Advertisement

އެމެރިކާގައި ޓިކްޓޮކް އަދި ވީޗެޓް ޑައުންލޯޑްކުރުން މަނާކުރަނީ

19 Sep 2020 | 13:47

އެމެރިކާއާއި ޗައިނާގެ ދެމެދުގައި އުފެދިފައިވާ ސަލާމަތީ އަދި ވިޔަފާރީގެ ނުތަނަވަސްކަމުގެ ތެރެއިން، ޗައިނާގެ ހިއްސާ އޮންނަ މަގުބޫލު ދެ މޯބައިލް އެޕްލިކޭޝަންތަކެއް ކަމަށްވާ ޓިކްޓޮކް އަދި ވީޗެޓް އެމެރިކާގައި ޑައުންލޯޑްކުރުން މަނާކުރުމަށް ނިންމައިފިއެވެ.

އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބަރ ރޮސް ވިދާޅުވި ގޮތުގައި މިއަހަރުގެ ނޮވެމްބަރ މަހުގެ 12ވަނަ ދުވަހާއި ހަމައަށް އެމެރިކާގައި އެޕްލިކޭޝަން ސްޓޯރެއް މެދުވެެރިކޮށް ޓިކްޓޮކް ޑައުންލޯޑެއް ނުކުރެވޭނެއެވެ. ނަމަވެސް މި އެޕްލިކޭޝަން ބޭނުންކުރުން އެއްކޮށް މަނާ ނުކުރާ ކަމަށާއި، އެޕްލިކޭޝަން މިހާރު އަޅާފައިވާ ފަރާތްތަކަށް އަޕްޑޭޓްތައްވެސް ނުލިބޭނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ޓިކްޓޮކް ޑައުންލޯޑްކޮށް އަޕްޑޭޓްކުރުން ހުއްޓުވާލަން ނިންމީ އެ އެޕްލިކޭޝަންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލާއި ދިމާވެފައިވާ ކަމަށް ބުނެއެވެ.

ފޮކްސް ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި ނޮވެމްބަރ 12ވަނަ ދުވަހާއި ހަމައަށް މިގޮތަށް ޓިކްޓޮކާއި މެދު ފިޔަވަަޅުތައް އެޅުމަށް ނިންމާފައިވަނީ، ޓިކްޓޮކްގެ ބެލެނިވެރި ޗައިނާގެ ކުންފުނިކަމަށްވާ ބައިޓްޑާންސް އަދި އެމެރިކާގެ އޮރެކަލް ކުންފުނިން ގުޅިގެން އެމެރިކާގެ ސަލާމަތީ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެފަދަ ގޮތަކަށް ހެދުމަށް މަސައްކަތްކުރަމުންދާތީއެވެ. މި ޑީލް ހެދުމުގެ މުހުލަތަކީ ނޮވެމްބަރ 12ވަނަ ދުވަހެވެ.

ޓިކްޓޮކްގެ އިތުރުން ވީޗެޓާއި މެދުވެސް އެމެރިކާއިން ފިޔަވަޅު އަޅާފައިވާއިރު، ވީޗެޓާއި މެދު އަަޅާފައިވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެކެވެ. އެގޮތުން މާދަމާއިން ފެށިގެން ވީޗެޓާއި ގުޅުންހުރި އިންޓަރނެޓް ޓްރެފިކް ހޯސްޓްކޮށް ނުވަތަ ޓްރާންސްފަރކުރުމަކީ މަނާކަމެކެވެ. 

މި ފިޔަވަޅުތަކާ މެދު ދެ އެޕްލިކޭޝަންތަކުގެ ފަރާތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް