މި ހާލަތުގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ޗައިނާއިން ގަބޫލުކުރަން: ސަފީރު

20 Sep 2020 | 16:34

ދިވެހިރާއްޖޭގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ޗައިނާގެ މާލީ އިދާރާތަކުން ނަގާފައިވާ ކޮމާޝަލް ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދިނުމާއި މެދު މަޝްވަރާކުރެވެމުންދާ ކަމަށް ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާންގ ލިޝޮންގ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ޓްވިޓަރ މެދުވެރިކޮށް އާންމުކުރެއްވި ވީޑިޔޯ މެސެޖެއްގައެވެ. 

ޗައިނާގެ ސަފީރު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ޗައިނާ ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި ޖީ20 ޑެޓް ސަސްޕެންޝަންގެ ދަށުން މިހާރުވެސް ދެގައުމުގެ މެދުގައި ނެގިފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދެވިފައިވާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަދި ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ދޫކޮށްފައިވާ ކޮމާޝަލް ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމާއި މެދު މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް ޗައިނާގެ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. ސަފީރު ޝާންގ ވިދާޅުވި ގޮތުގައި މިފަދައިން ލޯނުތައް ނަގާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެއް އަމިއްލަ ފަރާތަކުން ކަމަށެވެ.

އަދި ކޮމާޝަލް ލޯނުތައް އަނބުރާ ދެއްކުމާއި މެދު ޗައިނާގެ މާލީ އިދާރާތަކުން އެފަރާތްތަކުގެ ބައިވެރިންނާ އެކު ސީދާ މަޝްވަރާކުރުމަށް އެގައުމުން ބާރުއަޅާކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ ވަނީ މިހާރު ކުރެވެމުންދާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމަށް ގަބޫލު ކުރެއްވޭކަމަށްވެސް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement