޅާލާކަށް ނުޖެހޭނެއެވެ.

ނަމާދުކުރުމުގައި ހުރި ފަސޭހަތައް

ނަމާދުކުރުމުގައި ދަތުރުވެރިޔާއަށް 2 ބާވަތެއްގެ ފަސޭހަކަމެއް އިސްލާމްދީނުގައި ދެއްވާފައިވެއެވެ. އެއީ؛ ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުމުގެ ފަސޭހަކަމެވެ. ބޭނުންވެއްޖެނަމަ ދަތުރުވެރިޔަކަށް މި ފަސޭހަކަމުގައި ނުހިފައި ދޫކޮށްލެވިދާނެއެވެ. އެހެންނަމަވެސް، ސުންނަތްވެގެންވާ އަދި މޮޅުއިތުރުވެގެންވާ ގޮތަކީ މި ފަސޭހަތަކުގައި ހިފުމެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކިބައިން ރިވާވެފައިވާގޮތުގައި އެކަލޭގެފާނު ދަތުރުފުޅުމަތީގައި ހަތަރު ރަކުޢަތުގެ ނަމާދު 2 ރަކުޢަތަށްވުރެ އިތުރުނުކުރައްވައެވެ.

ނަމާދު ޤަޞްރުކުރުން

ނަމާދު ޤަޞްރުކުރުމަކީ ހަމައެކަނި ދަތުރުވެރިޔާއަށް ލިބިގެންވާ ފަސޭހައެކެވެ. ދަތުރުވެރިއެއްކަމުގައި ނުވާމީހަކަށް ނަމާދު ޤަޞްރެއް ނުކުރެވޭނެއެވެ. ނަމާދު ޤަޞްރުކުރުމަކީ ހަތަރު ރަކުޢަތުގެ ނަމާދުތައް ކުރާއިރު، ހަތަރު ރަކުޢަތުގެ ބަދަލުގައި 2 ރަކުޢަތަށް ކުރުކޮށްލުމެވެ. ފަތިސްނަމާދާއި މަޣްރިބުނަމާދު ޤަޞްރުކޮށް (އެބަހީ؛ ކުރުކޮށް) ނުކުރެވޭނެއެވެ. ހަމައެކަނި ޤަޞްރުކުރެވޭނީ މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، ޢިޝާނަމާދެވެ.

ނަމާދު ޤަޞްރުކުރަން ފެށޭނީ ރަށުން ނުކުތުމުން، ނުވަތަ އެރަށެއްގައި މީހުން ވަޒަންވެރިވެފައިވާ ހިސާބެއް ކަޑައްތުކުރުމަށްފަހުގައެވެ. އަދި ދަތުރު ނިންމާފައި ވަޒަންވެރިވެފައިވާ އަމިއްލަ ރަށަށް އަރައިފިނަމަ، ނުވަތަ އެރަށުގެ މީހުން ވަޒަންވެރިވެފައިވާ ހިސާބަށް ވަދެއްޖެނަމަ ޤަޞްރުކުރުން ހުއްދައެއް ނުވާނެއެވެ.

ރަށުގައި ހުއްޓައި ނަމާދު ވަގުތު ވަދެފައި، ނަމާދުނުކޮށް ދަތުރަށް ފަށައިފިނަމަވެސް ނަމާދު ޤަޞްރުކުރެވޭނެއެވެ. މިސާލަކަށް؛ މެންދުރުނަމާދު ވަގުތު ވެފައިވަނިކޮށް، ރަށުގައި މެންދުރުނަމާދުނުކޮށް ދަތުރަށް ފެށުމެވެ.

ދަތުރަށް ފަށާފައި ދަތުރު ހުއްޓާލައި އަލުން ރަށަށް އަތުވެއްޖެނަމަ، ނަމާދު ޤަޞްރުކުރުން ހުއްދައެއް ނުވާނެއެވެ. އަދި ރަށުގައި ހުއްޓައި ކުރަންޖެހިފައިވާ ނަމާދެއް، ދަތުރުމަތީގައި ޤަޟާކުރާނަމަ، އެނަމާދެއްކުރަންޖެހޭނީ ފުރިހަމަކޮށެވެ. ޤަޞްރެއް ނުކުރެވޭނެއެވެ.

ދަތުރުމަތީގައި ދޫވެފައިވާ ނަމާދެއްނަމަ، އަމިއްލަ ރަށަށް އައިސް ޤަޟާކުރާނަމަ، އެ ނަމާދުކުރާނެ ގޮތަކާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ. އެންމެ ރައްކާތެރިގޮތަކަށް ވާނީ ނަމާދު ޤަޞްރުނުކޮށް ފުރިހަމަކޮށް ކުރުމެވެ.

ނަމާދު ކުރަން ފަށާއިރު ޤަޞްރުކުރުމުގެ ނިޔަތް ނެތް ނަމަވެސް، ޤަޞްރުކޮށް ނަމާދުކޮށްފިނަމަ ނަމާދު ޞައްޙަވާނެއެވެ. ވަކި ޚާއްޞަ ނިޔަތެއް ދުލުން ކިޔާކަށް އައިސްފައެއްނުވެއެވެ.

ނަމާދު ޤަޞްރުކުރެވޭނެ ދުރުމިން

ނަމާދު ޤަޞްރުކުރެވޭނެ ދުރުމިނާމެދުގައި ޢިލްމުވެރިންގެ އަރިހުގައި އިޚްތިލާފުވެފައިވެއެވެ. މިގޮތުން؛ ބައެއް ޢިލްމުވެރިންގެ އަރިހުގައި އެ ދަތުރުގެ ދުރުމިނަކީ ގާތްގަނޑަކަށް 88 ކިލޯމީޓަރުގެ ދިގު ދަތުރެއްކަމުގައި ވުމެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި ކިތަންމެ ދުރުވިޔަސް އަދި ކިތަންމެ ކައިރިނަމަވެސް އާދަކާދައިގެ ގޮތުން ބަލާއިރު ދަތުރެއްކަމުގައި ބެލެވޭނަމަ ނަމާދު ޤަޞްރުކުރުން ހުއްދަވާނެއެވެ. އެއީ ނަމާދު ޤަޞްރުކުރެވޭނެ ދުރުމިނެއް އަންގައިދޭނެ ޝަރުޢީ ނައްޞެއް އައިސްފައި ނުވާތީއެވެ. ބޮޑަށް ބުރަވެވެނީ މިގޮތަށެވެ. ދަތުރަކަށް ތައްޔާރުވާފަދައިން ތައްޔާރުވެ، ދަތުރެއްކުރާކަމަށް މީސްތަކުންގެ ތެރޭގައި ބެލެވޭ ދަތުރެއްގައި މި ލުއިފަސޭހަކަން ލިބޭނެއެވެ. އަދި ދަތުރެއްތޯ ނުވަތަ ނޫންތޯ ޝައްކުވާ ޙާލަތެއްގައި ދުރުމިން ބަޔާންކުރައްވާފައިވާ ޢިލްމުވެރިންގެ މިންގަނޑަށް ބެލިދާނެއެވެ.

ދަތުރުވެރިޔަކު ރަށެއްގައި މަޑުކުރާނަމަ ޤަޞްރުކުރުން ހުއްދަވާނެތަ؟

ހަތަރު ދުވަހާއި އެއަށްވުރެ ގިނަ ދުވަސްތަކެއްގައި ދަތުރުވެރިޔަކު ރަށެއްގައި މަޑުކުރަން ގަސްތުކޮށްފިނަމަ، އޭނާއަށް ދަތުރުވެރިޔާގެ ނަމާދުކުރެވޭނެތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އައިސްފައިވެއެވެ. އެންމެ ރަނގަޅު ގޮތަކީ ޢިލްމުވެރިިންގެ އިޚްތިލާފުން ދުރުވުމަށްޓަކައި، ފަސޭހަކަމުގައިވާނަމަ، ފުރިހަމަކޮށް ނަމާދުތައް ކުރުމެވެ. މިއާއިޚިލާފަށް، ވަކި މުއްދަތަކަށް މަޑުކުރުމެއްނެތި، ބޭސްފަރުވާފަދަ، ނުވަތަ ވިޔަފާރިފަދަކަމެއް ނިމެންދެން މަޑުކުރާމީހެއްނަމަ އެ މަޑުކުރާ މުއްދަތުގައި ޤަޞްރުކުރެވޭނެއެވެ. އެހެނީ، މިފަދަ މީހެއްގެ ގަސްތަކީ އޭނާގެ ބޭނުންތައް ފުދުނުހާ އަވަހަކަށް އެރަށަކުން ފުރުމެވެ. ވަކި މުއްދަތަކަށް މަޑުކުރުމެއް ނޫނެވެ. ހަމަމިފަދައިން، މަސްވެރިންނާއި، ދަތުރުތައް ކުރުމުގައި ވަޒީފާ އަދާކުރާ މީހުންނަށްވެސް ދަތުރުވެރިޔާއަށް ލިބިގެންވާ ލުއިފަސޭހަތައް ލިބިގެންވެއެވެ. އެއީ ދަތުރުމަތީގައި ކިތަންމެ ގިނަދުވަހެއް ވީނަމަވެސްމެއެވެ.

ދަތުރުވެރިޔަކު ރަށެއްގައިހުރެ، ރަށުގެ އަހުލުވެރިންގެ ޖަމާޢަތުގައި ބައިވެރިވެއްޖެނަމަ، ނަމާދުތައް ކުރާނީ އިމާމާ ކުރާ މިންވަރަކަށެވެ.

ނަމާދު ޖަމްޢުކުރުން

ނަމާދު ޖަމްޢުކުރުމަކީ އިސްކޮށް ނުވަތަ ފަސްކޮށް ދެ ފަރުޟުނަމާދެއް އެއްކޮށްލައިގެން ކުރުމެވެ. ނަމާދު ޖަމްޢުކުރުމަކީ ހަމައެކަނި ދަތުރުވެރިންނަށް ޚާއްޞަކަމެއް ނޫނެވެ. ދަތުރުވެރިޔަކަށް ނުވިނަމަވެސް ބަލިމީހުންނާއި، މި ނޫންވެސް ތަފާތު އެކިއެކި އުޒުރުގެ މީހުންނަށްވެސް ނަމާދު ޖަމްޢުކުރެވޭނެއެވެ. މިގޮތުން ޖަމްޢުކުރެވޭނީ މެންދުރުނަމާދާއެކު ޢަޞްރުނަމާދު، އަދި މަޣުރިބުނަމާދާއެކު ޢިޝާނަމާދެވެ. ފަތިސްނަމާދު އެއްވެސް ނަމާދަކާ ޖަމްޢުއެއް ނުކުރެވޭނެއެވެ. ފަތިސްނަމާދު ކުރަންޖެހޭނީ ވަކިންނެވެ.

ދަތުރުމަތީގައި ނަމާދުކުރާއިރު ޖަމާޢަތް ހަދައިގެންވެސް ނަމާދުކުރެވޭނެއެވެ. ދަތުރުމަތީގައިވެސް، ނަމާދުތައް ކުރާއިރު ފިރިހެނުންކުރެ ކޮންމެވެސް އެއްބަޔަކު ބަންގިގޮވުމާއި، ޤަމަތްދިނުމަކީ އައިސްފައިވާކަމެކެވެ. ޖަމްޢުކުރާ ނަމާދުތަކެއްނަމަ، އެއް ބަންގިގޮވުމަށްފަހު، ޖަމްޢުކުރާ ކޮންމެ ނަމާދަކަށް ޤަމަތް ދޭނީއެވެ. އަންހެނުން ބަންގި ގޮވާކަން ނުޖެހޭނެއެވެ. އަދި ޤަމަތްދިނުމަކީ އަންހެނުންނާ ޚިލާފަށް ފިރިހެނުންނަށް ޚާއްޞަކަމެއްތޯ ނުވަތަ ނޫންތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އައިސްފައިވެއެވެ. އަންހެނެއްނަމަ ޤަމަތް އެކަނި ދީފައި، ނުވަތަ ޤަމަތް ނުދިންނަމަވެސް ނަމާދުފެށުމަކުން މައްސަލައެއް ނެތެވެ.

އިސްކޮށް ޖަމްޢުކުރުމަކީ ކޮބާ؟

އިސްކޮށް ޖަމްޢުކުރުމަކީ: ފުރަތަމަ ނަމާދުގެ ވަގުތުގައި ފުރަތަމަ ނަމާދާއެކު ޖެހިގެން އޮތް ނަމާދުކުރުމެވެ. މިސާލަކަށް؛ މެންދުރުނަމާދުގެ ވަގުތުގައި މެންދުރުނަމާދާއެކު ޢަޞްރުނަމާދުކުރުމެވެ. މަޣްރިބުނަމާދުގެ ވަގުތުގައި މަޣްރިބުނަމާދާއެކު ޢިޝާނަމާދުކުރުމެވެ.

ފަސްކޮށް ޖަމްޢުކުރުމަކީ ކޮބާ؟

ފަސްކޮށް ޖަމްޢުކުރުމަކީ: ދެވަނަ ނަމާދުގެ ވަގުތުގައި ފުރަތަމަ ނަމާދުކުރުމަށް ނިޔަތްގަނެގެން ދެ ނަމާދު އެއްކޮށް ކުރުމެވެ. މިގޮތަށް ކުރާއިރުވެސް، އެންމެ ފުރަތަމަ ކުރާނީ ފުރަތަމަ ކުރަންޖެހޭ ނަމާދެވެ. ދެން ދެވަނައަށް ކުރަންޖެހޭ ނަމާދެވެ. މިސާލަކަށް؛ ޢަޞްރުނަމާދުގެ ވަގުތުގައި މެންދުރުނަމާދު ކުރުމަށް ފަސްކޮށްލުމެވެ. ދެން، ޢަޞްރުނަމާދު ވަގުތުގައި ކުރާއިރު، މެންދުރުނަމާދުކޮށް ނިންމާފައި ދެން ޢަޞްރުނަމާދު ކުރާނީއެވެ. މަޣްރިބުނަމާދާއި ޢިޝާނަމާދުވެސް ޖަމްޢުކުރާނީ މި ގޮތަށެވެ.

ހުކުރުނަމާދަކީ ވަކި ޚާއްޞަ ގޮތްތަކެއް ހިމެނޭ ނަމާދަކަށް ވާތީ، ހުކުުރުނަމާދާއެކު ޢަޞްރުނަމާދު ޖަމްޢުނުކުރެވޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެލައްވާތީ، މި އިޚްތިލާފުން ދުރުވުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ހުކުުރުނަމާދާއެކު ޢަޞްރުނަމާދު ޖަމްޢުނުކުރުމެވެ.

ހުކުރުދުވަހު ހުކުރުނަމާދަށް ހާޒިރުރުނުވާ ދަތުރުވެރިއެއްނަމަ، މެންދުރުވަގުތު ވުމުން، ހުކުރުނަމާދު ފަށާވަގުތު ނުޖެހުނު ނަމަވެސް، ނުވަތަ ހުކުރުނަމާދު ނުނިމުނުނަމަވެސް މެންދުރުނަމާދުކުރެވޭނެއެވެ. މެންދުރުނަމާދު ކުރާނަމަ، ޢަޞްރުނަމާދު ޖަމްޢުކުރެވޭނެއެވެ.

ދަތުރުވެރިޔާ ނަމާދުކުރާނެ ގޮތް

ބަޔާންވެދިޔަ ލުއިފަސޭހަ ކަންކަމުގެ މައްޗަށް ބިނާކޮށް ދަތުރުވެރިޔާ ފަރުޟުނަމާދުތައް ކުރާއިރު އެކިގޮތްގޮތް އިޚްތިޔާރުކުރެވިދާނެއެވެ.

ފުރަތަމަ ގޮތަކީ: ޤަޞްރުކުރުމެއް ނެތި ހަމައެކަނި ޖަމްޢުކުރުމެވެ. މިއީ؛ ޖަމްޢުކުރެވޭ ދެ ނަމާދު އެ ނަމާދުތަކުގެ ރަކުޢަތްތައް ކުރުކުރުމެއް ނެތި ދެ ނަމާދު އެއްކޮށް ކުރުމެވެ. މިގޮތަކީ؛ ދަތުރަށް ފެށުމަށް ކައިރިވެފައިވާނަމަ، އަދި ދަތުރުމަތީގައި ނަމާދުކުރަން އުނދަގޫތަކެއް ކުރިމަތިވެދާނެ ޙާލަތްތަކުގައި ކުރެވިދާނެ ގޮތެކެވެ. މިސާލަކަށް؛ މެންދުރުނަމާދުގެ ވަގުތުގެފަހުން ދަތުރަށް ފުރާނަމަ، މެންދުރުނަމާދާއެކު ޢަޞްރުނަމާދު ޖަމްޢުކޮށް ކުރުމެވެ. މި ގޮތަށް ކުރާނެ ގޮތަކީ މެންދުރުނަމާދުގެ ހަތަރު ރަކުޢަތްކޮށް ނިންމާފައި، ސަލާމްދިނުމަށްފަހު، ޢަޞްރުނަމާދަށް ޤަމަތްދީފައި ޢަޞްރުނަމާދުގެ ހަތަރު ރަކުޢަތްކުރުމެވެ. ޖަމްޢުކުރާއިރު އެންމެ ރަނގަޅުގޮތަކީ ދެ ނަމާދު ވީހާވެސް ކައިރިކައިރީގައި ކުރުމެވެ. ދެނަމާދުގެ ދެމެދުގައި ގިނައިރުތަކެއް ފާއިތުވެއްޖެނަމަ ޖަމްޢުނުކުރެވޭނެކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ދެވަނަ ގޮތަކީ: ޖަމްޢުކުރުމެއްނެތި ހަމައެކަނި ޤަޞްރުކުރުމެވެ. މިއީ؛ ދަތުރަށް ފެށުމަށްފަހު، ޖަމްޢުނުކޮށް ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައިކުރާއިރު، ހަތަރު ރަކުޢަތުގެ ނަމާދު 2 ރަކުޢަތަށް ކުރުކޮށްގެން ކުރުމެވެ. މިސާލަކަށް؛ މެންދުރުނަމާދާއި، ޢަޞްރުނަމާދާއި، ޢިޝާނަމާދު، އޭގެ ކޮންމެ ނަމާދެއްގެ ވަގުތުގައި ކުރާއިރު 4 ރަކުޢަތުގެ ބަދަލުގައި ދެ ރަކުޢަތްކޮށްފައި ސަލާމްދިނުމެވެ.

ތިންވަނަ ގޮތަކީ: ނަމާދުތައް ޖަމްޢުކޮށް އަދި ޤަޞްރުކޮށް ކުރުމެވެ. މިއީ؛ ދަތުރުވެރިޔާއަށް އެންމެ ލުއިފަސޭހަވާނެ ގޮތެވެ. އެއީ؛ ހަތަރު ރަކުޢަތުގެ ނަމާދުތައް ދެ ރަކުޢަތަށް ކުރުކޮށްކުރުމާއެކު، ޖަމްޢުކުރެވޭ ނަމާދުތައް ޖަމްޢުކުރުމެވެ. މިގޮތުން ދެ ގޮތަކަށް ޖަމްޢުކުރެވިދާނެއެވެ. އެއީ؛ އިސްކޮށްޖަމްޢުކުރުމާއި ފަސްކޮށް ޖަމްޢުކުރުމެވެ. މީގެ ތެރެއިން މޮޅުއިތުރުވެގެންވަނީ ދަތުރުވެރިޔާއަށް އެންމެ ލުއިފަސޭހަގޮތެކެވެ. މިގޮތަށް ނަމާދުކުރާނެ ގޮތަކީ؛ ފަތިސްނަމާދު އެ ނަމާދުގެ ވަގުތުގައި ވަކިން ކުރާނީއެވެ. ދެން އިސްކޮށް ޖަމްޢުކުރާނަމަ މެންދުރުނަމާދުގެ ވަގުތު ވަނުމުން މެންދުރުނަމާދަށް ޤަމަތްދީފައި މެންދުރުނަމާދުގެ 2 ރަކުޢަތްކުރުމަށްފަހު ސަލާމްދޭނީއެވެ. ދެން ޢަޞްރުނަމާދަށް ޤަމަތްދީފައި ޢަޞްރުނަމާދުގެ 2 ރަކުޢަތްކޮށް ސަލާމްދޭނީއެވެ. ފަސްކޮށް ޖަމްޢުކުރަން ބޭނުންނަމަ، ޢަޞްރުވަގުތުގައި މެންދުރުނަމާދު ކުރަން ފަސްކޮށްލާނީއެވެ. ޢަޞްރުނަމާދުގެ ވަގުތުގެ ތެރޭގައި ދެންމެ ބަޔާންކުރެވުނު ގޮތަށް 2 ނަމާދުކުރާނީއެވެ. ފުރަތަމަ ކުރަންޖެހޭނީ ފުރަތަމަ ނަމާދެވެ. މަޣްރިބުނަމާދާއި ޢިޝާނަމާދު އިސްކޮށްކުރަން ބޭނުންނަމަ، މަޣްރިބުނަމާދަށް ޤަމަތް ދިނުމަށްފަހު، މަޣްރިބުނަމާދު ކުރާނީއެވެ. މަޣްރިބުނަމާދަކީ ޤަޞްރުކޮށް ކުރެވޭނެ ނަމާދަކަށް ނުވާތީ، މަޣްރިބުނަމާދުގެ 3 ރަކުޢަތްކޮށްފައި ސަލާމްދޭނީއެވެ. ދެން ޢިޝާނަމާދަށް ޤަމަތްދީފައި ޢިޝާނަމާދުގެ 4 ރަކުޢަތުގެ ބަދަލުގައި 2 ރަކުޢަތްކޮށްފައި ސަލާމްދޭނީއެވެ. ފަސްކޮށް، ޖަމްޢުކުރާކަމުގައިވާނަމަ، ޢިޝާނަމާދުގެ ފަހުގައި މަޣްރިބުނަމާދު ކުރުމަށް ފަސްކޮށްލުމަށްފަހު، ޢިޝާނަމާދުގެ ވަގުތުގައި ދެންމެ މިބަޔާންކުރި ގޮތަށް 2 ނަމާދުކުރާނީއެވެ.

ޖަމްޢުކުރާ ފަރުޟުނަމާދުތަކުގެ ފަހުގައި ޛިކުރު ތަސްބީޙަކިޔުން ދަންނައެވެ! 2 ނަމާދު ޖަމްޢުކުރާއިރު، ދެވަނަ ނަމާދުގެ ފަހުގައި އެއްފަހަރު ޛިކުރު ތަސްބީޙަކީނަމަވެސް ފުދޭނެއެވެ. އެހެނީ، ޖަމްޢުކުރާއިރު 2 ނަމާދު އެވަނީ އެއް ނަމާދެއްގެ ޙުކުމުގައެވެ. އަދި ކޮންމެ ނަމާދެއްގެ ފަހުގައި ޛިކުރުތަސްބީޙަ ކީ ނަމަވެސް މައްސަލައެއް ނެތެވެ.

ދަތުރުމަތީގައި ސުންނަތްނަމާދުކުރުން

ފަރުޟުނަމާދުތަކުގެ އިތުރުން ވަކި ޚާއްޞަކޮށް އައިސްފައިނުވާ ސުންނަތްނަމާދުކުރުން ދަތުވެރިޔާއަށް ހުއްދަވެގެންވެއެވެ. ޚާއްޞަވެގެންވާ ސުންނަތްނަމާދުތަކުގެ ތެރެއިން އެކަލޭގެފާނު ދަތުރުފުޅު މަތީގައިވެސް ދޫނުކުރައްވާ ސުންނަތް ނަމާދަކީ ފަތިސްނަމާދުގެ އިހުގައި ކުރެވޭ 2 ރަކުޢަތުގެ ސުންނަތާއި، ވިތުރި ނަމާދެވެ. މީގެ އިތުރުން، ރަވާތިބު ސުންނަތުގެ އިތުރު ސުންނަތްތަކެއް ކުރުމަކަށް އައިސްފައެއް ނުވެއެވެ. ރަށުގައި ހުންނައިރު، ޢާއްމުކޮށް ކުރާ ސުންނަތް ނަމާދުތައް ދަތުރުމަތީގައި ނުކުރެވުނުނަމަވެސް، މާތް ﷲގެ ފަޟްލުވަންތަކަމުން އެ ނަމާދުތަކުގެ ޘަވާބާއި ދަރުމަ ދެއްވާނެއެވެ.

މާތް ﷲ އަޅަމެން، ނަމާދު ޤާއިމުކުރާމީހުންގެ ތެރެއިން ލައްވާށި!


ފޮޓޯ: އަހްމަދު ޒިޔާދް (ޓުވިޓަރ)


Advertisement

ކޮމެންޓް