Advertisement

ގުބާރު 21

19 Sep 2020 | 18:33

ނޮޓިފިކޭޝަނަށް ކްލިކް ކޮށްލުމަށްފަހުގައި ހަބަރު އެއްކޮޅުން އަނެއްކޮޅަށް ކިޔައިލެވުނެވެ. އޭގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ އަންހެނަކު މަރާލި ހަބަރެވެ. ހަބަރުގައި ވާގޮތުންނަމަ، މަރާލެވިފައިވާ އަންހެނާ އަކީ ސީރިއާއިން އެނބުރި އައި އަންހެނެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް ލިޔެފައި އޮތެވެ. ސާރާގެ ލޮލުގައި އަޅައިގަތީ މި ޖުމްލައެވެ. ކުށްލިއަކަށް ހަނދާންވީ ނިޝާ ދެއްކި ވާހަކަތަކެވެ. ސާރާއަށް ވަގުތުން ފޯނުގެ ގަޑި ބަލައިލެވުނެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހާ ބޮޑު ވެއްޖެއެވެ. ސާރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އަދި މަޑުމަޑުން އިގްބާލުގެ ކޮޑުގައި ކޮށްޓާލުމާއެކު އޭނާ ސިހިފައި ތެދުވިއެވެ. އިގްބާލު ތެދުވުމާއެކު، ސާރާ އެ ހަބަރު އޭނާގެ ފޯނުން އިގްބާލަށް ދެއްކިއެވެ.

"ވަޓް؟. އެހެން މީހަކަށްވެސް ވެދާނެއްނު." އިގްބާލު ބުންޏެވެ. "އެކަމަކު އަހަރެންގެ ހިތް ބުނަނީ އެހެން ވާހަކައެއް. ހިނގާ އަހަރެމެން ކޭސްގެ އައިއޯއަށް ގުޅަމާ." ސާރާގެ ހިޔާލަކީ އެއީއެވެ. އިގްބާލު މަޑުމައިތިރި ކަމާއެކު ބޯ ޖަހާލުމަށްފަހުގައި ފާހާނާއަށް ވަނެވެ. އަދި މޫނު ދޮވެލައިގެން އައިސް، އޭނާގެ ފޯނު ނަގައި އައިއޯއަށް ގުޅިއެވެ. ކޭސްގެ އައިއޯ އަކީ އިގްބާލުގެ ރަހުމަތްތެރިއެކެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. "މިރޭ އޭނަގެ ޑިއުޓީއެއް ނޫންކަންނޭންގެ. އެކަމަކު އާއްމުކޮށް ވަރަށް ފޯނު ނަގާނެ." އިގްބާލު ވާހަކަ ދެއްކިއެވެ. އޭނާ އެހެން ބުނިތާ މާގިނަ އިރުތަކެއް ނުވަނީސް، އޭނާގެ ފޯނު ރިންގުވިއެވެ. ގުޅީ އައިއޯއެވެ. "އައްސަލާމް އަލައިކުމް." އިގްބާލު ބުންޏެވެ.

އެކޮޅުން ސަލާމް ބަލައިގަތުމާއެކު، އިގްބާލު އިތުރު މައުލޫމާތު ތަކެއް ހިއްސާކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. އަދި ފޯނުން އެ ވާހަކަތައް ހިއްސާކުރުމަށްވުރެ، ފުލުހުންގެ އިދާރާއަށް ހާޒިރުވެގެން އެކަން ކުރުން ބުއްދިވެރިކަމުގައި އިގްބާލު ބުންޏެވެ. އައިއޯވެސް އިރުކޮޅެއްގެ ތެރޭގައި އެތަނަށް ދާނެ ވާހަކަ ބުންޏެވެ. ވުމާއެކު ސާރާއާއި، އިގްބާލު އަވަސްވެގަތީ ފުލުހުންގެ އިދާރާއަށް ދިއުމަށެވެ.

އިގްބާލު، މަޑު ދުވެއްޔެއްގައި ދުއްވާފައި ގޮސް ފުލުސް އޮފީހުގެ ކުރިމަތީގައި ހުންނަ ޕާކިން ޒޯނުގައި ސައިކަލު ޕާކުކުރިއެވެ. އަދި ސާރާ ސައިކަލުން ފޭބުމާއެކު، އިގްބާލުވެސް ސައިކަލުން ފޭބިއެވެ. ހަމަ އެވަގުތު، އައިއޯ ޝިފާންވެސް ސައިކަލުން ފައިބާތަން ފެނުނެވެ. ތިން މީހުން އެކުގައި ހިނގާފައި ގޮސް ފުލުސް އޮފީހަށް ވަނެވެ. ސާރާއާއި، އިގްބާލު ބޭރު ލޮބީ އޭރިއާގައި މަޑުކުރިއިރު، ޝިފާން ދިޔައީ ކޭސް ފައިލް ބަލައެވެ. ޝިފާން ފައިލް ހިފައިގެން ތިރިއަށް އައުމާއެކު، ސާރާއާއި އިގްބާލަށް ގޮވިއެވެ. އަދި ބަޔާން ނެގުމަށް ހާއްސަކޮށްފައި ހުންނަ ކުޑަ ކޮޓަރިއަށް ތިން މީހުން ވަނެވެ. ޝިފާން ވެގެން އުޅެނީ ކިހިނެއްތޯ ސުވާލުކުރުމުން، ސާރާ އޭނާގެ ފޯނު ދަބަހުން ނެގިއެވެ. އަދި އެރޭ ނިޝާ ސާރާގާތު ދެއްކި ވާހަކަތަކުގެ ރިކޯޑިން އައިއޯ ޝިފާނަށް އަޑުއިއްވިއެވެ.

ޝިފާން އެދުނީ އެ ރިކޯޑިންގެ ކޮޕީއެއް އޭނާއާއި ހަވާލުކުރުމަށެވެ. ރިކޯޑިން ކޮމްޕިއުޓަރ ސިސްޓަމަށް އެޅުމަށްޓަކައި ޝިފާނު އަތަށް ފޯނު ދެމުން، އެރޭ މަރާލެވުނު މީހާއާއި މެދު ޝިފާނަށް ސުވާލުކުރިއެވެ. ޝިފާނަށްވެސް އެ ހަބަރު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. ސާރާ އެދުނީ އެއީ ނިޝާތޯ ޔަގީން ކޮށްދިނުމަށެވެ. ވުމާއެކު ޝިފާން، އެތަނުން ބޭރަށް ނިކުތެވެ. އަދި އިރުކޮޅެއްވެދާނެ ކަމަށް ބުންޏެވެ. "ސާރާ ހާދަ ވަރަކަށް ތި ހާސްވަނީ؟." އިގްބާލު ސާރާގެ އަތުގައި ހިފާލިއެވެ. "ނޭންގެ އިގްބާލް. އެއީ ނިޝާއަށް ވެއްޖިއްޔާ އަހަރެން ހަގީގަތުގައިވެސް ވަރަށް ދެރަވާނެ. އަހަރެންނަކަށް ދުވަހަކުވެސް މަލާޒަކަށް މައާފެއް ނުކުރެވޭނެ." މޫނު މަތީގައި ހުރި ދާތަށް ފޮހެލަމުން ސާރާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އެގޮތަށް ވިސްނާ." އިގްބާލަށް މިހެން ބުނެވުނުތަނާހެން ޝިފާން އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެ އޭނާގެ ގޮޑީގައި ހަމަޖެހިލާފައި، ދެއަތް ތަގުޅިކޮށްލުމަށްފަހުގައި ޝިފާން، ސާރާއާއި ދިމާލަށް ބަލާލިއެވެ. "އެއީ ހަމަ ނިޝާ ކިޔާ އަންހެން ކުއްޖެއް." ޝިފާންގެ އެ ޖުމްލަ ވެގެން ދިޔައީ ސާރާގެ ހިތަށް ހަރާލި ތޫނު ހަންޖަރަކަށެވެ. ސާރާއާއި، އިގްބާލަށް އެއްފަހަރާ ދެމީހުންނާއި ދިމާލަށް ބަލާލެވުނެވެ. ސާރާ އިނީ ރޯންވެސް ނޭންގިފައެވެ. ޝިފާން އިތުރަށް ނިޝާއާއި ގުޅޭގޮތުން ސާރާއާއި ސުވާލުކުރިއެވެ. މަލާޒުގެ ކޭސްއާއި އަނެއްކާވެސް އިތުރު ކަންތައްތަކެއް ގުޅިލާ މެހުނީއެވެ.

ސާރާ އެރޭ ކަންހިނގާދިޔަ ކޮށް ޝިފާނަށް ސާފުކޮށް ކިޔައިދިނެވެ. އެވާހަކަތައް ކިޔައިދެމުން ދިޔަ ވަގުތު އޭނާގެ ހިތުގައި ރިއްސީ އެންމެ ކަމަކާއެވެ. ނިޝާ އޭނާގެ ފުރާނައަށް ނުރައްކާވެފައިވާކަން ސާރާގާތު ބުނެފައި އެގެއިން ނިކުމެގެން ދިޔަ ވަގުތު، ސާރާއަށް އެކަމުގެ ސީރިއަސްކަން ވިސްނާނުލެވުމުންނެވެ. ސާރާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެމީހުންނަށް ބަޔާން ދިނުމަށްފަހު ފުލުސް އޮފީހުން ނިކުމެވުން އިރު ހެނދުނު ހައެއް ޖަހައި ބޮޑުވެއްޖެއެވެ. ސާރާގެ މިލާ މޯޅިވެފައިވާ މޫނު ފެނިފައި، އިގްބާލު ބޭނުންވީ ސާރާ ގޮވައިގެން ކުޑަކޮށް ދުއްވާލުމަށްފަހުގައި ސައިބޯން ކޮންމެވެސް ތަނަކަށް ދިއުމަށެވެ. ސާރާ އެގޮތަށް އެއްބަސްވުމާއެކު ދުއްވާލުމަށްފަހުގައި އެމީހުން ދިޔައީ ސައިބޯންށެވެ.

ސައިބޯން އިންދައި ކުށްލިއަކަށް އިގްބާލުގެ ފޯނަށް ފޯނެއް އައެވެ. އޭނާ ޖީބުން ފޯނު ނެގުމަށްފަހުގައި، ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު ފޯނު ބަންޑުން ބޭއްވިއެވެ. "ކިހިނެއްވީ؟." ސާރާ ސުވާލުކުރިއެވެ. އިގްބާލް ކާންއިން ރޮށިކޮޅު ތަށީގެ އެއްފަރާތެއްގައި ބޭއްވުމަށްފަހު ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އަދި ކަރުކެހެލިއެވެ. "އަންހެނުން." އިގްބާލު އިސްދަށަށް ޖަހާލައިގެން އިނދެ ޖަވާބުދިނެވެ. "އޯހް!. ރޭގައި ގެއަށް ނުދާތީދޯ. ސޮރީ." ސާރާ މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. "އަހަރެން ގެއަށް ދިޔަސް ނުދިޔަސް އޭނަ އެއްވެސް އެއްޗެކޭ ހިތަކަށް ނާރާނެ. މިގަޑީގަ ޖިމަށް ދާއިރު އަހަރެން ދަރިފުޅު ކައިރީގައި މަޑުކުރަނީ. ބައެއް ފަހަރު އަހަރެން މަންމަ ބަޔަށްވެސް ގެންދާނެ." އިގްބާލު ބުންޏެވެ.

"ދެން އެހެންވީއިރު އަހަރެންނަށް ފެންނަނީ ގެއަށް ދާން." ސާރާ ބޭނުންވީ އިގްބާލު އަވަހަށް ފޮނުވާލަންށެވެ. ސާރާއަކީ އިގްބާލުގެ ކައިވެންޏަށް އެޅޭ ހުރަހަކަށްވާކަށް ސާރާ ބޭނުމެއް ނޫނެވެ. ވުމާއެކު، އަވަސް ގޮތަކަށް ސައިބޮއެ ނިންމާލުމަށްފަހުގައި، ސާރާ ގެއަށް ލާފައި އިގްބާލު ދިޔައީ އޭނާގެ ގެއަށެވެ. ދަމުން، އެދުވަހުގެ ކްލާހުން ދިމާވާނެ ކަމަށް އިގްބާލު ބުންޏެވެ. ސާރާ އޭނާގެ އެޕާޓްމަންޓުގެ ދޮރާއި ހަމައަށް އެރިވަގުތު، ފައިވާން ހަރުމަތީ ކުޑަ ސައިޒެއްގެ ޕާރުސަލެއް ހުއްޓެވެ. ސާރާ ވަރަށް ބިރުންހުރެ އެ ޕާރުސަލް އަތަށް ނަގައިގެން އެތެރެއަށް ވަނެވެ. އަދި އޭގެ ބޭރުވައި ވަށައިގެން ލާފައިވާ ކަރުދާސްގަނޑު ނައްޓާލާފައި އެ ކުޑަ ފޮށި ހުޅުވާލިއެވެ. އޭގައި އޮތީ ހުސް ލެއެވެ.

ސާރާއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި އެ ފޮށި ހޫރާލެވުނެވެ. އޭނާއަށް ހުރެވުނު ތަންވެސް ނޭންގުނެއެވެ. އޭނާ ފޯނު ނަގައި ވަގުތުން އައިއޯއަށް ގުޅިއެވެ. އަދި އިގްބާލަށް ގުޅުމުގެ ބަދަލުގައި، އެ ފޮށީގެ ފޮޓޯއަކާއި އެކު، ވައިބައިން މެސެޖެއް ކުރިއެވެ. ސަބަބަކީ އެ ވަގުތަކީ އިގްބާލް އޭނާގެ ދަރިފުޅު ކައިރީގައި މަޑުކޮށްގެން ހުރި ވަގުތެއް ކަމުގައިވާތިއެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ފަހުން އައިއޯ ޝިފާނާއި، ފުލުހުންގެ އިތުރު ދެ މީހަކު އެގެއަށް އައެވެ. އަދި ތަޅުންގަނޑު މައްޗަށް އެއްލާލާފައި އޮތް ފޮށި ނަގައި އެމީހުން ޗެކުކުރީ އެއްވެސް ފިންގަ ޕްރިންޓެއް ފެނޭތޯއެވެ.

ސީންއަށް އައި ފުލުހުންގެ ދެ އޮފިސަރު ސާރާއާއި ސުވާލުކުރަން އުޅުމުން ޝިފާން އެކަން ހުއްޓިއެވެ. ސާރާ ޝިފާނަށް ވީގޮތް އޮޅުން ފިލުވައިދިނެވެ. އަދި މިފަދަ ކަމެއް ކުރާނެކަމަށް ޝައްކުކުރެވޭ މީހަކު ހުރެދާނެތޯ ސާރާއާއި ސުވާލުކުރިއެވެ. ސާރާ ވަރަށް ވިސްނަން ހުރެފައި ނާޝިދުގެ ނަން ބުންޏެވެ. އެއީ ނިޝާވެސް ބުނިގޮތުގައި އޭނާއަށް ވެސް ނުރައްކާ އޮތީ ނާޝިދުގެ ސަބަބުން ކަމަށް ނިޝާ ބުނެފައިވާތީއެވެ. އަދި ސާރާއާއި ނިޝާ ބައްދަލުކުރިކަން ނާޝިދުއަށް އެނގުމަކީވެސް އެކަށީގެންވާ ކަމެއްގެ ގޮތުގައި އޭނާ ގަބޫލުކުރިއެވެ. "ނާޝިދުމެން ކަހަލަ މީހަކު އަތުޖެއްސުމަކީ ފަސޭހަ ކަމަކަށް ނުވާނެ. މުޅިންވެސް ހެކި ނެތިގެން ކޯޓާއި ހަމައިން ދޫކޮށްލާ މީހުން އެއީ. އެކަމަކު މިފަހަރު ނުފޮރުޅާ އެންމެ ގަލެއްވެސް ދުލެއް ނުކުރާނަން." ޝިފާން އިރުކޮޅަކު ވިސްނަން ހުރެފައި ޖަވާބުދިނެވެ.

ސީންއިން އެމީހުން ދިޔުމާއެކު ސާރާ، ގޭގެ ދޮރު ރަނގަޅަށް ތަޅުލައި، ތަންޑު އެޅުވިއެވެ. އޭރުވެސް، އިގްބާލުގެ ހަބަރެއް ނުވެއެވެ. ސާރާގެ ހިތަށް ވެރިވެފައިވަނީ ދުވަހަކުވެސް އިހުސާސް ނުކުރާ ވަރުގެ ނުތަނަވަސްކަމަކާއި ހާސްކަމެކެވެ. އެހާ ލޯބިން އުޅެ އޭނާ ދޫކޮށްލާފައި ދިޔަ ލޯބިވެރިޔާގެ ސަބަބުން މިއަދު އޭނާއަށް ތަހައްމަލް ކުރަން ޖެހިފައި މިވަނީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟. "އަހަރެންނަށް މަލާޒަށް ނުދެވުނީ ކޮން ލޯތްބެއް ހެއްޔެވެ؟. ޖިހާދަށް ނުގޮސް އަހަރެން ކައިރިއަށް އެނބުރި އައިނަމަ އަހަރެމެން އުޅޭނީ ކޮންފަދަ އުފާވެރި ދިރިއުޅުމެއްކަން މަލާޒަށް އިހުސާސްވޭ ހެއްޔެވެ؟. މިފަދަ ސުވާލުތަކާއި، ވިސްނުން ތަކުން ސާރާގެ ސިކުނޑި ކަޅުކޮށްލިއެވެ. 

Advertisement

ކޮމެންޓް