ދިވެހިރާއްޖެއާއި ކޮޅުނބުގެ ރަތަމަލާނަ އެއާޕޯޓާއި ދެމެދު ދަތުރުތައް ބާއްވަނީ

16 Sep 2020 | 18:55

ދިވެހިރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ކޮޅުނބުގެ ރަތަމަލާނަ އެއާޕޯޓާއި ދެމެދުގައި ދަތުރުތައް ބޭއްވުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރ ޕްރަސަންނަ ރަނަތުންގައާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިހާރުވެސް ބައެއް ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރާ ރަތަމަލާނަ އެއާޕޯޓަށް އިންޓަރނޭޝަނަލް ފްލައިޓްތައް ފެށުމަށް ލަންކާގެ ކެބިނެޓްގެ ރުހުން ވަނީ ދީފައެވެ.

މި އެއާޕޯޓް ބޭނުންކުރާ އެއާލައިންތަކަށް ރީފިއުލިންގގެ ޚިދުމަތް ހެޔޮއަގެއްގައި ފޯރުކޮށްދޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ޑިސްއެމްބަރކޭޝަން ފީގެ 50 އިންސައްތަ ކަނޑާލުމަށްވެސް ކެބިނެޓުން ރުހުން ދީފައިވާކަމަށް ވަނީ ހާމަކުރައްވާފައެވެ. ބެލެވޭ ގޮތުގައި މިއާއި އެކު މި އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް ވަރަށް ބޮޑަށް ހެޔޮވެގެން ދާނެކަމަށް ބެލެވެއެވެ.

މިނިސްޓަރ އިތުރަށް ވަނީ ރަތަމަލާނަ އެއާޕޯޓަށް ފްލައިޓްތައް ބޭއްވުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ދެ އެއާލައިންކަމަށްވާ މޯލްޑިވިއަން އަދި ވިލާ އެއާރއާއި އެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށްވެސް ހާމަކުރައްވާފައެވެ. ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލުމާ އެކު، ރަތަމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާނެކަން ވިލާ އެއަރގެ ފްލައިމީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ރަތަމަލާނަ އެއާޕޯޓާއި ކައިރި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެއެވެ. އެހެންކަމުން މި އެއާޕޯޓަށް ފްލައިޓްތައް ފެށުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. 

Advertisement

ކޮމެންޓް

Advertisement