އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީއެއް ހަދައިފި

19 Sep 2020 | 20:29

އޭޑީކޭ ހޮސްޕިޓަލްގެ ޓީމަކާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީއެއް ހަދައިފިއެވެ.

މި ނިއުރޯ ސާޖަރީ ހަދާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މިމަހުގެ 18ވަނަ ދުވަހުގެ އިރުއޮއްސި ހައެއް ޖަހާކަށްހާއިރު، 62 އަހަރުގެ ފިރިހެނެއްގެ ބޮލަށް ގެއްލުންލިބި ނާށިގަނޑަށް ލޭ އެޅިފައިވުމާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމުން އޭޑީކޭގެ ނިއުރޯ ސާޖަރީ ޓީމްގެ އެހީއަށް އެދުނު ކަމަށެވެ.

އަދި މި ކޭސްގެ ބާވަތުންނާއި ނާޒުކުކަމުން މާލެއަށް ބަލި މީހާ ބަދަލުކޮށް ސާޖަރީއެއް ހެދުމަކީ ރައްކާތެރިވާނެގޮތެއްކަމަށް ނުފެނުނުކަމަށް ވަނީ އެ ހޮސްޕިޓަލުން ބުނެފައެވެ.

އެހެންކަމުން އެމީހާގެ އަވަސް ސާޖަރީއެއް ހެދުމަށްޓަކައި ބޭނުންވާނެ އިކުއިޕްމެންޓާއި ޓީމެއް އައްޑޫއަށް ފޮނުވަން އޭޑީކޭ ހޮސްޕިޓަލުން ހުށައެޅިއެވެ. މިކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެއްބަސްވުމުން، އާސަންދަ މެދުވެރިކޮށް މިކަން ވަނީ ހަމަޖައްސާފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެދުވަހުގެ ރޭ 21:50 ހާއިރު ބޭނުންވާނެ ގިނަ ސާމާނުތަކާ އެކު އޭޑީކޭގެ ނިއުރޯސާޖަން ޑރ.އަލީ ނިޔާފް، ނިއުރޯސާޖަރީ ސްކްރަބް ނާރސް ޝަމްއޫނާ އަލީ އަދި ކްރިޓިކަލް ކެއަރ މެޑިކަލް އޮފިސަރ ޑރ.އަދީލް ޝަރީފް އައްޑޫ ސިޓީއަށް ފުރުވާލެވުނެވެ. އެއަށްފަހު މި ޓީމުން އެރޭ 23:45 ހާއިރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އޯޓީ ޓީމާއެކު އޮޮޕަރޭޝަންގައި ބައިވެރިވިއެވެ.

މި ޓީމުން ވަނީ ޑީކޮމްޕްރެޝަން ކްރެނިއެކްޓޮމީ އަދި ހެމަޓޮމާގެ އިވެކުއޭޝަނެއް ހަދާފައެވެ. އެއަށްފަހު ޕޭޝަންޓްގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވުމުން، އެދުވަހުގެ ފަތިހު 4:45 ހާއިރު އެ ޕޭޝަންޓް ވަނީ އޭޑީކޭއަށް ގެންދިއުމަށް ފުރުވާލެވިފައެވެ.

Advertisement

ކޮމެންޓް