މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ދުވަހުގެ ހަނދާންތައް ރައީސް ނަޝީދު އާ ކުރައްވައިފި

19 Sep 2020 | 15:49

2003ވަނަ އަހަރުގައި މާފުށި ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލި ދުވަހުގެ ހަނދާންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާކުރައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ރައީސް ކުރީގެ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށެވެ. އެގޮތުން މިއަދަކީ އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރަން ނިންމާ ނުކުތް ދުވަސްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޖަލުގައި އީވާން ނަސީމް ގައިގައި ތަޅާ މަރާލި ދުވަސް. މާތްﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި"، އެމަނިކުފާނު ވިދާޅުވިއެވެ.

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި އުމުރުން 19 އަހަރުގެ ގައިދީއެއްކަމަށްވާ މ.އޭޝިއާ އީވާން ނަސީމް ނިޔާވެފައިވަނީ ޖަލުގައި ލިބުނު އަނިޔާތަކަކާ ގުޅިގެންނެވެ. މި މަރާއި ގުޅިގެން ޖަލުގެ މަޝްރަހު ހޫނުވެ، އެކަން ހައްލުކުރުމަށް އޭރު ޖަލު ބަލަހައްޓަމުންދިޔަ އެންއެސްއެސްގެ ފަރާތްތަކުން ބަޑިވެސް ޖެހިއެވެ.

އެކަމުގެ ސަބަބުން އިތުރު 3 މީހަކު ނިޔާވެ 17 މީހަކު ޒަޚަމްވިއެވެ. މިކަމާއި ގުޅިގެން ގިނަބަޔަކު ވަނީ ފުރަތަމަ ފަހަރަށް މަގުމައްޗަށް ނުކުމެ، އޭރުގެ ސަރުކާރާއި ދެކޮޅަށް ފާޅުގައި އަޑު އުފުލާފައެވެ.

Advertisement

ކޮމެންޓް