ރައީސް މައުމޫންގެ ސަރުކާރުން ޖަލުތަކުގައި ސިސްޓަމެޓިކްކޮށް އަނިޔާތައް ދެމުން ގެންދިޔަ: އެމްޑީޕީ

20 Sep 2020 | 17:18

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ޖަލުތަކުގައި ސިސްޓަމެޓިކްކޮށް ބޮޑެތި އަނިޔާތައް ދެމުން ގެންދިޔަކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން މިފަދައިން ބުނެފައިވަނީ އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުން ފާހަގަކުރުމަށް ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި އެމްޑީޕީން ބުނީ އީވާން ނަސީމަށް ޖަލުގައި އަނިޔާކޮށް މެރުމާއި އެކަމާއި މެދު އިހުތިޖާޖުކުރި ގައިދީންގެ ގަޔަށް ބަޑިޖެހުމުގެ ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރުވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެންދިޔަ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޑީޕީން އިތުރަށް ފާހަގަކުރި ގޮތުގައި ރައީސް މައުމޫނުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހުވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައިނުވެއެވެ.

މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.

"ސިފައިން ތަޅައި އަނިޔާކޮށް މަރާލި އީވާން ނަސީމާއި އަދި އިޙްތިޖާޖުކުރުމުން ބަޑިޖަހައި މަރާލި އެންމެހައި ޤައިދީންގެ ފުރާނައަށް ސުވަރުގެ މިންވަރުކޮށްދެއްވުމަށް ދުޢާކުރާހިނދު، އާއިލާތަކަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާކުރަމެވެ"، ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި އުމުރުން 19 އަހަރުގެ ގައިދީއެއްކަމަށްވާ މ.އޭޝިއާ އީވާން ނަސީމް ނިޔާވެފައިވަނީ ޖަލުގައި ލިބުނު އަނިޔާތަކަކާ ގުޅިގެންނެވެ. މި މަރާއި ގުޅިގެން ޖަލުގެ މަޝްރަހު ހޫނުވެ، އެކަން ހައްލުކުރުމަށް އޭރު ޖަލު ބަލަހައްޓަމުންދިޔަ އެންއެސްއެސްގެ ފަރާތްތަކުން ބަޑިވެސް ޖެހިއެވެ.

އެކަމުގެ ސަބަބުން އިތުރު 3 މީހަކު ނިޔާވެ 17 މީހަކު ޒަޚަމްވިއެވެ. މިކަމާއި ގުޅިގެން ގިނަބަޔަކު ވަނީ ފުރަތަމަ ފަހަރަށް މަގުމައްޗަށް ނުކުމެ، އޭރުގެ ސަރުކާރާއި ދެކޮޅަށް ފާޅުގައި އަޑު އުފުލާފައެވެ.

Advertisement

ކޮމެންޓް