ދިވެހިރާއްޖެ-އެމެރިކާ ދީފާއީ އެއްބަސްވުމާއި މެދު ޗައިނާއިން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ގްލޯބަލް ޓައިމްސް

20 Sep 2020 | 16:54

ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދުގައި ދާދިފަހުން ސޮއިކުރެވުނު ދިފާއީ ދާއިރާއިން ގުޅުންތައް ބަދަހިކުރުމުގެ އެއްބަސްވުމާއި މެދު އިންޑިއާއިން ކަންބޮޑުނުވާނަމަ ޗައިނާއިން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށް އެގައުމުގެ ނޫހެއްކަމަށްވާ ގްލޯބަލް ޓައިމްސްގައި ބުނެފިއެވެ.

އެ ނޫހުގައި މިހެން ބުނެފައިވަނީ އެމެރިކާއާއި ދިވެހިރާާއްޖެއާއި ދެމެދު ދިފާއީ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް ޗައިނާގެ ނުފޫޒު ކުޑަކުރުމަށް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ބަހަށް ރައްދުދިނުމުގެ ގޮތުން ލިޔެފައިވާ "އޮޕީނިއަން ޕީސް" އެއްގައެވެ. މި ލިޔުން ލިޔުއްވާފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ކަންތައްތައް ދިރާސާކުރައްވާ ޗައިނާގެ ބޭފުޅެއްކަމަށްވާ ލޮންގ ޝިންގޗުންއެވެ.

މި ލިޔުމުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުން އެކުލަވާލެވިފައިވާ ގޮތާއި އަދި ދެގައުމުން އިސްވެރިން ބުނެފައިވާ ބަހަށް ބަލާއިރު، މިއީ އާދައިގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސަރަހައްދީ ސުލްހަމަސަލަސްކަމާއި ކުރިއެރުން ލިބޭނަމަ ސަރަހައްދުގެ އެހެން ގައުމުތަކާއި ދުނިޔެއިންވެސް މި އެއްބަސްވުމަށް އިހުތިރާމްކޮށް މަރުހަބާ ކިޔަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ލޮންގ ޝިންގޗުން ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމަކީ ވަކި ގައުމަކަށް ޓާގެޓް ކުރެވިގެން ގާއިމްކުރެވުނު އެއްބަަސްވުމަކަށް ވާނަމަ އެ ގައުމަކަށާް ހަގީގަތުގައި ވާންޖެހޭނީ އިންޑިއާއެވެ.

އެއީ އިންޑިއާ ކަނޑުގެ އެންމެ ބާރުގަދަ ގައުމުގެ ހައިސިއްޔަތުން އިންޑިއާއިން މި ސަރަހައްދަކީ އެގައުމުގެ ސްފިއަރ އޮފް އިންފްލޫއެންސްކަމަށް ގަބޫލުކުރުމާއި މި ސަރަހައްެދުގައި ސަރަހައްދުން ބޭރުގެ އެހެން ގައުމުތަކުން ހަރަކާތްތެރިވުމާއި މެދު އެގައުމުން އަބަދުވެސް ފާރަވެރިވުމެވެ.  މި ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ނުފޫޒު އަބަދުވެސް ވަރަށް ބޮޑަށް އޮވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ސަލާމަތުގެ ބޮޑުބައެއް ކަށަވަރުކޮށްދެނީ އިންޑިއާއިންކަމުން، އެހެން ގައުމުތަކުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުން އެލާޓްވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ލިޔުމުގައި ވަނީ ދިވެހިރާއްޖެއާ އެމެރިކާއާއި ދެމެދުގައި ވެވުނު އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތީ ރޮނގުގައި އޮތް އިންޑިއާގެ "މޮނޮޕޮލީ" ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން އެ އެއްބަސްވުމާއި މެެދު އިންޑިއާއިން ކަންބޮޑު ނުވާނަމަ ޗައިނާއިން ކަންބޮޑުވާންވީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

ކޮމެންޓް