Advertisement

ޒިޔާދާގެ މަރުގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާ ބާއްވަނީ

19 Sep 2020 | 17:18

ފިރިމީހާގެ ފަރާތުން ލިބުނުކަމަށް ތުހުމަތުކުރެވޭ ޖިންސީ އަނިޔާތަކަަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ގދ.ތިނަދޫ/ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް ހައިކޯޓުގައި މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:30 އަށެވެ.

ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ އޭނާގެ ފިރިމީހާ، ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުގެ މައްޗަށް ޒިޔާދާގެ މަރާއި ގުޅިގެން އުފުލުނު އެއްވެސް ދައުވާއެއް ސާބިތުނުވުމުންނެވެ.

އެގޮތުން ދައުލަތުން ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާވެސް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމް ކޮށްފައެވެ.

އެއީ ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ)ގެ ދަށުން މީހަކު މަރުވެ ދިއުމުގައި އުހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުނު ކަމުގެ ދައުވާއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ގެންދެވުނީ މިފަދަ އެހެން މައްސަލަތައްވެސް ގެންދެވޭ އުސޫލުން، ސިއްރުންނެވެ.

ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން ވަކިން ދިރިއުޅެމުން ދަނިކޮށެވެ.

ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓުން ދައްކާ ގޮތުގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން އޭނާގެ ކަނާއަތުގެ މުލައްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝާންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް